Roadha Mihaaru
އެއް މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްފި

އެއް މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްފި

04 އޯގަސްޓް 2020

އެއް މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުން ގަދަވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.

އެއް މަހުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުން ގަދަވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލި ޖެހުނު އެ ކުއްޖާ އޮތީ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައި ކަމަށެވެ. ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާއިރު، އެއް މަހުގެ ކުއްޖަކު އެޑްމިޓްކޮށްފައިވާ ކަމުގެ މެސެޖް ޑރ. ފައިސަލް މި ދެއްވީ އާއްމުން އިތުރަށް ރައްކާތެރިވެ ތިބުމުގެ ނަސޭހަތެއްގެ ގޮތުންނެވެ.

މީގެކުރިން ދޮޅު މަހުގެ ކުއްޖަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދީފައިވެ އެވެ.

މިއީ ވަކި ހާއްސަ ފަރުވާއެއް އޮތް ބައްޔަކަށް ނުވާތީ، ކޮންމެ މީހަކަށް ވެސް ފަރުވާ ދެނީ އެ މީހެއްގެ ކިބައިން ފެންނަ އަލާމަތްތަކާ ގުޅޭ ގޮތުން އެ ކަމަކަށް ކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ފައިސަލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އިން ބަލި ޖެހުނު ބައެއް ކުދިންގެ އަލާމާތްތައް ފެންނަނީ ޓެސްޓް ކުރި ފަހުންނެވެ. އަދި 30 ޕަސެންޓް ކުދިންގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ގިނަ ކުދިން ހުންނަ އަންނައިރު، ހުމާއި ރޯގާ އަދި ހަމައެކަނި ރޯގާގެ އަލާމާތްތައް ވެސް ބައެއް ކުދިންގެ ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު މި މަހު ގޯސްވެ، އެވްރެޖްކޮށް ދުވާލަކު 170 މީހުން ބައްޔަށް ޕޮޒިޓިވްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑުތަން އިތުރުވެ، ކޮވިޑުގެ ފަރުވާ އަށް މާލޭގައި ޚާއްސަކުރި ތަންތަން ފުރިދާނެ ކަމުގެ ބިރުއޮތް ކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އާދަޔާޚިލާފަށް އިތުރުވަމުންދާއިރު، ކޮވިޑް-19 ގެ 4،000 ވަރަަކަށް ކޮންޓެކްޓުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފަ އެވެ. ކޮވިޑް-19 ގައި ރާއްޖެ އިން މިއަދު ވެސް މީހަކު މަރުވެފައިވާ އިރު ޖުމްލަ އަދަދު ވަނީ 19 އަށް އަރައިފަ އެވެ.