Roadha Mihaaru
ތިން ރަށަކަށް ޕީސީއާރު މެޝިން ހޯދަނީ

ތިން ރަށަކަށް ޕީސީއާރު މެޝިން ހޯދަނީ

08 ޖޫން 2020

ކޮވިޑް-19 ޖެހިފައި ހުރިތޯ ބަަލަން ޕީސީއާރު ޓެސްޓްކުރާ މެޝިންތައް އައްޑު އާއި ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓަށް ހޯދަމުން އަންނަ ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހިފައި ހުރިތޯ ބަަލަން ޕީސީއާރު ޓެސްޓްކުރާ މެޝިންތައް އައްޑު އާއި ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓަށް ހޯދަމުން އަންނަ ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހަައްދުތައް ކޮވިޑް-ރެސްޕޮންސް އަށް ތައްޔާރު ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެ ތިން ރަށަށް ޕީސީއާރު މެޝިން ހޯދުމުގެ މަަަަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މެޝިންތައް ގެންނާނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ނަޔާޒް ވިދާޅުވި ގޮތުގައި ޕީސީއާރު މެޝިން ބަހައްޓަންް ހަމަޖެހިފައިވާ ތިން ހޮސްޕިޓަލުގެ ތެރެއިން ކޮންމެ ހޮސްޕިޓަލަކުން ވެސް ދެ ލެބް ޓެކްނީޝަނުން، އެ މެޝިން އޮޕަރޭޓްކުރަން ތަމްރީނުކޮށް މިހާރު ވަނީ ނިމިފަ އެވެ.

"އިއްޔެ އެ ނިންމެވީ. ނިންމަވާފައި އެ ބޭފުޅުން މިހާރު [ރަށް ރަށަށް] އެ ވަޑައިގަންނަވަނީ،" އޭނާ ވިދާޅުވި އެވެ.

އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓްކުރަން މީގެ ކުރިން ހަމަޖައްސަން އުޅުނު އިންތިޒާމަކީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓްކުރަން ބޭނުންކުރާ ޖީންއެކްސްޕާޓް މެޝިންތަކުގައި ބޭނުންކުރާ ކާޓްރިޖްތަކެއް ގެނެސް ގެން ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހެދުމެވެ. އެއީ ޑަބްލިއެޗްއޯއިންް އުފައްދަން މަސައްކަތް ކުރާ ކާޓްރިޖްތަކެކެވެ. އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ނޭނގެ އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ހާއްސަކޮށްގެން ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި އެ ތަންތަނަށް ބޭނުންވާ އިކުއިޕްމެންޓް ވެސް މިހާރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ތަންތަނުގައި ފަރުވާދޭނެ އުސޫލުތައް ކަނޑައަޅައި، އިތުރު ތަމްރީނު ދޭން ޖެހޭ ޑޮކްޓަރުން ތަމްރީނު ޕްރޮގްރާމް އަންނަ ހަފްތާގައި ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ގާއިމްކުރި ފެސިލިޓީތައް

އައްޑޫ- ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: އައިސީޔޫ 23 އެނދާއި އައިސޮލޭޘަނަށް 22 އެނދު

ބ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު

ށ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު

ގއ. އަތޮޅު ހޮސްޕިޓަލް: އައިސީޔޫ 23 އެނދާއި 12 އައިސޮލޭޝަން އެނދު

ލ. ގަން ރީޖަނަލް ހޮސްޕިޓަލް: އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު