Roadha Mihaaru
ލުތުފީ ފިލި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ލުތުފީ ފިލި މައްސަލައިގެ އަޑުއެހުމެއް މާދަމާ

13 ޖޫން 2020

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.

ލުތުފީގެ މައްޗަށް ކުރަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާ ކުރިއަށް ގެންދާނީ ކްރިމިނަލް ކޯޓުގެ ތާވަލުގައި އޮތް ގޮތުން، މާދަމާ ހެނދުނު 11:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާ އަށް 2010 ވަނަ އަހަރު ރާއްޖޭން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގަ އެވެ. މި ކުށުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެންމެ ކުޑަކޮށް ދެވޭނީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ލުތުފީ ފިލައިގެން އުޅުނީ ސްރީ ލަންކާގަ އެވެ. އެކަމަކު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް މިދިޔަ އަހަރު ލުތުފީ ގޮސް ހިމާޔަތް ހޯދުމުން އޭނާ ރާއްޖެ ގެނެސް، މިހާރު ވަނީ އަލުން ޖަލުގައި ހައްޔަރުކޮށްފަ އެވެ. ލަންކާގެ ޕްލޯޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލައި، ހިނގި އެ ހާދިސާގައި ލުތުފީ އާއި އިތުރު ބަޔަކު މަރަން ހުކުމްކުރި އެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން ވަނީ ހުރިހާ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވައިފަ އެވެ.