Roadha Mihaaru
އުރީދޫ-ދިރާގު ކޭބަލް މި އަހަރު ފަހުކޮޅު އަޅައި ނިމޭނެ

އުރީދޫ-ދިރާގު ސަބްމެރިން ކޭބަލް މި އަހަރު ފަހުކޮޅު އަޅައި ނިމޭނެ

06 ޖޫން 2020

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅަން ނިންމާފައިވާ ސަބްމެރިން ކޭބަލް މި އަހަރު ފަހުކޮޅު އަޅައި ނިމޭނެ ކަމަށް ވާވޭ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅަން ނިންމާފައިވާ ސަބްމެރިން ކޭބަލް މި އަހަރު ފަހުކޮޅު އަޅައި ނިމޭނެ ކަމަށް ވާވޭ ކުންފުނިން ބުނެފި އެވެ.

ސަބްމެރިން ކޭބަލްގެ މަސައްކަތް ވާވޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ކުންފުނީގެ ދަށުން ހިންގާ "ވާވޭ މެރައިން" އިން ވަނީ މި ކޭބަލް އެޅުމަށް ކުރަން ޖެހޭ ކަނޑުގެ ދިރާސާތައް ކޮށް ނިންމާލައިފަ އެވެ.

އެ ދިރާސާއަށް ފަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއިން ފެށިގެން ލަންކާގެ މައުންޓް ލެވީނިއާއާ ދެމެދު ކޭބަލް އެޅުމަށް ނެޓްވޯކު ރަނގަޅުވާނެ ފުންމިން ހުރި ރޫޓެއް ބަލާފައިވާނެ ކަމަށެވެ. އަދި ކޭބަލް އަޅާނެ ޑިޒައިން ތައްޔާރު ކުރާނެ ގޮތްތައް ވެސް މި ދިރާސާގައި ބަލާފައިވާނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ދިރާގާއި އުރީދޫ ހިއްސާވާ މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ. މި ކޭބަލް އަޅަން ނިންމާފައި ވަނީ 3،700 މީޓަރު އަޑީގަ އެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ދިރާގާއި އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެ އެވެ.

އުރީދޫން ވަނީ ދިރާސާ ކުރުމުގެ މަސައްކަތް ހަވާލުކުރި މުއްދަތަށް ނިންމާފައިވާތީި ވާވޭ މެެރައިނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކޭބަލް ޕްރޮޖެކްޓު ވެސް ލަފާ ކޮށްފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ރާއްޖެ އާއި ލަންކާއާ ދެމެދު މިހާރު ވެސް ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ. ދިރާގާއި އުރީދޫ ގުޅިގެން އަލަށް އަޅާ މި ކޭބަލް ވާނީ މިގޮތަށް ރާއްޖޭގައި އަޅާ ތިން ވަނަ ކޭބަލަށެވެ. މި ކޭބަލްގެ 45 ޕަސެންޓު ދިރާގުން ހިއްސާވާއިރު އުރީދޫން ވެސް 45 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 10 ޕަސެންޓް ހިއްސާއަކީ ސްރީ ލަންކާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާގެ ހިއްސާ އެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުވެ، އޭގެ މަންފާ ޓެލެކޮމް ކުންފުނިތަކަށް ކުރާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ. ހާއްސަކޮށް، ޓެލެކޮމް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ބޮޑު ފަސޭހައެއް ލިބި ދުނިޔެ އަށް އީޖާދުވާ އާ ޓެކްނޮލޮޖީތައް ރާއްޖެ އަށް ގެނައުމަށްޓަކައި މުވާސަލާތީ ކުންފުނިތަކަށް ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.