Roadha Mihaaru
ދިވެހިންނަށް ވަޒީފާދޭން ގޮވާލި ޕެޓިޝަނަށް ހިޔާލު ހޯދަނީ

ރިސޯޓްތަކުން ދިވެހިންނަށް ފުރުސަތު ދޭން ގޮވާލި ޕެޓިޝަނަށް އާންމުންގެ ހިޔާލު ހޯދަނީ

10 ޖޫން 2020

ރިސޯޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި އެ ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް ލިބޭކަން ކަށަވަރުކުރަން ގޮވައިލައި މަޖިލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިސޯޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި އެ ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް ލިބޭކަން ކަށަވަރުކުރަން ގޮވައިލައި މަޖިލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް މަޖިލީހަށް ހުށަހެޅުއްވި ޕެޓިޝަންގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ތައްޔާރުވާއިރު، ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން އެންމެ މަދުވެގެން ތިބެން ޖެހޭ މިންވަރަށް ދިވެހިން ތިބިކަން ކަށަވަރު ކުރުމަށާއި އަދި ރިސޯޓްތަކުގައި ހުސްވެފައިވާ މަގާމަށް ބިދޭސީއަކު ނެގުމުގެ ކުރިން ދިވެހިންނަށް ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަށް ފަހުގައި ނޫނީ ރިސޯޓްތައް ހުޅުވަން ހުއްދަ ދެވިގެން ނުވާނެ ކަމަށް އެ ޕެޓިޝަންގައިވެ އެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕެޓިޝަނެއް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ މިމަހުގެ 23 ގެ 2:00 ގެ ކުރިން މަޖިލީހަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އީމެއިލުން ނަމަ [email protected] އަށް ފޮނުވައި ދިނުމަށް އެދިފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ފާހަގަކޮށް، ޕެޓިޝަންގައި ވަނީ އެ މީހުންނަށް ލުއިތަކެއް ލިބޭނެ ގޮތަށް މަޖިލީހުން މަސައްކަތް ކުރަން ވެސް އެދިފަ އެވެ.

އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއިރު، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކަށާއި ވަކި މިންވަރަކަށް ވުރެ މުސާރަ ކުޑަވި ފަރާތްތަކަށް ސަރުކާރުން އަންނަނީ ޚާއްސަ އެލަވަންސެއް ދެމުންނެވެ. އަދި ސަރުކާރުން އިއުލާންކުރި އިގްތިސާދީ ޕެކޭޖެއްގެ ދަށުން ވިޔަފާރިތަކަށް އެހީ ދިނުމުގައި ދިވެހި މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދު ކުރުމުން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި ގިނަ މުވައްޒަފުންތަކެއް ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލައިފަ އެވެ. ނަމަވެސް އަންނަ މަހު ރިސޯޓްތައް އަލުން ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ.