Roadha Mihaaru
މަތީ ތައުލީމްގެ ފުރުސަތުތައް ކުރިއަށްދާނެ: ރައީސް

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ފުރުސަތުތައް ކުރިއަށްދާނެ: ރައީސް

25 ޖޫން 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް، މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް، މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ހާލަތުގައި ވެސް ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދިނުމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯން ސްކީމާއި ރައީސްގެ ސްކޮލަޝިޕް އަދި ހައި އެޗީވާސް ސްކޮލަޝިޕް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މަތީ ތައުލީމުގެ ލޯނުގެ ފުރަތަމަ ބުރު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކޮށްފަ އެވެ. އެ ފުރުސަތުގައި ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 550 ފުރުސަތު ހުޅުވާލި އެވެ. އެކަމަކު ލޯނަށް ހޮވުނީ 514 ދަރިވަރުންނެވެ.

ރައީސްގެ ސްކޮލަޝިޕް 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. ދުނިޔޭގެ ބޭނުން ތަނަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އެ ސްކޮލަޝިޕް ސްކީމުން ލިބޭނެ އެވެ.

އެއާ ހިލާފަށް މީގެ ތިން އަހަރު ކުރިން ތައާރަފުކުރި ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ.

އެ ސްކީމްގެ ދަށުން ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުުގައި މަތީ ތައުލީމް ހާސިލްކުރެވޭނެ އެވެ. ދަރިވަރުންނަށް އިހުތިޔާރުކުރެވޭނީ ވެސް، ހުރިހާ ދާއިރާއެއް ކަހަލަ ގޮތަކަށް ހިމެނޭ ނޭޝަނަލް ޓްރެއިނިން ނީޑްސް ލިސްޓުގައި ހިމެނޭ ކޯހެކެވެ.

މިނިސްޓްރީން މިހާރު ވަނީ އެ ދެ ސްކޮލަޝިޕްގައި ކިޔެވުމަށް ވެސް ހުޅުވާލައިފަ އެވެ.