Roadha Mihaaru
ޝުނާނާ އަށް ފުރައްސާރަކޮށް ހަމަލާދޭން ގޮވަނީ!

ޝުނާނާ އަށް ފުރައްސާރަކޮށް ހަމަލާދޭން ގޮވަނީ!

18 ޖޫން 2020

ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ އަށް ހަމަލާ ދިނުމަށާއި ރޭޕްކޮށްލަން ގޮވާލައި ސޯޝަލް މީޑިއާ އާއި މަގުމަތިން ފުރައްސާރަ ކުރަމުންދާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ އަށް ހަމަލާ ދިނުމަށާއި ރޭޕްކޮށްލަން ގޮވާލައި ސޯޝަލް މީޑިއާ އާއި މަގުމަތިން ފުރައްސާރަ ކުރަމުންދާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އެކި ގޮތްގޮތުން ޝުނާނާ އަށް ފުރައްސާރަ ކުރަން ފެށީ އޭނާގެ ބައްޕަ، އިބްރާހިމް ޖައުފަރު (ޖޯރޭ)، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދެކަނބަލުން މިދިޔަ އާދިއްތަ ދުވަހު ކަސްރަތަށް ވަޑައިގަންނަވަނިކޮށް، މަގުމަތިން ދިމާކުރި ފަހުންނެވެ. އެމްޑީޕީގެ އެކްޓިވިސްޓް ޖައުފަރަކީ، ނަފްސާނީ އަދި ޖިސްމާނީ ބައްޔަށް ބޭސްކުރަމުން އަންނަ މީހެކެވެ.

ޖައުފަރުގެ ފަރާތުން ވަހީދަށް ފުރައްސާރަ ކުރިމަތިވުމުން މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށް، ބަލި ހާލަތު އެނގިވަޑައިގަތުމުން އެ މަނިކުފާނު ވަނީ އެކަން ކުރިއަށް ނުގެންދަން އެދިވަޑައިގެންފަ އެވެ. ޖައުފަރަށް އެ ހާލަތު ދިމާވެފައި ވަނީ ސިޔާސީ ހަމަނުޖެހުންތަކުގައި ލިބިފައިވާ އެކި ކަހަލަ އަނިޔާ އިން ކަމަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ، ސިޔާސީ ބޭނުމުގައި އަމިއްލަ ފައިދާ އަށް "ރާޒުވާ ގޮނޑީގެ މަނައެއްހެން" ޖައުފަރު ގެންގުޅެފައިވާ ކަމުގެ ތުހުމަތު ވެސް ވަހީދު ވަނީ ކުރައްވައިފަ އެވެ.

ޝުނާނާ "މިހާރު" އަށް ވިދާޅުވީ ބައްޕަގެ ބަލި ހާލަތާ ހެދި ދިމާވި ކަމެއްގެ ސަބަބުން އޭނާ އަށް ހަޑިހުތުރު ބަހުން ފުރައްސާރަކޮށް، ރޭޕްކުރަން ގޮވަމުން ދިޔަ ނަމަވެސް ހިނގައިދިޔަ އެ އަމަލަކީ އޭނާއާ އެއްވެސް ވަރަކަށް ގުޅުވަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ބައްޕަގެ ފަރާތުން ދިމާވި ކަމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ނުދެކޭ ކަމަށާއި އެކަމަކު އެހެން ދިމާވެދާނެ ސިއްހީ ސަބަބުތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

"އެ ދުވަހުން ފެށިގެން އެކި ޕޭޖްތަކުގައި ބައްޕައާ އަޅުވާ ކިއުމާއި ރޭޕްކުރާށާއި އެޓޭކް ކުރަން ގޮވަމުން އެ ދަނީ. މިއީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ [ބައްޕަ ކުރި އަމަލަކީ] އަަހަރެންގެ ކުށެއް، އޮވެގެން ހިނގި ކަމެއް ނޫން،" ޝުނާނާ ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާގައި އަވަގުރާނަ ގޮވައި، ބައްޕަގެ ހާލަތަށް ބެލުމެއް ނެތި ނޮޅާލުމަކީ ވެސް ހައްލެއްތޯ."

އޭނާ ވިދާޅުވި ގޮތުގައި އެ ފުރައްސާރަ ބައްޕަ އަށް ވެސް ދަނީ ކުރަމުންނެވެ. ލޮލުގެ އައިބެއް ހުންނާތީ، އެއް ލޯ ޖައުފަރުގެ ނަމުގައި ހުތުރުކޮށް ލިއުންތައް ލިއުމާއި ވީޑިއޯތައް ހަދައިގެން ވެސް ދައުރުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ޝުނާނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ދަރަޖަ އަށް ފުރައްސާރަ ކުރިމަތިކުރަމުން ދަނީ ސިޔާސީ ފައިދާ އަކަށެވެ. އެކަމަކު، ފޮށިހަދައި އެ ވަރަށް ފައިދާ ނެގުމަކީ އިންސާފެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ކިތަންމެ ވަރަކަށް ފޮށިހެދިޔަސް ގޯސްކަންކަމާ ދެކޮޅަށް އަހަރެން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން، ޖެހިލުމެއް ވެސް ނުވާނަން،" ޝުނާނާ ވިދާޅުވި އެވެ.

ފުރައްސާރަ ކުރަމުންދާ މައްސަލަ އޭނާ ފުލުހުންނަށް އަދި ހުށަހެއް ނާޅުއްވަ އެވެ. އެކަމަކު އެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުން ދާއިމީކޮށް ފަރުވާ ހޯދަމުން އަންނަ ބައްޕަ، މަގުމަތިން ވަހީދާ ދިމާކޮށްލީ ލޮކްޑައުންއާ ހެދި ފަރުވާ މެދުކެނޑިފައި ވަނިކޮށް ކަމަށް ޝުނާނާ ވިދާޅުވި އެވެ. މިހާރު ވެސް ގަވާއިދުން ބޭސް ބޭނުންކުރަމުން އަންނަ ކަމަށާއި ބޯޑަރު ހުޅުވައިލުމާ އެކު ފަރުވާ އަށް ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ވަހީދުގެ ދެކަނބަލުންނާ ޖައުފަރު މަގުމަތިން ދިމާކޮށް "ބާޣީ" ގޮވުން އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވީ އޭނާ ކުރި ހިތްވަރު ގަދަ އަމަލެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި އެމްޑީޕީގެ ވެރިކަން 2012 ގައި ބަދަލުވުމުން، ވެރިކަމާ ހަވާލުވެވަޑައިގަތީ އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދެވެ. އެހެންވެ، ވަހީދާ މެދު އޮންނަ ރުޅިވެރިކަމުގެ ޝުއޫރުތައް ފާޅުކޮށް، ޖައުފަރަށް އެމްޑީޕީގެ އެކްޓިވިސްޓުން ތައުރީފް ކުރި އެވެ.

މި ބަހުސް ސޯޝަލް މީޑިއާގައި ބޮޑުވެ، މަޖިލީހަށް މިކަމުގެ ކުއްލި މައްސަލައެއް ވައްދައި ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.