Roadha Mihaaru
ދީޕިކާއާ އެކު މަސައްކަތްކުރުމަކީ ޝަރަފެއް: ސިދަންތު

ދީޕިކާއާ އެކު މަސައްކަތްކުރުމަކީ ޝަރަފެއް: ސިދަންތު

25 ޖޫން 2020

ދީޕިކާ ޕަދްކޯނާ އެކު ފިލްމެއް ކުޅެން ލިބުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި ކެރިއަރުގެ އެހާ ކުރީކޮޅުގައި މި ވަރުގެ ޝަރަފެއް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އަރަމުން އަންނަ ޒުވާން ބަތަލު ސިދަންތު ޗަތުރަވެދީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދީޕިކާ ޕަދްކޯނާ އެކު ފިލްމެއް ކުޅެން ލިބުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި ކެރިއަރުގެ އެހާ ކުރީކޮޅުގައި މި ވަރުގެ ޝަރަފެއް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އަރަމުން އަންނަ ޒުވާން ބަތަލު ސިދަންތު ޗަތުރަވެދީ ބުނެފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްގެ ފިލްމު "ގަލީ ބޯއި" އިން ބޮލީވުޑަށް ނުކުތް އުންމީދީ ބަތަލު އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުންނަކީ ދީޕިކާއާ އެކު މަސައްކަތްކުރަން ބޭނުންވާ މީހުން ކަމަށެވެ. އަދި އޭނާ ކަހަލަ އާ އެކްޓަރުންނަކީ ވެސް އެ ހުވަފެން ދެކޭ ބައެއް ބުންޏެވެ.

ދީޕިކާއާ އެކު ކުޅެން ސިދަންތު ސޮއިކޮށްފައިވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ރޮމޭންޓިކް ތުރިލާއެކެވެ. އަދި ނަން އިއުލާންނުކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނަންޔާ ޕާންޑޭ ވެސް ހިމެނެ އެވެ.

"އެ ފިލްމުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަހަރެން ދެކެނީ. މައިގަނޑު ސަބަބަކީ ދީޕިކާ އެކު މަސައްކަތްކުރަން ދެކުނު ހުވަފެން ހަގީގަތަކަށްވާން ފުރުސަތު ލިބުން،" ސިދަންތު ބުންޏެވެ. "އަހަރެން މިކަމާ ވާ އުފާ ބުނެދޭން ވެސް ނޭނގޭ. އަދި އެ އުފާތައް ކޮންޓްރޯލެއް ވެސް ނުކުރެވޭ. އަހަރެން މި ހުންނަނީ އޭގެ ޝޫޓިން ފަށަން ވެސް ކެތްމަދުވެފައި. ދީޕިކާއާ އެކު އެކްޓްކުރަން ލިބުމަކީ އާދައިގެ ކަމެއް ނޫން. އަނެއް ކަމަކީ ޝަކުން ކަހަލަ ހުނަރުވެރި މޮޅު ޑައިރެކްޓަރަކާ އެކު މަސައްކަތްކުރަން ލިބުން."

އޭނާ ބުނި ގޮތުގައި އެ ފިލްމުވެގެން ދާނީ ރޮމޭންޓިކް ތުރިލާއަކަށް ވިޔަސް، މީގެ ކުރިން ހިންދީ ސިނަމާއިން ފެނިފައިނުވާ އެ ޒާތުގެ ވަރަށް ވެސް ތަފާތު ފިލްމަކަށެވެ. މީގެ ކުރިން ދީޕިކާ ވެސް ވަނީ ޝަކުންގެ ފިލްމުގެ ޕްލޮޓާއި އޭގެ ކެރެކްޓާތައް ވަރަށް ތަފާތުވާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން ބުނާނީ މިއީ ބެލުންތެރިން ވަރަށް އުންމީދުނުކުރާ ކަހަލަ ސަޕްރައިޒިން ފިލްމަކަށޭ ވެގެންދާނީ." ސިދާންތު ބުންޏެވެ.

އުމުރުން 29 އަހަރުގެ ބަތަލު ބުނިގޮތުގައި އޭނާގެ ކެރިއަރު ބައްޓަންވަމުންދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ. ސިދަންތު ކުރިއަށް އޮތް ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެވެ. ފިލްމުގެ ކާސްޓްގައި ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާނާއި ޝަރުވާރީ ހިމެނެ އެވެ.

"މިއީ ފެމިލީ އެންޓަޓައިނާއެއް. ބެލުންތެރިން ވަރަށް ގަޔާވާ އެއްޗަކަށް މީތި ވާނެ." ސިދާންތު ބުންޏެވެ.

ދާދި ފަހުން އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް ވެސް ނެރެފައިވާ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެކްސެލް އެންޓަޓައިންމަންޓުން ހަދާ "ފޯން ބޫތު" ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމުގެ ކާސްޓްގައި ކެޓްރީނާ ކެއިފާއި އިޝާން ޚައްތަރް ވެސް ހިމެނެ އެވެ.