Roadha Mihaaru
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ

މާލެ ސަރަހައްދުގައި ގްރޭޑު 7، 8 އަށް އަންނަ މަހުގެ 16 ގައި ކިޔަވައިދޭން ފަށަނީ

24 ޖުލައި 2020

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކީ ސްޓޭޖް ތިނަކަށް، އަންނަ މަހުގެ 16 ގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކީ ސްޓޭޖް ތިނަކަށް، އަންނަ މަހުގެ 16 ގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައާއެކު މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގްރޭޑް 8،7 އަށް ކިޔަވައިދޭނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، މި މަހުގެ އެއްވަނަ ދުވަހު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. އެކަމަކު، އެ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކިޔަވައި ދެމުން އަންނަނީ ގްރޭޑް 9-12 އަށެވެ. އެހެން ގްރޭޑްތަކަށް ކިޔަވައިދެނީ އޮންލައިން މެދުވެރިކޮށެވެ.

މާލެ ސަރަހައްދުގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ފަށަމުން އަންނަނީ ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ސްކޫލްތައް ބަންދުކުރަން ޖެހިފައިނުވާ ފަދަ ދިގު މުއްދަތަކަށް ސްކޫލުތައް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ.

ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް ވެސް ވަނީ 15 ދަރިވަރުންނަށް މަދުކޮށްފަ އެވެ. ދަރިވަރުން ސްކޫލަށް ވައްދަމުން އަންނަނީ ވެސް ގޭޓު ކައިރިން ހުން ބެލުމަށް ފަހުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުން ކޮވިޑް-19 ން ފެނުމުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު ނުވަޔަކުން ފެށިގެން މައްޗަށެވެ. އެ ބަލީގެ ނުރައްކަލެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ.

ކަމާބެހޭ ފަރާތްތަކުގެ ލަފައާއެކު އިތުރު ގްރޭޑުތަކަށް ސްކޫލުގައި ކިޔަވައިދޭން ނިންމިއިރު، އެޗްޕީއޭއިން ވަނީ ސްކޫލުތެރޭގައި ކޮވިޑް-19 ނުފެތުރޭކަމަށް ބުނެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި އެހެންކަމުން ސްކޫލްތަކުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. މި މަހުން ފެށިގެން ސްކޫލްތައް ހުޅުވިއިރު މިހާތަނަށް ސްކޫލް ތެރެއިން ބަލި ފެތުރިފައި ނުވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.