Roadha Mihaaru
ބޯޑަރު ހުޅުވާނީ ޖުލައި 15ގައި: ރައީސް

ބޯޑަރު ހުޅުވާނީ ޖުލައި 15ގައި: ރައީސް

23 ޖޫން 2020

ކޮރޮނޯވައިރަސްއާ ގުޅިގެން މިދިއަ މާޗު މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައި އޮތް ބޯޑަރުތައް، އަންނަ މަހު 15 ގައި ހުޅުވާލާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރޮނޯވައިރަސްއާ ގުޅިގެން މިދިއަ މާޗު މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައި އޮތް ބޯޑަރުތައް، އަންނަ މަހު 15 ގައި ހުޅުވާލާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ބޯޑަރު ހުޅުވާލުމަށް ފަހު، އޮގަސްޓް މަހު ގެސްޓްހައުސްތަކަށް ޓޫރިސްޓުން އަންނަން ވެސް ފުރުސަތު ދޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޯޑަރު ހުޅުވައިލާ އިރު ރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި ޖަރުމަން ފަދަ ގައުމުތަކުން ފާހަގަކޮށްފައި އޮތުމެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ ޖަރުމަނެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން ލައްކައެއްހާ ޓޫރިސްޓުން އަ އެވެ. މި އަހަރުގެ މިހާތަނަށް ޖަރުމަނުގެ 28،000 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

"ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާ އިރު އަޅުގަނޑުގެ ވިސްނުން ހުރީ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު އަލުން ފަށަން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ހާއްސަ ޓާސްކްފޯސްއެއް މިހާރު ވަނީ އެކުލަވައިލައިފަ އެވެ. އޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި ސިވިލް ސޮސައިޓީ އަދި އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗް 27 ގަ އެވެ. އެއާ އެކު ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ދާއިރާ ޓޫރިޒަމް ވަނީ ހުއްޓިފަ އެވެ.