Roadha Mihaaru
އީއައިބީން ރާއްޖެއަށް 22 މިލިއަން ޑޮލަރުގެ ލޯނެއް

އީއައިބީން ރާއްޖެ އަށް 22 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

16 ޖޫން 2020

ކޮވިޑް-19 އިން އަރައިގަނެ އިގްތިސާދު ކުރިއެރުވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ން ރާއްޖެ އަށް 22.6 މިލިއަން ޑޮލަރު (349.5 މިލިއަން ރުފިޔާ)ގެ ލޯނެއް ދީފި އެވެ.މިއީ، އެ އިދާރާ އިން ކޮވިޑް-19އާ ގުޅިގެން އޭޝިއާގެ ގައުމަކަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އިން އަރައިގަނެ އިގްތިސާދު ކުރިއެރުވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ން ރާއްޖެ އަށް 22.6 މިލިއަން ޑޮލަރު (349.5 މިލިއަން ރުފިޔާ)ގެ ލޯނެއް ދީފި އެވެ.މިއީ، އެ އިދާރާ އިން ކޮވިޑް-19އާ ގުޅިގެން އޭޝިއާގެ ގައުމަކަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

އީއައިބީން ނެރުނު ބަޔާނެއްގައި ބުނީ މިއީ، ރާއްޖޭގެ އިގްތިސާދު ކުރިއަރުވުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދިން ލޯނެއް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނީ ރާއްޖޭގެ މައި ބޭންކް ބީއެމްއެލް މެދުވެރިކޮށް ކަމަށް އީއައިބީން ބުންޏެވެ.

ނަމަވެސް މި ލޯނުގެ އިންޓަރެސްޓާއި އަނބުރައި ދެއްކުމުގެ ޝަރުތުތައް ސާފެއް ނުވެ އެވެ.

މިއީ އީއައިބީން، ޔޫރަޕުން ބޭރު ގައުމުތަކަށް ކޮވިޑް-19 އާ ގުޅިގެން އެހީތެރިވުމަށް ކަނޑައަޅައިފައިވާ 5.8 ބިލިއަން ޑޮލަރު (89 ބިލިއަން ރުފިޔާ)ގެ ސަޕޯޓް ޕެކޭޖުގެ ދަށުން ދިން ލޯނެކެވެ.

އީއައިބީގެ ނައިބު ރައީސް އެންޑްރޫ މެކްޑަވަލް ވިދާޅުވީ، މި ލޯނުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރައިގެން ދާނެ ކަމަށެވެ. މި ލޯނުން ދިވެހިންގެ ވަޒީފާތައް ދެމެހެއްޓުމަށް އެހީވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، އީއައިބީގެ މި އެހީން ދައްކުވައިދެނީ ޔޫރަޕާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމެވެ.

އީއައިބީން ފޯރުކޮށްދިން ލޯނުން ދިވެހި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

"އީއައިބީން ދިން ލޯނުން ދައްކުވައި ދެނީ ރާއްޖެ އާއި ޔޫރަޕާ އޮތް ގާތް ގުޅުން. މި ގުޅުން އަޅުގަނޑުމެންނަށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެސް ފެނިގެން ދިޔަ،" އަމީރު ވިދާޅުވި އެވެ.

އީއައިބީން ވަނީ މިހާތަނަށް ރާއްޖެ އަށް 130 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)ގެ އެހީ ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ސުނާމީ ކާރިސާއާ ގުޅިގެން ފޯރުކޮށްދިން 56.6 ބިލިއަން ޑޮލަރުގެ އެހީ އާއި އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ދިން 50.9 މިލިއަން ޑޮލަރުގެ އެހީ ހިމެނެ އެވެ.