Roadha Mihaaru
ކުރު ކޮންޓްރެކްޓުގައި ސޮއިކުރަން ވިލިއަންގެ ޝަރުތުތަކެއް

ކުރު ކޮންޓްރެކްޓެއްގައި ސޮއިކުރަން ވިލިއަންގެ ޝަރުތުތަކެއް

11 ޖޫން 2020

ލަންޑަން (ޖޫން 11) - މި ސީޒަނުގެ ނިޔަލަށް ޓީމުގައި މަޑުކުރަން ހަދާ ކުރު ކޮންޓްރެކްޓްގައި ވަކި ކަންތައްތަކެއް ހިމަނަން ޗެލްސީ މެނޭޖްމަންޓަށް އެ ޓީމުގެ ބްރެޒިލްގެ ތަރި ވިލިއަން ޑިމާންޑްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖޫން 11) - މި ސީޒަނުގެ ނިޔަލަށް ޓީމުގައި މަޑުކުރަން ހަދާ ކުރު ކޮންޓްރެކްޓްގައި ވަކި ކަންތައްތަކެއް ހިމަނަން ޗެލްސީ މެނޭޖްމަންޓަށް އެ ޓީމުގެ ބްރެޒިލްގެ ތަރި ވިލިއަން ޑިމާންޑްކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ސީޒަން ދިގުލައިދާތީވެ އެ އިރަށް ކޮންޓްރެކްޓް ހަމަވާ ގިނަ ކުޅުންތެރިން އަންނަނީ ކްލަބްތަކާ އެކު އިތުރު ދެ މަހުގެ ކޮންޓްރެކްޓެއް ހަދަމުންނެވެ.

މި މަހުގެ ނިޔަލަށް ޗެލްސީއާ އެކު ވިލިއަން ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކަށް ކުރިން ކުޅުނު ވިލިއަން ވަނީ އަންނަ ސީޒަނުގައި އެހެން ޓީމަކުން ފެނިދާނެ ކަމަށް ބުނެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ވިލިއަން ވެސް ސީޒަން ނިމެންދެން ޗެލްސީގައި މަޑުކުރާނަމަ ކުރު ކޮންޓްރެކްޓެއް ހަދަން ޖެހެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރު ކޮންޓްރެކްޓެއް ހަދަން ވިލިއަން އާއި ޗެލްސީން ކުރަމުން އަންނަ މަޝްވަރާތައް މި ވަގުތު އޮތީ މަޑު ޖެހިފަ އެވެ. އެއީ ވިލިއަން ޝަރުތުކުރާ ވަކި ކަންތައްތަކެއް ކޮންޓްރެކްޓްގައި ހިމަނަން ޗެލްސީން ބޭނުންނުވާތީ އެވެ. އެ ގޮތުން ވިލިއަން ބޭނުންވަނީ ކުރު ކޮންޓްރެކްޓެއްގައި ހުންނައިރު އޭނާ އަށް އަނިޔާއެއް ލިބިއްޖެނަމަ ބަދަލު ދޭން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ލިޔުމަށް ޝަރުތުކޮށްފަ އެވެ. އަދި ވިލިއަން ބޭނުންވަނީ ކުރިން ދޭ މުސާރަ ކަމަށާއި ކުޅޭ މެޗަކަށް ވަކި މުސާރައެއް ދޭ ގޮތަށް ޗެލްސީން ބޭނުންވި ނަމަވެސް އެ ގޮތަށް ކުރިއަށް ދާން ވިލިއަން ދެކޮޅު ހަދަ އެވެ.

ޗެލްސީން އަންނަނީ ޕެޑްރޯ ރޮޑްރިގޭޒާ އެކު ވެސް ކުރު ކޮންޓްރެކްޓެއް ހަދަން މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޕެޑްރޯ ވެސް ވަނީ ވިލިއަން އެކޭ އެއްގޮތަށް ކޮންޓްރެކްޓްގައި ވަކި ކަންތައްތަކެއް ހިމަނަން ޝަރުތުތަކެއް ކޮށްފަ އެވެ.

ޕެޑްރޯ އާއި ވިލިއަންއާ އެކު ޗެލްސީ އަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެ ދެ ކުޅުންތެރިން ދެން ޗެލްސީގެ މެޗަކުން ނުފެންނާނެ އެވެ. ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ވިލިއަން ހޯދަން އާސެނަލުން މަސައްކަތްކުރަމުން އަންނައިރު، ޕެޑްރޯ ބަދަލުވުމުގެ ފުރުސަތު ބޮޑީ އިޓަލީގެ ރޯމާ އަށެވެ. މި ދެ ކުޅުންތެރިން ނެތި އަންނަ ސީޒަނުގައި ކުޅެން ޖެހޭނެ ކަމަށް ބަލައި ޗެލްސީން އަންނަނީ ޓްރާންސްފާ މާކެޓްގައި އެ މަގާމުތަކަށް ކުޅުންތެރިން ހޯދަމުންނެވެ. ޗެލްސީން މިހާރު ވަނީ އަޔަކްސްގެ ހަކީމް ޒިޔެޗްގެ ސޮއި ހޯދައިފަ އެވެ. އަދި އާރްބީ ލިޕްޒިގުގެ ޓިމޯ ވާނާ ވެސް ޗެލްސީއާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮވިޑް-19ގެ މެދުކެނޑުމުގެ ސަބަބުން ސީޒަން ދިގުލައިދާނެ ކަމަށް ބެލެވެނީ އޮގަސްޓް މަހުގެ ނިޔަލަށެވެ. އޭރަށް ކުރު ކޮންޓްރެކްޓްތަކެއްގައި ގިނަ ކުޅުންތެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ ވެސް ހިމެނެ އެވެ.