Roadha Mihaaru
މަދޫރީ އާއި ރަވީނާގެ ނުހެދުނު ފިލްމަކީ "ޗޫޅިޔާ"

މަދޫރީ އާއި ރަވީނާގެ ނުހެދުނު ފިލްމަކީ "ޗޫޅިޔާ"

28 ޖޫން 2021

އެކީގައި ކުޅެން މިހާތަނަށް ސޮއިކުރި ހަމައެކަނި ފިލްމު "ޗޫޅިޔާ" އަކީ ވަކި ހިސާބަކުން ހުއްޓައިލަން ޖެހި، ނުހެދުނު ފިލްމެއް ކަމަށް، މަޝްހޫރު ބަތަލާއިން ކަމަށްވާ ރަވީނާ ޓަންޑަން އާއި މަދޫރީ ޑިކްސިޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކީގައި ކުޅެން މިހާތަނަށް ސޮއިކުރި ހަމައެކަނި ފިލްމު "ޗޫޅިޔާ" އަކީ ވަކި ހިސާބަކުން ހުއްޓައިލަން ޖެހި، ނުހެދުނު ފިލްމެއް ކަމަށް، މަޝްހޫރު ބަތަލާއިން ކަމަށްވާ ރަވީނާ ޓަންޑަން އާއި މަދޫރީ ޑިކްސިޓް ބުނެފި އެވެ.

މި ދެ ތަރިން މި ވާހަކަ ދެއްކީ ކަލާޒްގެ "ޑާންސް ދީވާނޭ 3" ގެ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގަ އެވެ. މަދޫރީ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޝޯގައި ރަވީނާ މެހުމާނެއްގެ ގޮތުގައި ބައިވެރިވި އެޕިސޯޑްގައި ބުނީ އޭނާ އަކީ މަދޫރީގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އެގޮތުން އަބަދު ވެސް މަދޫރީއާ އެކު ފިލްމެއް ކުޅެން ބޭނުންވި ކަމަށާއި އެފަދަ ފުރުސަތަކަށް އިންތުޒާރުކުރަމުން ދަނިކޮށް "ޗޫޅިޔާ" ކިޔާ ފިލްމަކުން ފުރުސަތު ލުބުނު ކަމަށް ބުންޏެވެ.

ރަވީނާގެ މި ވާހަކަތަކާ އެކު އެ ފިލްމުގެ ޕޯސްޓަރު ވެސް ޝޯގެ ތެރޭގައި ދެއްކި އެވެ. އޭގައި ފެންނަނީ މަދޫރީ ސަންޖޭ ދަތާއި ރަވީނާ އެވެ. ރަންވީނާ އިންނަނީ ހުދު ކުލައިގެ ކޮތަރަކާ އެކީގަ އެވެ. އެ ފިލްމަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ހަނގުރާމަ ފިލްމު 1997 ގެ "ބޯޑާ" ގެނެސްދިން ޖޭޕީ ދައްތާގެ ފިލްމެކެވެ.

ރަވީނާ ބުނި ގޮތުގައި "ޗޫޅިޔާ" ގެ މަސައްކަތް ހުއްޓުނީ ޕްރޮޑިއުސަރުންނަށް ދިމާވި މައްސަލަތަކަކާ ހެދި އެވެ. އެހެންވެ ފަހުން އެ ފިލްމު ހެދޭ ގޮތެއް ނުވި ކަމަށް ބުންޏެވެ.

"މަދޫރީއާ އެކު އެއް ފްރޭމަކުން ފިލްމަކުން ފެނިލަން މިހާތަނަށް އުންމީދެއް ލިބުނު ހަމައެކަނި ފިލްމަކީ އެއީ. އެކަމަކު އޭގެ މަސައްކަތް ހުއްޓި ފަހުން ފިލްމު ބެލުންތެރިންނަށް ގެެނެސްދެވޭ ގޮތެއް ނުވި." އޭނާ ބުންޏެވެ.

ނުވަދިހައިގެ ތެރޭގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރަވީނާ ބުނި ގޮތުގައި މަދޫރީ އަކީ އަބަދު ވެސް ވަރަށް ސަޕޯޓްކުރާ ބަތަލާއެކެވެ. އަދި ދެ ތަރިންގެ ފިލްމުތަކެއްގެ މަސައްކަތް އެއް ސްޓޫޑިއޯއެއްގައި ކުރާކަން އެނގިއްޖެ ނަމަ ކަމާކަން ފަށާފައި ގޮސް މަދޫރީގެ ސެޓްގައި އޭނާގެ މޭކަޕް ރޫމްގައި މަންޒަރު ބަލަން ހުންނަ ކަމަށް ބުންޏެވެ.

"އަހަރެން އަދިވެސް ވަރަށް އުންމީދުކުރަން މަދޫރީއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ލިބޭނެ ކަމަށް." ރަވީނާ ބުންޏެވެ.

އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން ޑޭވިޑް ދަވަން 1998 ގައި އަމީތާބް ބައްޗަނާއި ގޯވިންދާއާ އެކު ގެނެސްދިން "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ލަވައެއް މަދޫރީ ކުޅުނެވެ. އެކަމަކު އެ ލަވައިގައި ވެސް މަދޫރީއާ އެކު ސްކްރީން ހިއްސާކޮށްލާނެ ފުރުސަތެއް ނުލިބުނުކަން ރަވީނާ ފާހަގަކުރި އެވެ.

މަދޫރީ ވެސް ބުނީ ރަވީނާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށާއި ދެ ތަރިން އެކީގައި ފިލްމަކަށް ކުރެވޭ އުންމީދު އަދިވެސް ގެއްލުވައިނުލާ ކަމަށެވެ.

މި ވާހަކަތަކާ އެކު ދެ ތަރިން ވަނީ ސްޓޭޖްގައި އެކަކު އަނެކަކު ލަވަތަކަށް ނަށައިފަ އެވެ. މަދުރީ ނެށީ ރަވީނާ އެންމެ ހިޓް އެއް ލަވަ ކަމަށްވާ 1994 ގެ "މޮހްރާ" ގެ "ޓިޕް ޓިޕް" އަށެވެ. ރަވީނާ ނެށީ މަދޫރީގެ އެންމެ ހިޓް އެއް ކަމަށްވާ 1992 ގެ ފިލްމު "ބޭޓާ" ގެ "ދަކް ދަކް" އަށެވެ.