Roadha Mihaaru
ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ލޯނު

ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ލޯނު ދީފި

01 ޖޫން 2023

ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ކިޔަވަން 500 އެއްހާ ދަރިވަރުންނަށް މި އަހަރު ޖާގަ ދީފި އެވެ. މިއީ، އެއް ދާއިރާއަކުން އެންމެ ގިނަ ދަރިވަރުންނަށް ޖާގަ ދިން ފަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ކިޔަވަން 500 އެއްހާ ދަރިވަރުންނަށް މި އަހަރު ޖާގަ ދީފި އެވެ. މިއީ، އެއް ދާއިރާއަކުން އެންމެ ގިނަ ދަރިވަރުންނަށް ޖާގަ ދިން ފަހަރެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނުގެ 720 ފުރުސަތަށް 1،507 މީހުން ކުރިމަތިލި އެވެ. އެކަމަކު، ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަތީ ތައުލީމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފަ އެވެ. އެއީ، 1،225 ދަރިވަރުންނެވެ.

އެކަމުގެ ތަފުސީލް ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޑިމާންޑު ބޮޑު ދާއިރާތަކަށް މި އަހަރު ހުޅުވައިލީ ލޯނުގެ އަދަދުތައް އިތުރުކުރުމަށް ފަހު ކަމަށެވެ.

ޕައިލެޓްކަން ކިޔަވަން ހުޅުވައިލި ޖާގަ އަށް ވެސް އެތައް ސަތޭކަ ދަރިވަރުން ކުރިމަތިލިއިރު، އޭގެ ތެރެއިން ޝަރުތުހަމަވި 479 ދަރިވަރުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ރިކޯޑް އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ދިނުމަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި އޭގެ ފައިދާތައް ކުރާނެ ކަމަށް ވެސް، އިބްރާހިމް ހަސަން ވިދާޅުވި އެވެ.

"މި ސިޔާސަތުގެ ފައިދާތައް މުސްތަގްބަލުގައި ލިބޭނެ. މީހުން ބިނާކުރުމަށް އެ ކުރާ މަސައްކަތުގެ ނަތީޖާ އެ ދުވަހުން ދުވަހަކަށް ނުފެންނާނެ. މި ސަރުކާރުން މީހުން ބިނާކުރުމަށް އެ ކުރާ މަސައްކަތުގެ ބޭނުމަކީ މާދަމާގެ މުސްތަގުބަލް އުޖާލާކުރުން،" އޭނާ ވިދާޅުވި އެވެ.

ޕައިލެޓްކަމުގެ އިތުރުން މަތީ ތައުލީމުގެ ލޯނުގެ ތެރެއިން ދެން އެންމެ ޑިމާންޑު ބޮޑީ ޑޮކްޓަރުކަން ކިޔަވާށެވެ. އެމްބީބީއެސް އަށް އެންމެ ފުރަތަމަ ކަނޑައެޅީ 55 ޖާގަ އެވެ. އެކަމަކު، ޝަރުތު ހަމަވި 133 ދަރިވަރަކަށް ކިޔަވަން ލޯނު ދީފައި ވެ އެވެ.

ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ލިސްޓަށް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ. އެ ކަންކަން ބެލުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނެ އެވެ.