Roadha Mihaaru
މި ވަގުތަށް އޮތީ ޑިޖިޓަލްކޮށް ރިލީޒްކުރުން: މަހޭޝް

މި ވަގުތަށް އޮތް ހައްލަކީ ޑިޖިޓަލްކޮށް ރިލީޒްކުރުން: މަހޭޝް ބަޓް

30 ޖޫން 2020

އިންޑިއާގައި ކޮވިޑް-19ގެ ބަލިމަޑުކަން މައިތިރިވަމުންދާކަމުގެ އެއްވެސް ސިގްނަލެއް ނުލިބޭ ކަމަށާއި މި ހާލަތުގައި އަވަހަށް ސިނަމާތައް ހުޅުވޭނެ ކަމަށް އުންމީދުނުކުރެެވޭތީ، ފިލްމު ހަދާ މީހުންނަށް އޮތް ގޮތަކީ އޯޓީޓީ ނުވަތަ ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުން ކަމަށް މަހޭޝް ބަޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ކޮވިޑް-19ގެ ބަލިމަޑުކަން މައިތިރިވަމުންދާކަމުގެ އެއްވެސް ސިގްނަލެއް ނުލިބޭ ކަމަށާއި މި ހާލަތުގައި އަވަހަށް ސިނަމާތައް ހުޅުވޭނެ ކަމަށް އުންމީދުނުކުރެެވޭތީ، ފިލްމު ހަދާ މީހުންނަށް އޮތް ގޮތަކީ އޯޓީޓީ ނުވަތަ ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުން ކަމަށް މަހޭޝް ބަޓް ބުނެފި އެވެ.

ޑައިރެކްޝަނާ ދުރުގައި ހުންނަތާ 22 އަހަރު ފަހުން "ސަޅަކް 2" ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ވަނީ ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރުމަކީ މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ "ސަޅަކް 2" ޑިޖިޓަލްކޮށް ރިލީޒްކުރާނެކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމު ޕްރިމިއާކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. "ސަޅަކް 2" އަކީ މަހޭޝް 1991 ގައި ގެނެސްދިން "ސަޅަކް" ގެ ސީކްއެލް އެވެ. ފިލްމުގެ ތަރިންނަކީ ކުރީގެ ފިލްމުގެ ދެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި މަހޭޝްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓްގެ އިތުރުން ހައްގު އަންހެން ދަރިފުޅު އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރެވެ.

"އަހަރެން ވެސް ގަބޫލުކުރަން ސިނަމާ އަކީ ވަރަށް މުހިއްމު ތަނެއްކަން. އަދި ގިނަ މީހުން ފިލްމުތަކަށް އެންޖޯއިކުރަން ބޭނުން ވަނީ ވެސް ސިނަމާތަކުގައިކަން. އެކަމަކު އެފަދަ ހާލަތެއް މިހާރު އެބައޮތްތަ؟

މަހޭޝް ބުނި ގޮތުގައި އޭނާގެ ފިލްމު ވަކި ތަނެއްގައި ރިލީޒްކުރުން މުހިއްމެއް ނޫނެވެ. މުހިއްމީ ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމެވެ.

"އަހަރެން ވެސް ގަބޫލުކުރަން ސިނަމާ އަކީ ވަރަށް މުހިއްމު ތަނެއްކަން. އަދި ގިނަ މީހުން ފިލްމުތަކަށް އެންޖޯއިކުރަން ބޭނުން ވަނީ ވެސް ސިނަމާތަކުގައިކަން. އެކަމަކު އެފަދަ ހާލަތެއް މިހާރު އެބައޮތްތަ؟ އިންޑިއާގައި އަދިވެސް ކޮވިޑް ދަނީ ފެތުރެމުން. ބަލި ޖެހޭ މީހުންގެ އަދަދު ދަށްވާ ތަނެއް ރިޕޯޓްތަކުން ވެސް ނުދައްކާ،" އޭނާ ބުންޏެވެ. "އެހެންވެ އަވަހަކަށް ސިނަމާތައް ހުޅުވަން ހުއްދަ ދޭނެ ކަމަކަށް ނުބެލެވޭ."

މަހޭޝް ބުނި ގޮތުގައި ސިނަމާ އަކީ އިންޑިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ. އެކަމަކު މި ވަގުތު ސިނަމާތައް ހުޅުވުމަށް ވުރެ މުހިއްމީ އާންމުންގެ ރައްކާތެރިކަމެވެ.

"މި ވަގުތު ސިނަމާތައް ބަންދުކޮށްފައި ބަހައްޓަން ޖެހުނަސް، ގަބޫލުކުރަން ޖެހޭ މިއީ ވަގުތީ ކަމެއްކަން. އެހެންވީމަ މި ވަގުތު އަހަރެމެންނަށް ފިލްމުތައް ބެލުންތެރިންނަށް ގެނެސްދެވެން އޮތް އެންމެ ފަސޭހަ ގޮތަކީ އޯޓީޓީ ޕްލެޓްފޯމްކަމަށްވާތީ އޭގެ ބޭނުން އެބަޖެހޭ ހިފަން." އޭނާ ބުންޏެވެ.

"ސަޅަކް 2" އަކީ ކުރިން އަންނަ މަހުގެ 10 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. އެކަމަކު ކޮވިޑާ އެކު އިއުލާންކުރި ލޮކްޑައުންއާ ހެދި ފިލްމުގެ ޝޫޓިން ވެސް އަދި އޮތީ އެއްކޮށް ނިންމައިނުލެވި އެވެ.

"ފިލްމުގައި ބާކީ އެބަހުރި ދެ ދުވަހެއްގެ ޝޫޓިން. ޖުލައި މަހުގެ ތެރޭގައި އެ މަންޒަރުތައް ނަގައި، ފިލްމު ނިންމާފައި ރިލީޒްކުރާނެ ތާރީހެއް އިއުލާންކުރާނަން." މަހޭޝް ބުންޏެވެ.

ސިނަމާތައް ބަންދުކޮށްފައިވާތީ ބައެއް ފިލްމުތައް ވަނީ ސިނަމާތަކުގައި ނާޅުވަން ނޫނީ ރިލީޒްކުރުން ފަސްކޮށްފަ އެވެ. އެކަމަކު ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަންނަނީ އެ މީހުންގެ ފިލްމުތައް ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމަމުންނެވެ.

ލޮކްޑައުންގެ ތެރޭގައި އެންމެ ފުރަތަމަ ޑިޖިޓަލްކޮށް ޕްރިމިއާކުރި ބޮލީވުޑްގެ ފިލްމަކީ މި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އެވެ.

ޑިޖިޓަލްކޮށް ރިލީޒްކުރަން ރަސްމީކޮށް މިހާތަނަށް އިއުލާންކުރި ފިލްމުތަކުގެ ތެރޭގައި ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" އާއި މި މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ "ދިލް ބޭޗާރާ" ހިމެނެ އެވެ.