Roadha Mihaaru
ވެރިކަން ވައްޓާލީ ތެޔޮރިޕޯޓް ނެރެން އޮތްދުވަހު: ނަޝީދު

ވެރިކަން ވައްޓާލީ ތެޔޮ ރިޕޯޓް ނެރެން އޮތް ދުވަހު: ނަޝީދު

24 ޖޫން 2020

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު "ވައްޓައިލީ" ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ (މޯކޮމް މައްސަލައިގެ) ރިޕޯޓް އާއްމުކުރަން އޮތް ދުވަހު ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު "ވައްޓައިލީ" ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ (މޯކޮމް މައްސަލައިގެ) ރިޕޯޓް އާއްމުކުރަން އޮތް ދުވަހު ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގަ އެވެ. ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް މުހައްމަދު ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށާއި އެއަށް ފަހު އެ ރިޕޯޓް ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކުރައްވައި، މައްސަލައިގައި ގޮވާލާފައި ވަނީ ރިޕޯޓް މަޖިލީހަށް ހޯދުމަށެވެ.

ފަލާހު އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އެހުމަށް، ރަނގަބީލު ޖެހުމަށް ފަހު ވޯޓަށް އެހުމާ ދެމެދު ދެެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ތެލުގެ ވިޔަފާރީގެ މައްސަލަ ބަލަން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލްއާ އެ މަނިކުފާނުގެ ސަރުކާރުން ހަވާލުކުރީ ހިލޭސާބަހަށް އެ މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އެކަމަކު އެ މައްސަލަ އެއްވެސް ސަބަބަކާ ހުރެ ހުއްޓާލާ ނަމަ 10 މިލިޔަން ޑޮލަރު ދޭ ގޮތަށް އެ މަަސައްކަތުގެ އެއްބަސްވުމުގައި ހިމެނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކުންފުންޏާ އެކުގައި އެ އެއްބަސްވުން ހެދުނު އިރުގައި އަޅުގަނޑުގެ ހިތަށްް ވަން ކާކުބާއޭ މި ހުއްްޓައިލަން މިއުޅެނީ، ހުއްޓައިލައިފިއްޔާ 10 މިލިޔަން ޑޮލަރު ދޭނެ ވާހަކަ މީގައި އަޅަމުން މިދިޔައީ،" ހިފުޅުވަޑުވައިލެއްވުމަކާ އެކު ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ތަހުގީގުކުރަން ގްރާންޓް ތޯންޓަންއާ ހަވާލުކުރީ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކުރިކަމަށް ތުހުމަތު ކުރެވޭތީ ކަަމަށެވެ. އެގޮތަށް ތުހުމަތު ކުރެވުނީ ރާއްޖެއަށް އެތެރެކުރާ ތެލަށް ވުރެ ރާއްޖެއިން ބޭރުކުރާ ތެޔޮ ގިނަ ކަމަށް ތަފާސް ހިސާބުތަކުން ދެއްކުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަން ބެލުމަށް އޭރުގެ ސަރުކާރުން ކޮންޓްރެކްޓް ކުރެވި އެ މަސައްކަތް ހިންގުނީ. ހަގީގަތުގައި ހަތެއް ފެބްރުއަރީ ވަނަ ދުވަހަކީ އެ ރިޕޯޓް ނެރެން އޮތް ދުވަސް،" ނަޝީދު ވިދާޅުވި އެވެ.

ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ރިޕޯޓް ކުރީގެ ރައީސް ވަހީދު ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކޮށް މިއަދު ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރަން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ގޮވައިލެއްވި އެވެ.

އެގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ރިޕޯޓް ހޯދަން ޖެހޭ ކަމަށާއި ރިޕޯޓު ފޮރުވަން ދައުލަތުން ފައިސާ ހަރަދުކޮށްފައިވާ އިރު އެ ފައިސާ ހަރަދުކުރުމުގައި ބައިވެރިވި ބަޔަކު ވެސް ހޯދަންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ ނޮވެމްބަރު މަހު ކޮޅުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.