Roadha Mihaaru
އެއާޕޯޓަށް ވަޑައިގެން ރައީސްގެ ޝުކުރު މުވައްޒަފުންނަށް

އެއާޕޯޓަށް ވަޑައިގެން ރައީސްގެ ޝުކުރު މުވައްޒަފުންނަށް

15 ޖެނުއަރީ 2021

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ދަތި ހާލަތުގައި ވެސް އެއާޕޯޓް ސްޓާފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ޝުކުރުއަދާކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިމާވި ދަތި ހާލަތުގައި ވެސް އެއާޕޯޓް ސްޓާފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ޝުކުރުއަދާކުރައްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ވަނީ އިއްޔެ އެއާޕޯޓަށް ވަޑައިގެން، އެއާޕޯޓްގައި މަސައްކަތްކުރާ އެކި އޮފީސްތަކުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެއާޕޯޓް ހިންގާ އެމްއޭސީއެލް އާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ އިސް ބައެއް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވި އެވެ.

ވީއައިއޭ އަށް ރައީސް އިއްޔެ ކުރެއްވި ޒިޔާރަތާ ބެހޭ ގޮތުން ކުރެއްވި ޓްވީޓް

ރައީސް އޮފީހުން ބުނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ވެސް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އެއާޕޯޓްގެ މަސައްކަތްތައް ވެސް ބުރަވެފައި ވާއިރު މިހާރަށް ވުރެ ވެސް ހިދުމަތް ފުރިހަމަކުރެވެން ކުރެވޭނެ ގޮތްތަކާއި އެއާޕޯޓުގައި މަސައްކަތްކުރާ މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ރައީސް ވަނީ މަޝްވަރާކުރައްވައިފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންތަކަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންތަކަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ފިއުލް ފާމާއި ކާގޯ ޓާމިނަލާއި ކާގޯ ޖެޓީ އާއި އޭޕްރަން އާއި ވީއައިޕީ ބިލްޑިންގް އަދި ސީޕްލޭން ޓާމިނަލަށް ވެސް ރައީސް ވަޑައިގަތެވެ. އަދި އެތަންތަނުގައި ކުރިއަށް ގެންދާ އަންނަ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ އެއާޕޯޓުގެ ފިއުލް ފާމްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށާއި އެކަން ނިމިގެންދާ އިރު މަތިންދާބޯޓަށް އަޅާ ތެޔޮ ރައްކާ ކުރެވޭ މިންވަރު 15 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި ފިއުލް ބައުޒު ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިއްޔެ އެއާޕޯޓްގައި، މަސައްކަތްކުރާ ސައިޓެއް ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިއްޔެ އެއާޕޯޓްގައި، މަސައްކަތްކުރާ ސައިޓެއް ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކާގޯ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ކާގޯ ބިލްޑިންގާއި ކާގޯ ހާބަރުގެ އިތުރުން ކަމާ ގުޅޭ އޮފީސްތައް ހެދު ހިމެނެ އެވެ. އަހަރެއްގެ މައްޗަށް މިހާރު ކުރަމުން އަންނަނީ 50،000 ޓަނުގެ ކާގޯ މުއާމަލާތެވެ. އެ ޓާމިނަލްގެ މަސައްކަތް ނިމުމުން 120،000 ޓަނަށް މި އަދަދު އިތުރުވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެއާޕޯޓު އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތް ނިމި، އާ އޭޕްރަން ބޭނުންކުރަން ފަށާފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ އޭޕްރަންތައް އާކުރުމުގެ މަސައްކަތް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މި މަސައްކަތް ނިމޭ އިރު މަތިންދާބޯޓު ޕާކުކުރަން ބޭނުންކުރާ ސަރަހައްދު 86،000 އަކަމީޓަރުގެ ސަރަހައްދަކުން 212،000 އަކަމީޓަރުގެ ސަރަހައްދަކަށް އިތުރުވާނެ އެވެ.

ވީއައިއޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެތަނުގައި ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވީއައިއޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެތަނުގައި ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގައި ހިމެނޭ ސީޕްލޭން ޓާމިނަލްގެ 99 ޕަސެންޓު މިހާރު ވަނީ ނިމިފަ އެވެ. މުޅި އެއާޕޯޓުގެ މަސައްކަތް ނިމުމުން އެތަނުން ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު 26،000 އިން 78،000 އަށް އިތުރުވެގެންދާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި 800 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ.