Roadha Mihaaru
ޖޫހީ ވެސް ބަންސާލީގެ "ހީރާމަންޑީ" އަށް

ޖޫހީ ވެސް ބަންސާލީގެ "ހީރާމަންޑީ" އަށް

01 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބްސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބްސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ކުރީގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ހަފާ މި ސީރީޒް މިދިޔަ މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރި ނަމަވެސް އޭގެ ކާސްޓުންނާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އަދި ބަންސާލީގެ ފިލްމު ކުންފުނިން ހާމައެއްނުކުރެ އެވެ. އެކަމަކު ކުރިން އަޑުއަރާފައިވާ ގޮތުން "ހީރާމަންޑީ" ގެ މައިގަނޑު ބަތަލާ އަކީ ސޮނާކްޝި ސިންހާއާ އެވެ.

އޭނާއާ އެކު މިއިން ވަރަށް ގިނަ ބަތަލާއިން ހާއްސަ ފެނިލުންތަކުން ފެންނާނެ އެވެ. އެގޮތުން ޖުމްލަ 18 ވަރަކަށް މަޝްހޫރު ބަތަލާއިން "ހީރާމަންޑީ" ގެ ކާސްޓްގައި ހިމެނޭ ކަމަށް ނޫސްތަކުން ބުނެ އެވެ. އޭގެ ތެރޭގައި ހުމާ ގްރޭޝީ، މަނީޝާ ކޮއިރަލާ، ނިމްރަތު ކޯރް، ޑަޔާނާ ޕެންޓީ އަދި ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ސަންޖީދާ ޝައިހް ހިމެނެ އެވެ. މީގެ އިތުރުން މަދޫރީ ޑިކްސިޓް ވެސް ލަވައަކުން ފެންނާނެ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ބުންޏެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަށް އެޕިސޯޑަށް ހަދާ "ހީރާމަންޑީ" ގައި ޖޫހީ ވެސް ފެންނާނީ ހާއްސަ ފެނިލުމަކުންނެވެ. އަދި މިކަމާ ބެހޭ ގޮތުން އޭނާ މިދިޔަ ހަފުތާގައި ބަންސާލީގެ އޮފީހަށް ޒިޔާރަތްކޮށް، މަޝްވަރާ ވެސް ކޮށްފައިވެ އެވެ. އަދި ވަރަށް އަވަހަށް ޖޫހީ އޭނާގެ ބައި ޝޫޓްކޮށް ނިންމާނެ އެވެ.

ނުވަދިހައިގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނުނު ޖޫހީ، 53، މިހާތަނަށް ބަންސާލީއާ އެކު މަސައްކަތްކޮށްފައެެއް ނުވެ އެވެ.

މީޑިއާތަކުން ބުނީ ވަރަށް ގްރޭންޑްކޮށް ހަދާ "ހީރާމަންޑީ" ގެ ފުރަތަމަ އެޕިސޯޑް ބަންސާލީ ޑައިރެކްޓްކުރާ އިރު، ބާކީ ހުރި އެޕިސޯޑްތައް ޑައިރެކްޓްކުރާނީ އޭނާ 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީ އެވެ.