Roadha Mihaaru
އައްޑޫ ހޮސްޕިޓަލްގައި އީއެންޓީ ސާޖަރީތައް ފަށައިފި

އައްޑޫ ހޮސްޕިޓަލްގައި ކަރުންމަތީގެ ބަލިތަކުގެ އޮޕަރޭޝަންތައް ފަށައިފި

24 އޮކްޓޯބަރ 2021

ކަރުންމަތީގެ ބަލިތަކުގެ އޮޕަރޭޝަންތައް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރުންމަތީގެ ބަލިތަކުގެ އޮޕަރޭޝަންތައް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ އީއެންޓީ ޑިޕާޓްމަންޓްގައި މި ވަގުތު މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. އައިޝަތު އަލީ ވިދާޅުވީ އީއެންޓީ އޮޕަރޭޝަންތައް ހޮސްޕިޓަލްގައި ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާތާ 21 އަހަރުވީ ޑރ. އައިޝަތު ވިދާޅުވި ގޮތުގައި ކަރުންމަތީގެ ބަލިތަކުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހި، ކުރިއަށް އޮތް ތަނުގައި އެ ދާއިރާގެ މަސައްކަތްތައް ހޮސްޕިޓަލްގައި ފުޅާވެ، ހިދުމަތްތައް ފަސޭހަ އިން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

"އުންމީދަކީ ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުން،" އައިޝަތު ވިދާޅުވި އެވެ.

މި ވަގުތު އޭއީއެޗްގައި ކުރާ އީއެންޓީ އޮޕަރޭޝަންތަކުގެ ތެރޭގައި ކަރުންމަތީގެ އާންމު ހުރިހާ އޮޕަރޭޝަންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޓޮންސިލް، އެޑްނޮއިޑް އޮޕަރޭޝަން، ސެޕްޓޯރިނޯޕްލާސްޓީ (ނޭފަތުގެ ކަށިގަނޑު ސީދާކުރުން)، ތައިރޮއިޑް ސާޖަރީ، ޕެރޮޓިޑް ސާޖަރީ، ދުލުގެ ނާރު ބުރިކުރުމުގެ ސާޖަރީތައް ފަދަ އޮޕަރޭޝަންތައް ހިމެނެ އެވެ.

އޭއީއެޗްގައި އީއެންޓީ އޮޕަރޭޝަންތައް ފެށި އިރު އެ ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ ތެރޭގައި އެ ދާއިރާގެ 12 އަހަރު ތަޖުރިބާ ލިބިފައިވާ ޑރ. ދިޕެންދުރަ ގޯތަމް ހިމެނެ އެވެ. އޭނާ އަކީ ކުރިން ނޭޕާލްގައި މަސައްކަތްކުރެއްވި ޑޮކްޓަރެކެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި ގާއިމުކުރި ފުރަތަމަ ޓާޝަރީ ހޮސްޕިޓަލްގެ ގޮތުގައި 100 އެނދުގެ އޭއީއެޗް ހުޅުވައި ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ގަ އެވެ.