Roadha Mihaaru
ފިލި މައްސަލައިގައި ލުތުފީއަށް 7 މަހުގެ ޖަލު ހުކުމެއް

ފިލި މައްސަލައިގައި ލުތުފީއަށް ހަތް މަހުގެ ޖަލު ހުކުމެއް

10 މާޗް 2021

މީގެ 32 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި އަބްދުﷲ ލުތުފީ ޖަލު ހުކުމް ތަންފީޒުކުރަނިކޮށް ގޮސް ފިލި މައްސަލައިގައި އޭނާއަށް ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީގެ 32 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި އަބްދުﷲ ލުތުފީ ޖަލު ހުކުމް ތަންފީޒުކުރަނިކޮށް ގޮސް ފިލި މައްސަލައިގައި އޭނާއަށް ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ސްރީ ލަންކާގެ ޕްރޮޓް ޖަމާއަތާ ގުޅިގެން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހ. ހާޖަރާގެ ލުތުފީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލީ އެވެ.

އޭގެ ފަހުން ސްރީ ލަންކާގައި އުޅެމުން ދަނިކޮށް ލުތުފީ ރާއްޖެ ގެނައީ 2019 ވަނަ އަހަރު އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް، ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާކޮށްފައި ވެ އެވެ. ދައުވާއަށް ލުތުފީ ވަނީ އިއުތިރާފު ވެސް ވެފަ އެވެ.

ކޯޓުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ލުތުފީބުނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލައިގެން އުޅެފައި ނުވާނެ ކަމަށާއި އޭނާ ބޭރުގައި އުޅުނީ ބޭސްފަރުވާ އަށް ހުއްދަ ހޯދައިިގެން ކަމަށެވެ. ނަމަވެސް މަައްސަލަ އިތުރަށް ދިގު ދެމިގެންދާނެތީ ބޭނުންވަނީ ދައުވާ އަށް އެއްބަސްވާން ކަމަށް ބުންޏެވެ. އެއާ އެކު ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދޭން އޭނާ އެދުނެވެ.

މީހުން ބަންދުކުރާ މަރުކަޒުން ފިލުމުގެ ކުށަށް އޮންނަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ދައުވާ އަށް ލުތުފީ އެއްބަސްވެފައިވާތީ އޭނާގެ މައްޗަށް ދެން އަންނާނީ އެ އަށް ވުރެ ވެސް ކުޑަ އަދަބެކެވެ.