Roadha Mihaaru
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި

އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި

19 ޖޫން 2020

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި އެވެ.

އާ ގިނަ ހިދުމަތްތަކާ އެކު މި އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި ހިދުމަތް ފެށި އޭއީއެޗްގައި ބުދަ ދުވަހު އުފަންވި ކުއްޖާ އަކީ ކުރިން ސިޒޭރިއަން ހަދާފައިވާ މީހަކަށް ލިބުނު ކުއްޖެއް ކަމަށާއި ކުރިން ސިޒޭރިއަން ހަދާފައި ވިޔަސް މިފަހަރު ވިއްސީ ކަމަށް އޭއީއެޗްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އޭއީއެޗުން ބުނިގޮތުގައި ވިހޭ ހިތަދޫ އަންހެން މީހާ އަކީ ކުރިން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ޖެހުނު މީހެއް ނަމަވެސް މި ފަހަރުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ފޫޅުމައިންގެ އެހީގައި މާ ބޮޑު ކޮމްޕްލިކޭޝަނާ ނުލައި ވަނީ ވިއްސައިފަ އެވެ. އަދި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.

"މިގޮތަށް ވިއްސުމުން ހޮސްޕިޓަލްގައި އޮންނަން ޖެހޭ މުއްދަތާއި ރިކަވާވާން ނަގާ މުއްދަތު ވެސް ކުރުވާނެ. އަދި [ސިރިއޭރަން ހެދުމަށް ވުރެ] ދިމާވާ ކޮމްޕްލިކޭޝަންތައް ވެސް ވަރަށް ކުޑަވާނެ،" މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި ހުޅުވި ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވި ގޮތުގައި، ސިޒޭރިއަން ހަދާފައިވާ މީހަކު އާދައިގެ ގޮތަށް ވިއްސުން ނުވަތަ ވީބީއޭސީ އަކީ އައްޑޫގައި ކުރިން ވެސް ދޭ ހިދުމަތެއް ކަމަށެވެ. އަދި މިފަދަ ހިދުމަތްތައް އައްޑޫގައި ފުޅާވެގެން ދިއުމަކީ އައްޑޫގެ ސިއްހީ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

"މި ކޭހުގެ ވާހަކަ އަހަރެމެން ސޯޝަލް މީޑިއާގައި ހިއްސާކުރި ސަބަބަކީ އާ ހޮސްޕިޓަލްގެ މިފަދަ ފުރަތަމަ ކޭހަށްވުމާއި އަދި މި ފުރުސަތު އޮތްކަން ވެސް ގިނަ ބަޔަކަށް ހާމަކޮށްދީ، އެ އޮޕްޝަން ބޭނުންވާ ހާލަތެއްގައި އޭގެ ބޭނުން ހިފަން ހިތްވަރު ދޭން."

އޭއީއެޗްގައި ހެދި ވީބީއޭސީ ޕްރޮސީޖާގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ފާހަގަކޮށް، ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އޭއީއެޗަކީ އައްޑޫގައި ކުރިން ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ހިންގާ ހިންގާ ހޮސްޕިޓަލެވެ. ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާއާރްއެޗް) އުވާލައި އެތަނުގެ ހިދުމަތްތައް ވަނީ އޭއީއެޗަށް ބަދަލުކޮށްފަ އެވެ.