Roadha Mihaaru
ކުޅުމަށް ބަލާނަމަ އެންމެ މޮޅީ ސިޓީ: ލަމްޕާޑް

ކުޅުމަށް ބަލާނަމަ އެންމެ މޮޅީ ސިޓީ: ލަމްޕާޑް

26 ޖޫން 2020

ލަންޑަން (ޖޫން 26) - ކުޅުމަށް ބަލާނަމަ އޭނާގެ ނަޒަރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް ރޭ އެ ޓީމުގެ މައްޗަށް ކުރިހޯދި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ލަންޑަން (ޖޫން 26) - ކުޅުމަށް ބަލާނަމަ އޭނާގެ ނަޒަރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް ރޭ އެ ޓީމުގެ މައްޗަށް ކުރިހޯދި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ އެ ޓީމުން ސިޓީ އަތުން 2-1 އިން މޮޅުވުމާ އެކު، ބާކީ ހަތް މެޗު އޮއްވާ ލިވަޕޫލަށް ވަނީ މި ފަހަރުގެ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ސީޒަނުގެ ފުރަތަމަ ދުވަހުން ފެށިގެން ލިވަޕޫލުން ލީގު ޑޮމިނޭޓްކުރަމުން އައިއިރު، ލީގުގައި މިހާތަނަށް އެ ޓީމު ބަލިވީ އެއް މެޗުންނެވެ.

ރޭގެ މެޗަށް ފަހު ލަމްޕާޑް ބުނީ ފެންވަރަށް ބަލާއިރު ޔާގެން ކްލޮޕްގެ ލިވަޕޫލާއި ޕެޕް ގާޑިއޯލާގެ ސިޓީ އޮތީ ތަން ކޮޅެއް މަތީ ލެވަލެއްގައި ކަމަށާއި އެ ހިސާބަށް ދާން ޗެލްސީން ކުރަން ހުރި މަސައްކަތްތައް އެބަހުރި ކަމަށެވެ.

"ސިޓީ ކަހަލަ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ނުކުންނައިރު އެބަ ފެނޭ އެ ޓީމަށް ކޯޗުކޮށްދީގެން އެ ފެންވަރުގެ ކުޅުމެއް އެ ކުޅެނީ ކިހާ މަސައްކަތެއް ކޮށްގެންކަން. އަހަރެންގެ ނަޒަރުގައި މި ލީގުގައި ކުޅުމަށް ބަލާނަމަ އެންމެ މޮޅީ ސިޓީ. ޕެޕް (ގާޑިއޯލާ) އާއި ކްލޮޕަކީ އެހެން ލެވަލެއް. އެކަން އެބަ ފެނޭ މިރޭ (ރޭ)ގެ ނަތީޖާއާ އެކު ލިވަޕޫލުން ލީގު ޔަގީންކުރީމާ،" މި ސީޒަނުގައި ޗެލްސީއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ލަމްޕާޑް ބުންޏެވެ.

"އަހަރެމެންނަށް އަންނަ އަހަރު އިތުރަށް ކުރިއެރުން ހޯދިދާނެ. އެ ދެ ޓީމު (ލިވަޕޫލާއި ސިޓީ) ވެސް އެ ހިސާބަށް ދިޔައީ ވަރަށް މަސައްކަތުން ކުރިއެރުން ހޯދައިގެން."

ރޭގެ ނަތީޖާ އަކީ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ހިތްހަމަޖެހުމެކެވެ. ގިނަ ޓީމުތަކެއް އޮތީ ހަތަރު ވަަނަ މަގާމު ހޯދަން ޗެލްސީ ފަހަތުގައި ވިއްދައިފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް އަދި ޓޮޓެންހަމް ހޮޓްސްޕާސް ހިމެނެ އެވެ.

"މިއީ ވަރަށް އުނދަގުލުން ހޯދި ވަރަށް މުހިއްމު މޮޅެއް. އަދިވެސް ކުރަން ހުރި މަސައްކަތް ގިނަ. ގަދަ ހަތަރެއް ވަރަށް މުހިއްމު،" ލަމްޕާޑް ބުންޏެވެ.

ޗެލްސީ ހަތަރެއްގައި އޮތީ 31 މެޗުން 54 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް 31 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޗެލްސީން މިހާތަނަށް ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ. ޗެލްސީން ވަނީ އަޔަކްސްގެ ހަކީމް ޒިޔެކް އާއި އާރްބީ ލިޕްޒިގުން ޓިމޯ ވާނާގެ ސޮއި ހޯދައިފަ އެވެ.