Roadha Mihaaru
އައިމާ އިން އިންޑިއާގެ 168 މުވައްޒަފަކު ފުރުވާލައިފި

އައިމާ އިން ޗާޓަރު ފްލައިޓެއްގައި އިންޑިއާގެ 168 މީހަކު ފުރުވާލައިފި

06 ޖޫން 2020

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އައިމާގެ 168 އިންޑިއާ މުވައްޒަފަކު ޗާޓަރު ފްލައިޓެއްގައި ގައުމަށް ފޮނުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އައިމާގެ 168 އިންޑިއާ މުވައްޒަފަކު ޗާޓަރު ފްލައިޓެއްގައި ގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން ފޮނުވާފައިވަނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މަހުގެ ހަތަރު ވަނަ ދުވަހު އެ ގައުމުން ޗާޓަރު ފްލައިޓެއް ގެނެސްގެންނެވެ. އެ ދުވަހު ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އިންޑިއާ މީހުން ވަނީ އެ ގައުމަށް ފޮނުވައިފަ އެވެ.

އައިމާ އިން ބިދޭސީން ފޮނުވާލީ ތިލަފުށީގައި މިދިޔަ ހަފްތާ ތެރޭގައި އެ ކުންފުނީގެ ބިދޭސީން މުވައްޒަފުން ހަމަނުޖެހުންތަކެއް ހިންގާފައި ވަނިކޮށެވެ. އެނގިފައިވާ ގޮތުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ މުސާރަ ނުދީގެންނާއި ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ ފުރުސަތު ހަމަނުޖެހިގެންނެވެ.

ތިލަފުށީގައި ހަޅުތާލުކުރުމުގައި އިސްކޮށް އުޅުނީ އައިމާ އިން ރިސޯޓެއް ހެދުމުގެ މަސައްކަތުގައި ގެންގުޅެނިކޮށް، އެ ތަނުގައި ހަަމަނުޖެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔަ ބައެއް ކަމަށް އެނގިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ އާއި ބަންގްލަދޭޝް މީހުންނެވެ. މި މީހުން ތިލަފުއްޓަށް ކުއްލިއަކަށް ގެންދަން ޖެހުމުން އެ މީހުން ގެންގުޅުނީ ފެންވަރު ދަށް، ގުދަނެއްގެ ތެރޭގައި ކަމަށް ވެސް އެނގިފައިވެ އެވެ.

ތިލަފުށީގައި ހިންގި ހަމަނުޖެހުމުގައި 133 ބިދޭސީއަކު ފުލުުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އޭގެ ތެރެއިން ހަތް މީހަކު ފިޔަވައި އެންމެން ވަނީ ދޫކޮށްލާފަ އެވެ. އެ ހަތް މީހުންނަކީ ވެސް އިންޑިއާގެ ހަތް ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބިދޭސީން ފޮނުވާލުމާ ބެހޭ ގޮތުން އައިމާ ކޮންސްޓްރަކްޝަންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.