Roadha Mihaaru
ކުދި ކުށުގައި ބަންދު ކުރެވޭނީ ގިނަވެގެން 15 ދުވަހަށް

ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ ގިނައިން ބަންދުގައި ނުބޭތިއްބޭނެ: ހައި ކޯޓު

10 ޖޫން 2020

ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިޔަސް، 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިޔަސް، 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. ބުނާގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެއްކެއް ނެތަސް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި 15 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ބަންދު ކުރެވިދާނެ އެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ބަންދުގެ މުއްދަތުު އިތުރު ކުރެވޭނީ ޖިިނާއީ ބޮޑު ކުށްތަކުގަ އެވެ. އެކަމަކު ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ކުރުމާ މެދު އެ މާއްދާގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ.

ލޯބިވެރިޔާއާ މެދު މާރާމާރީ ހިންގުމުގެ ތުހުމަތެއްގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިތުރު 15 ދުވަހަށް އޭނާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމުގައިވަނީ ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި 15 ދުވަސް ހަމަވުމުން އިތުރަށް ބަންދު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ޖިނާއީ ބޮޑެތި ކުށްތަކުގައި 15 ދުވަސް ހަމަވުމުން އެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރުމަށް ފަހު އެ ނޫން ކުށްތަކާ މެދު ވަކި އެއްޗެއް ގާނޫނުގައި ބުނެފައި ނެތީ ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރުމުގެ މަގްސަދުގައި ކަމަށް އެ ހުކުމުގައިވެ އެވެ.

"އެ ނޫން ބާވަތުގެ މައްސަލަތަކާ މެދު އެ ގާނޫނު އެއްޗެއް ނުބުނެ ހުރުމުގެ މަފްހޫމެއް ކަމަށް ބެލެވެނީ ބުނެވުނު ބާވަތުގެ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ތަހުގީގު މަރުހަލާގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދުވެފައި ނެތުން ކަމާއި، އަދި އެކަން ގާނޫނުގައި ނުލިޔެ ދޫކޮށްލެވިފައިވަނީ ހަނދާން ނެތިގެން ނުވަތަ އޮޅިގެން ކަމުގައި ވެސް ނުބެލެވޭ." ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލާގައި ބަންދަށް ފުރަތަމަ 10 ދުވަސް އިތުރު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށް، ޖުމްލަ 25 ދުވަހަށް އޭނާ ބަންދު ކުރަން އަމުރު ކޮށްފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދިި ދެވަނަ ފަހަރު އޭނާގެ ބަންދު މުއްދަތު އިތުރު ކުރެވުނަސް، އެންމެ ގިނަވެގެން ދެން ދެވޭނީ ބާކީ އޮތް ފަސް ދުވަސް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ރޫހަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ތުހުމަތެއްގައި ވާނުވާ ނޭނގި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ނުބެހެއްޓުމެވެ. ވަކި މުއްދަތުތަކެއް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކަނޑައެޅިފައިވަނީ އެ މަގްސަދުގައި ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރުމާ އެކު ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮވެއްޖެ ނަމަ، އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. އިން ފަނޑިޔާރުންނަށް ލާޒިމް ކަމެއް ކަމަށް ވިޔަސް، އެ މިންވަރަށް ހެކި ނެތި އެކަމަކު އެ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮޮންނަ ހާލަތްތަކުގައި ބަންދު ކުރުމާއި ނުކުރުމަކީ އެ މާއްދާގެ ބ. ގެ ދަށުން ފަނޑިޔާރުގެ އިހްތިޔާރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.