Roadha Mihaaru
މަދޫރީގެ ފުރަތަމަ އޮޑިޝަން: ހީކުރި ވަރަށް ވުރެ ފަސޭހަ

މަދޫރީގެ ފުރަތަމަ އޮޑިޝަން: ހީކުރި ވަރަށް ވުރެ ފަސޭހަ

07 ޖޫން 2020

ބޮލީވުޑްގެ ފިލްމަކުން ފުރުސަތެއް ހޯދަން އޮޑިޝަނަކުން ފާސްވުމަކީ ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަކޮޕށް ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތް މީހުންނަށް މި ތަޖުރިބާ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމަށްވެ އެވެ. ބަތަލާ މަދޫރީ ޑިކްސިޓް ވެސް އިންޓަވިއުއެއްގައި ހިއްސާކޮށްފައި މިއޮތީ އެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ފިލްމަކުން ފުރުސަތެއް ހޯދަން އޮޑިޝަނަކުން ފާސްވުމަކީ ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަކޮޕށް ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތް މީހުންނަށް މި ތަޖުރިބާ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމަށްވެ އެވެ. ބަތަލާ މަދޫރީ ޑިކްސިޓް ވެސް އިންޓަވިއުއެއްގައި ހިއްސާކޮށްފައި މިއޮތީ އެ ވާހަކަ އެވެ.

އޭނާގެ އަލަތު ފިލްމަކީ ރާޖްޝްރީ ޕްރޮޑަކްޝަނުން 1984 ގައި ގެނެސްދިން "އަބޯދު" އެވެ. އެ ސްޓޫޑިއޯ އަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެއް ފަހުން ގެނެސްދިން ސްޓޫޑިއޯއެކެވެ. އޭގެ ތެރޭގައި 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އާއި 1994 ގައި މަދޫރީ ކުޅުނު "ހަމް އާޕް ކޭ ހޭ ކޯން" ހިމެނެ އެވެ.

"އަބޯދު" ގެ އޮޑިޝަނުގެ ތަޖުރިބާ ހިއްސާކުރަމުން މަދޫރީ ގޮތުގައި އެ ފިލްމުގެ ބަތަލާ އަކީ ރަށްފުށުގެ އަންހެން ކުއްޖެއްގެ ރޯލެވެ. އޭނާގެ ދިގު އިސްތަށިގަނޑެއް ވެސް އޮންނަން ޖެހެ އެވެ. އެކަމަކު ފިލްމުގެ އޮޑިޝަނަށް އެންމެ 16 އަހަރުގައި ދިޔަ އިރު، މަދޫރީގެ އޮތީ ވަރަށް ކުރު އިސްތަށިގަނޑެކެވެ.

"އެހެންވެ އޮޑިޝަން ހެދީ ވިގެއް ޖަހައިގެން،" އޭނާ ބުންޏެވެ.

އެ ހަނދާންތައް އާކުރަމުން މިހާރު 53 އަހަރުގެ ބަތަލާ ބުނީ އޮޑިޝަން ދިޔައީ ކުރިން އުންމީދުކުރި ގޮތަށް ނޫން ކަމަށެވެ.

"އަހަރެން ހީކުރީ އޮޑިޝަނުގައ ކިޔައިދޭނެ ކަމަށް ހަދަންވީ ގޮތް. އެކަމަކު މޭކަޕްކޮށްގެން ގެންދިޔަ ގޮތަށް ހަމަ ކެމެރާއެއްގެ ކުރިމައްޗަށް ދޫކޮށްލީ. އެ ހިސާބުން އަހަންނަށް ޖެހުނީ ހިތްވަރުކޮށްފައި އަމިއްލަ ހުނަރު ނެރެން،" މަދޫރީ ބުންޏެވެ. "ޖަހާފައި ހުރި މިއުޒިކަށް އޮޑިޝަނުގައި އަމިއްލަ ސްޓެޕްތަކަށް ވަރަށް އެކްސްޕްރެޝަންތަކާ އެކު ނަށައި، އަމިއްލަ ޑައިލޮގްތަކެއް ޑެލިވަކުރީ. އެއީ ދެން ވަރަށް އުންމީދުނުކުރާ ކަހަލަ ކަމެއް."

މަދޫރީ ބުނި ގޮތުގައި ނަސީބު ދިމާކުރި ގޮތުން އޮޑިޝަން އެހާ އުނދަގުލެއް ނޫނެވެ. ސަބަބަކީ ސްކޫލްގައި ވެސް އޭނާ އެކިއެކި ސްޓޭޖް ހަރަކާތްތަކުގައި ބައިވެރިވެ، ނެށުމާއި އެކްޓްކުރުން ފަދަ ކަންކަމުގައި ބައިވެރިވެފައި އޮތުމެވެ.

އެހެންވެ "އަބޯދު" ގެ އޮޑިޝަނުން މާ އުނދަގުލަކާ ނުލައި ފާސްވެ، އެ ފިލްމުގެ ބަތަލާގެ ރޯލް މަދޫރީ އަށް ލިބުނެވެ. "އަބޯދު" އަކީ ހިރެން ނާގް ޑައިރެކްޓްކުރި ފިލްމެކެވެ. މަދޫރީއާ އެކު ފިލްމުގެ ބަތަލުގެ ރޯލް ކުޅުނީ ތަޕަސް ޕޯލެވެ.

"އަބޯދު" ރިލީޒްކުރީ އޮގަސްޓް 10، 1984 ގަ އެވެ. އެ ފިލްމުން ބޮލީވުޑްގެ ދަތުރު ފެށި ނަމަވެސް މަދޫރީ ތަރިއަކަށް ބަދަލުކޮށްލީ އަނިލް ކަޕޫރާ އެކު 1988 ގައި ކުޅުނު "ތޭޒާބު" އިންނެވެ. އެ ފިލްމަކީ މަދޫރީގެ ނެށުމުގެ ހުނަރުގެ ޖާދޫގައި ވެސް އެތައް ބަޔަކު ޖެއްސުވި ފިލްމެކެވެ. އެއީ އަދިވެސް މަޝްހޫރު ލަވައެއް ކަމަށްވާ "އޭކް ދޯ ތީން" އިންނެވެ.

"ތޭޒާބް" އާ ހަމައަށް ދެވުމުގެ ކުރިން މަދޫރީ "އަބޯދު" އާ ހިމަނައިގެން އަށް ފިލްމެއް ކުޅުނެވެ.

ފުރަތަމަ އޮޑިޝަނުން ފަސޭހަކަމާ އެކު ފާސްވެ، މަދޫރީގެ އެކްޓިން ކެރިއަރު އަހަރަކަށް ފަހު އަހަރެއް ދިޔައީ ކުލަގަދަވަމުންނެވެ. އޭނާގެ މަޝްހޫރުކަމާއި ނެށުމާއި އެކްޓިންގެ ހުނަރާ އެކު، އެތައް ފުރުސަތެއް ލިބެމުން ދިޔަ އެެވެ.

އެގޮތުން 80 އާއި 90ގެ އަހަރުތަކުގައި މަދޫރީ އަކީ ބޮލީވުޑްގައި އެންމެ ވިދައިިލި އެއް ބަތަލާ އެވެ. ކާމިޔާބު އެތައް ފިލްމެއް އޭނާ ކުޅެފައިވެ އެވެ. އެތައް އެވޯޑެއް ވެސް ހޯދާފައިވެ އެވެ.

ދެ ކުދިންގެ މަންމަ ކުޅުނު ފިލްމުތަކުގެ އަދަދު 70 އާ ގާތްކުރެ އެވެ. އަދިވެސް މަދޫރީ އަކީ ހިންދީ ސިނަމާގެ ފަނޑުވުމެއް ނެތް މޫނެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ކަލަންކް" އެވެ.