Roadha Mihaaru
ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ހޯދި އަދަދު ދަށަށް

ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ހޯދި އަދަދު ދަށްވެއްޖެ

08 ޖޫން 2020

ނޭވާލާ ނިޒާމުގެ ބަލިތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނޭވާލާ ނިޒާމުގެ ބަލިތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އޭޑީކޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ނޭވާލާ ނިޒާމުގެ ބަލިތަކަށް މިދިޔަ އަހަރު އެކަނިވެސް 41،073 މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދި އެވެ. ނަމަވެސް މި އަހަރު ދެބައިވީއިރު މިހާތަނަށް އެ ބަލިތަކުގައި ފަރުވާ ހޯދީ 8،040 މީހުންނެވެ. މިއީ މީގެ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ.

އެފަދަ ބަލިތަކުގައި 2016 ވަނަ އަހަރު 27،191 މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދައިފައިވާއިރު 2017ގައި 33،852 މީހުން ވަނީ ފަރުވާ ހޯދައިފަ އެވެ. އަދި 2018 ވަނަ އަހަރު 36،132 މީހުން ފަރުވާ ހޯދި އެވެ.

އޭޑީކޭއިން އާންމު ކުރި ތަފާސް ހިސާބު

މި އަހަރު އެންމެ ގިނަ މީހުން އެއް ދުވަހެއްގައި އެފަދަ ބަލިތަކަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދީ މިދިޔަ ފެބުރުއަރީ 1 ގަ އެވެ. އެ ދުވަހު އެކަނި 151 މީހަކު ވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދައިފަ އެވެ.

އޭގެ ފަހުން އާއްމު ވަރެއްގައި ހިފެހެއްޓުމަށް ފަހު، ހިސާބުތަކުގައިވާ ގޮތުން އެޕްރީލް 15 އިން ފެށިގެން އަނެއްކާވެސް ފަރުވާ ހޯދި މީހުންގެ އަދަދު އިތުރުވި އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނި މާލެ ލޮކްޑައުންކުރީ އެޕްރީލް، 15، ގަ އެވެ.

އޭޑީކޭ އިން ބުނީ އޭޕްރީލް 16ގައި 22 މީހަކު ވަނީ އެފަދަ ބަލިތަކުގައި ފަރުވާ ހޯދައިފަ އެވެ. އަދި އެ މަސް ނިމެންދެން އެވެރެޖްކޮށް ގިނަ ބަޔަކު ދިޔައީ އެފަދަ ބަލިތަކުގައި ފަރުވާ ހޯދަމުންނެވެ.

ނަމަވެސް މިދިޔަ މަހާއި މިމަހުގެ މިހާތަނަށް އެފަދަ ބަލިތަކުގައި ފަރުވާ ހޯދާ މީހުންގެ އަދަދު އެހެން މަސްތަކާ އަޅާ ބަލާއިރު ބޮޑުތަނުން ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު އެންމެ ގިނައިން އެފަދަ ބަލިތަކުގައި ފަރުވާ ހޯދީ 17 ވަނަ ދުވަހެވެ. އެ ދުވަހު 13 މީހަކު ވަނީ ފަރުވާ ހޯދި އެވެ. މި މަހު މިހާތަނަށް އެފަދަ ބަލިތަކުގައި އެންމެ ގިނަ މީހުން ފަރުވާ ހޯދައިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު ފަރުވާ ހޯދީ ނުވަ މީހުންނެވެ.

އޭޑީކޭގެ އޮންލައިން ފްލޫ ކްލިނިކަށް 1،404 މީހުން މިހާތަނަށް ދައްކާފައިވާއިރު އެ އަދަދުތައް ވެސް ދުވަހުން ދުވަހަށް ވަނީ ދަށަށް ދާން ފަށައިފަ އެވެ. މިދިޔަ މާޗް މަހުގެ 14ގައި އެ ކްލިނިކް ހުޅުވި ދުވަހު ވެސް 88 މީހުން ހިދުމަތް ހޯދި އެވެ. ނަމަވެސް މީހުން ފަރުވާ ހޯދާވަރު މަޑުމަޑުން ދަށަށް ގޮސް ކޮވިޑް-19 އަށް މާލޭން މީހަކު ޕޮޒިޓިވްވި ދުވަހުން ފެށިގެން އަނެއްކާވެސް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވާން ފެށި އެވެ.

އެގޮތުން މާލޭން މީހަކު ޕޮޒިޓިވްވި ދުވަހާއި ޖެހިގެން އައި ދުވަހު 30 މީހުން ޑޮކްޓަރަށް ދެއްކި އެވެ. އަދި އޭޕްރީލް 20 ވަނަ ދުވަހު 45 މީހަކު ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. ނަމަވެސް މިދިޔަ މަހުގެ 10 އަކުން ފެށިގެން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު ދުވަހު ވެސް ފްލޫ ކްލިނިކަށް ދައްކައިފައިވަނީ އެންމެ މީހެކެވެ.

އެޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މިއީ، ރަނގަޅެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވި މައިގަނޑު އެއް ސަބަބަކީ ލޮކްޑައުުންގެ ސަބަބުން ގިނަ ބަޔަކު ގޭގައި ތިބެން ޖެހުން ކަމަށް އަފްއާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކި ކަހަލަ ރޯގާތައް ޖެހޭވަރު މި ދުވަސްވަރު ވަރަށް ބޮޑުތަނުން ވަނީ ދަށްވެފަ އެވެ.

"ކުޅެންގޮސް، ދުއްވަންގޮސް އެގޮތަށް ބޭރު ތެރޭގައި އުޅޭ މިންވަރު މަދުވީމައި ރޯގާ މަދުވާނެ ކަމަށް ބެލެވޭ. އަދި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކަންކަމަށް ސަމާލުކަން ދޭލެއް ބޮޑުވެ ސާފުތާހިރު ކަމަށް އިސްކަން ދިނީމަ ވެސް މިފަދަ ބަލިތައް މަދުވާނެ،" އަފްއާލް ވިދާޅުވި އެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން ޗިކަންގުންޏާ ފަދަ ބަލިތަކުގައި ވެސް ފަރުވާ ހޯދާ މީހުންގެ އަދަދު އެހެން އަހަރު ތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ސަބަބުން ކުރިން ޑޮކްޓަރަށް ދައްކަން ދާ ގޮތަށް ނާދެވޭތީވެސް ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވުން އެކަށީގެންވެ އެވެ. އެ ހޮސްޕިޓަލުން ވެސް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައިވާއިރު ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު 70 ޕަސެންޓް ދަށް ވެއްޖެ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ކޮވިޑް-19 ނޫން ހުރިހާ ބަލިތަކަކަށް އޭޑީކޭއިން މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޮންލައިންކޮށް ސްޕެޝިއަލިސްޓުންނަށް ވެސް ގުޅައިގެން ފަރުވާ ހޯދެ އެވެ. އަދި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭނަމަ އެ އިންތިޒާމުވެސް ހަމަޖައްސައިދެ އެވެ.