Roadha Mihaaru
ކޯލިޝަންގެ ހަ މެމްބަރަކު ސަރުކާރާ ދެކޮޅަށް ވޯޓު ދީފި

ޕީޕީއެމް ކޯލިޝަންގެ އާ މެމްބަރުންތަކެއް ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވައިފި

19 އޮކްޓޯބަރ 2016

ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ސަރުކާރު ކޯލިޝަންގެ ހަ މެމްބަރަކު ވިޕާ ހިލާފުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ސަރުކާރު ކޯލިޝަންގެ ހަ މެމްބަރަކު ވިޕާ ހިލާފުވެއްޖެ އެވެ.

ކޮމަންވެލްތުން ވަކިވާން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓުންނެވެ. ކޮމަންވެލްތުން ވަކިވާން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސަރުކާރު ކޯލިޝަނުން ނެރުނު ވިޕަކާ މުޅިން އަލަށް ހިލާފުވެވަޑައިގެންނެވީ ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޔާމީން ރަޝީދާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު އެވެ. މިއީ ދެ ފެކްޝަނެއް އުފެދިފައިވާ ޕީޕީއެމްގެ ތެރޭގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

މީގެ އިތުރުން، ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ އާއި ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ އާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް ވެސް ވޯޓު ދެއްވީ އެމްޑީޕީ މެމްބަރުން ވޯޓު ދެއްވި ގޮތަށް ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވާން ނުފެންނަ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް

މުސްތަފާ އާއި ވަހީދާއި އަރީފަކީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. ސައުދުﷲ ހުންނެވީ ކޮން ފެކްޝަނެއްގައި ކަމެއް އަދި ނޭނގެ އެވެ.

އޭގެ އިތުރުން، ޕީޕީއެމުން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ވޯޓު ދެއްވީ ވިޕާ ހިލާފަށެވެ. އަދި އާންމުކޮށް ސަރުކާރުގެ ހުށަހެޅުންތަކާ ދެކޮޅަށް ވޯޓު ދެއްވަމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް ވޯޓު ދެއްވީ ކޮމަންވެލްތުން ވަކިނުވުމަށެވެ.

ޕީޕީއެމް ކޯލިޝަނުން ނެރޭ ތްރީ ލައިން ވިޕުތަކާ ހިލާފަށް އެ ކޯލިޝަންގެ ބައެއް މެމްބަރުން ވޯޓު ދެއްވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. ވިޕާ ހިލާފުވެވަޑައިގެންނެވި ބައެއް މެމްބަރުންނާ މެދު ޕީޕީއެމުން ވަނީ މީގެ ކުރިން ފިޔަވަޅު ވެސް އެޅި އެވެ. އެ ގޮތުން ބައެއް މެމްބަރުން ބާރުގަދަ ކޮމެޓީތަކުން އާދައިގެ ކުޑަ ކޮމެޓީތަކަށް ބަދަލުކޮށްފައި އެބަހުއްޓެވެ. އަދި ފާރިސް ވަނީ ޕާޓީން ވެސް ވަކިކޮށްފަ އެވެ.

ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެ ބައިވެ، މައުމޫންގެ ފެކްޝަނަކާއި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނެއް އުފެދިފައި ވާއިރު، ކޮންމެ ފެކްޝަނަކުން ވެސް ބުނަމުންދަނީ އަސްލު ޕީޕީއެމަކީ އެ ފެކްޝަން ކަމަށެވެ. އަދި ދެ ފެކްޝަނުން ވެސް ކައުންސިލް ބައްދަލުވުންތައް ބާއްވައި އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ކޮމަންވެލްތުން ވަކިވުމާ ގުޅޭ ގޮތުން މިދިޔަ އަހަރު މަޖިލީހުގެ މަޝްވަރާ އަށް ރައީސް ޔާމީން އެދިވަޑައިގެން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެކަމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުމަށް ފޯރަމުން އަންނަ ކަމަށާއި އެއީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށް ލޮޅުން އެރުމަށް މެދުވެރިވާ ކަމެއް ކަމަށް ވެސް ކޮމެޓީން ފާހަގަ ކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮމަންވެލްތުން ވަކިވިކަން އިއުލާން ކުރަމުން ސަރުކާރުން ބުނި ގޮތުގައި ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަކު އެކަން ކުރަން ޖެހުނީ ރާއްޖޭގެ މަސައްކަތްތައް ކޮމަންވެލްތުން ބަލައިނުގަތުމުންނެވެ.