Roadha Mihaaru
ސްރީ ލަންކަންގެ ބޯޓުތަކަށް ނޯޓު 7 އެރުވުން މަނާކޮށްފި

ސްރީ ލަންކަން އާއި މިހިން ލަންކާގެ ބޯޓުތަކަށް ނޯޓު 7 އެރުވުން މަނާކޮށްފި

19 އޮކްޓޯބަރ 2016

ކޮލަމްބޯ (އޮކްޓޯބަރު 19) - ސްރީ ލަންކަން އެއާލައިންސްގެ މަތިންދާ ބޯޓުތަކުގައި ސެމްސަން ގެލެކްސީ ނޯޓު 7 ބޭނުން ކުރުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 19) - ސްރީ ލަންކަން އެއާލައިންސްގެ މަތިންދާ ބޯޓުތަކުގައި ސެމްސަން ގެލެކްސީ ނޯޓު 7 ބޭނުން ކުރުން މަނާކޮށްފި އެވެ.

ސްރީ ލަންކަންގެ އިތުރުން މިހިން ލަންކާގެ ބޯޓުތަކަށް ނޯޓު 7 އެރުވުމާއި ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ސެމްސަން ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ސްރީ ލަންކާގެ ގައުމީ އެއާލައިނުން މަނާކޮށްފައި ވަނީ ނޯޓު 7 ގެ ބެޓްރީ ހޫނުވެ ފޯނުގައި އަލިފާން ރޯވުމުގެ ހާދިސާތަކެއް ހިނގާފައިވާތީ އެވެ.

ސްރީ ލަންކަން އިން ބުނީ އެންމެ ފުރަތަމަ އިސްކަން ދެނީ ފަސިރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށާއި ނޯޓު 7 މަތިންދާ ބޯޓަށް އެރުވުން މަނާކޮށް ފަސިންޖަރުންނަށް އެންގުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ކެބިން ކްރޫން ވެސް ހޭލުންތެރިކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޗެކިން ކައުންޓަރުތަކުގައި ބޯޑުތައް ބަހައްޓާ އަދި ބޯޑިންގެ ކުރިން އެނައުންސްމަންޓްތައް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސްރީ ލަންކަންގެ ބޯޓަކުން ނޯޓު 7 ގެ ފޯނެއް ފެނިއްޖެ ނަމަ ކަންތައް ކުރަންވީ ގޮތުގެ އުސޫލެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެއާލައިނުގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

ނޯޓު 7 ގެ ފޯނުތައް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެރުވުމާއި ބޭނުން ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި މެގަ މޯލްޑިވްސްގައި ވެސް ނޯޓު 7 ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

ނޯޓު 7 އަށް ދިމާވި މައްސަލައާ ގުޅިގެން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އޮތޯރިޓީ އާއި ޖަޕާނުގެ ޓްރާންސްޕޯޓް މިނިސްޓްރީ ވެސް މިހާރު ވަނީ އެ ގައުމުތަކުގެ އެއާލައިންތަކުގައި މި ފޯނު ބޭނުން ކުރުން މަނާކޮށްފަ އެވެ. މީގެ އިތުރުން ހޮން ކޮން، ޗައިނާ، ދެކުނު ކޮރެއާ، ނިއު ޒީލެންޑް، ޓައިވާން ޖަރުމަން، އިނގިރޭސި ވިލާތް އަދި ކެނެޑާގެ ބައެއް އެއާލައިންތަކުން ވެސް ވަނީ ނޯޓު 7 މަނާކޮށްފަ އެވެ.

ނޯޓު 7 އަށް ދިމާވި މައްސަލަ ހައްލުކޮށް ސެމްސަން އިން ދެ ވަނަ ފަހަރަށް ނެރުނު ފޯނުގައި ވެސް ބެޓްރީ ހޫނުވެ ފޯނުގައި އަލިފާން ރޯވާން ފެށުމުން އެ ކުންފުނިން ވަނީ މި ބްރޭންޑުގެ ފޯނު ހުއްޓާލާ ކަސްޓަމަރުންނަށް ބަދަލު ދޭން ފަށައިފަ އެވެ.