Roadha Mihaaru
ހަތަރު ދަތުރުވެރިންނާ އެކު ސްޕޭސް އެކްސް ޖައްވުގައި

ހަތަރު ދަތުރުވެރިންނާ އެކު ސްޕޭސް އެކްސް ޖައްވުގައި

16 ސެޕްޓެމްބަރ 2021

ސްޕޭސްއެކްސް ރޮކެޓް ކުންފުނިން އުފެއްދި ޖައްވީ އުޅަނދު ޑްރޭގަންގައި، ހަތަރު ދަތުރުވެރިން މިއަދު ޖައްވަށް ފުރައިފި އެވެ.

ސްޕޭސްއެކްސް ރޮކެޓް ކުންފުނިން އުފެއްދި ޖައްވީ އުޅަނދު ޑްރޭގަންގައި، ހަތަރު ދަތުރުވެރިން މިއަދު ޖައްވަށް ފުރައިފި އެވެ.

އެމެރިކާގެ ކެނެޑީ ސްޕޭސް ސެންޓަރުން ޑްރޭގަން އުދުއްސައިލީ ރާއްޖޭ ގަޑިން މިއަދު ފަތިހު 5:00 ހާއިރެވެ. މި ދަތުރުގައި ޖައްވަށް ދަތުރުކުރަނީ އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ބިލިއަނަރު ޖަރެޑް އިސާކްމަން އާއި އެމެރިކާގެ ޖިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ސިއާން ހޭލޭ ޕްރޮކްޓާ އާއި އެމެރިކާގެ އެހެން ދެ ރައްޔިތެއް ކަމަށްވާ ހޭލޭ އާސެނޯޒް އާއި ކްރިސްޓޮފާ ސެމްބްރޮސްކީ އެވެ.

މި ހަތަރު ފަޅުވެރިން ޖައްވުގައި ތިން ދުވަސް ހޭދަކުރާނީ ބިމުން ފެށިގެން 575 ކިލޯމީޓަރު އުހުގަ އެވެ. ޑްރޭގަން މި ބިމުގެ ވަށައިގެން ބުރު ޖަހަމުން ދާނީ، މިހާރު ޖައްވުގައި އޮތް ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ވުރެ ވެސް 150 ކިލޯމީޓަރު އުހުގަ އެވެ. އެއީ ގާތްގަނޑަކަށް ހަބްލް ޖައްވީ ދުރުމި އޮތް އުސްމިނެވެ.

ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) މި ބިމުގެ ވަށައިގެން ބުރު ޖަހަމުން ދަނީ، ބިމުން ފެށިގެން 435 ކިލޯމީޓަރު އުހުގައި އޮވެގެންނެވެ.

މިއަދުގެ ދަތުރަށް ފަހުގައި ވެސް ސްޕޭސް އެކްސްގެ ފަރާތުން އައިއެސްއެސް އަށް ވަރަށް އަވަހަށް އިތުރު ދެ ދަތުރު ކުރާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ދަތުރުގައި ރަޝިޔާގެ ފިލްމީ ޑައިރެކްޓަރަކާއި ބަތޮލާއަކު ގޮވައިގެން އައިއެސްއެސް އަށް ދާނީ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ދެ ވަނަ ދަތުރު ކުރާނީ މި އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

މިއަދު ޖައްވަށް ފުރި ހަތަރު ދަތުރުވެރިން ވެސް ޖައްވަށް ދިއުމަށްޓަކައި ހަ މަސްދުވަހުގެ ތަމްރީންތަކެއް ފުރިހަމަ ކުރި އެވެ. ތަމްރީންތައް ބޭއްވީ ސްޕޭސް އެކްސް ކުންފުނިން އެކަމަށްޓަކައި ހާއްސަކޮށްފައި ހުރި މަރުކަޒުގަ އެވެ.

ބިމުގެ ވަށައިގެން ޑްރެގަން ބުރު ޖަހަމުން ދާއިރު، އޭގެ ހުރިހާ ހަރަކާތްތައް ކޮންޓްރޯލް ކުރާނީ، އޭގައި ގާއިމުކޮށްފައިވާ ކޮމްޕިއުޓަރު ސިސްޓަމްތަކުންނެވެ. އަދި، ބިމުގައި ހުންނަ ކޮންޓްރޯލް ރޫމުން އެކަންތައް ބަލަމުން ދާނެ އެވެ.

ޑްރޭގަންގައި ހަތަރު ދަތުރުވެރިން ހޭދަކުރާ ތިން ދުވަހުގެ ތެރޭގައި، ސައެންޓިފިކް ތަޖުރިބާތަކެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑްރޭގަން އެންމެ ފުރަތަމަ އުފެއްދީ އައިއެސްއެސްއަށް މުދާ ހިފައިގެން ދަތުރުކުރަން ކަމަށް ވިޔަސް، މިފަހަރު ޑްރޭގަން ޖައްވަށް އެ ފުރީ، މީހުން ގޮވައިގެން ދަތުރުކުރެވޭ ގޮތަށް، އޭގެ އެތެރެ ބަޔަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބަދަލަކީ، އައިއެސްއެސްއާ ގުޅައިލުމަށް ބޭނުންކުރާ ބައި ނެގުމަށް ފަހު، އެ ތަނުގައި ބިއްލޫރީގެ ކުޑަވަރެއްގެ ގުއްބެއް ހަރު ކުރުމެވެ.

ޑްރޭގަންގެ ތެރޭގައި ތިބޭ މީހުން، ޖައްވީ އުޅަނދުގެ ތެރެއިން އެ ގުއްބުގެ ތެރެއަށް ވަނުމުން، ވަށައިގެން ޖައްވު ފެންނަން އޮންނާނެ އެވެ.