Roadha Mihaaru
ވަޒީފާއަށް ދިވެހިންނަށް ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް

ރިސޯޓު އަލުން ހުޅުވާއިރު ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

09 ޖޫން 2020

ރިސޯޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ފުރުސަތުތައް ލިބޭކަން ކަށަވަރުކުރަން ގޮވައިލާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިސޯޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ފުރުސަތުތައް ލިބޭކަން ކަށަވަރުކުރަން ގޮވައިލާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދު ކުރުމުން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލި އަދި ގިނަ ބަޔަކު ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލައިފަ އެވެ. އެކަމަކު މިހާރު ސަރުކާރުން ދަނީ ރިސޯޓްތައް އަލުން ހުޅުވާލަން ތައްޔާރުވަމުންނެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ޕެޓިޝަންގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް ދާއިރާއަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ތައްޔާރު ވާއިރު، ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން އެންމެ މަދުވެގެން ތިބެން ޖެހޭ މިންވަރަށް ދިވެހި މުވައްޒަފުން ތިބި ކަން ކަށަވަރު ކުރުމަށާއި އަދި ރިސޯޓްތަކުގައި ހުސްވެފައިވާ މަގާމަށް ބިދޭސީއަކު ނެގުމުގެ ކުރިން ދިވެހިންނަށް ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ރިސޯޓްތައް ހުޅުވަން ހުއްދަ ދެވިގެން ނުވާނެ ކަމަށް އެ ޕެޓިޝަންގައިވެ އެވެ.

ހައިތަމްގެ ޓްވީޓް

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ފާހަގަކޮށް، ޕެޓިޝަންގައި ވަނީ އެ މީހުންނަށް ލުއިތަކެއް ލިބޭނެ ގޮތަށް މަޖިލީހުން މަސައްކަތް ކުރަން ވެސް އެދިފަ އެވެ.

އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއިރު، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކަށާއި ވަކި މިންވަރަކަށް ވުރެ މުސާރަ ކުޑަވި ފަރާތްތަކަށް ސަރުކާރުން ދަނީ ޚާއްސަ އެލަވަންސެއް ދެމުންނެވެ. އަދި ސަރުކާރުން އިއުލާންކުރި އިގްތިސާދީ ޕެކޭޖެއްގެ ދަށުން ވިޔަފާރިތަކަށް އެހީ ދިނުމުގައި ދިވެހި މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.