Roadha Mihaaru
އަހަންނަށް ވުރެ ގިނަ ފައިސާ އާލިއާ ހޯދައިފި: މަހޭޝް

އަހަރެން 50 އަހަރުގެ ތެރޭގައި ހޯދި ވަރަށް ވުރެ ގިނަ ފައިސާ އާލިއާ ހޯދައިފި: މަހޭޝް

31 އޮކްޓޯބަރ 2021

ފާއިތުވި ބައި ގަރުނުގެ ތެރޭގައި މަސައްކަތް ކޮށްގެން ހޯދި ވަރަށް ވުރެ ގިނަ ފައިސާ އެންމެ ދެ އަހަރުގެ ތެރޭގައި ހަގު ދަރިފުޅު އާލިއާ ބަޓް ހޯދާފައިވާ ކަމަށް ބުނެ އޭނާގެ ކާމިޔާބީ އަށް ބައްޕަ މަހޭޝް ބަޓް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި ބައި ގަރުނުގެ ތެރޭގައި މަސައްކަތް ކޮށްގެން ހޯދި ވަރަށް ވުރެ ގިނަ ފައިސާ އެންމެ ދެ އަހަރުގެ ތެރޭގައި ހަގު ދަރިފުޅު އާލިއާ ބަޓް ހޯދާފައިވާ ކަމަށް ބުނެ އޭނާގެ ކާމިޔާބީ އަށް ބައްޕަ މަހޭޝް ބަޓް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

އެލް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި 73 އަހަރުގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ބުނީ އެހާ ޒުވާން އުމުރުގައި އާލިއާ ކެރިއަރުގައި އެހާ ބޮޑަށް ކުރިއަރައިގެން ދިއުމަކީ ބައްޕައެއްގެ ހައިސިއްޔަތުން އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި އެންމެ އުފާވަނީ އާއިލާ އަކީ ފިލްމީ އާއިލާއަކަށް ވިޔަސް، ސީދާ އާލިއާ އަމިއްލަ މަސައްކަތުން ކުރިއަރައިގެން ދިއުން ކަމަށް މަހޭޝް ބުންޏެވެ.

މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ލިސްޓްގެ ކުރީގައި ގުނައިލެވޭ އާލިއާ މިހާތަނަށް ކުޅުނީ އާއިލީ ފިލްމު ކުންފުނީގެ އެންމެ ފިލްމެކެވެ. އެއީ 22 އަހަރު ފަހުން ބައްޕަ ޑައިރެކްޓްކުރި މިދިޔަ އަހަރުގެ "ސަޅަކް 2" އެވެ. އާލިއާ އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ.

މިހާރު އުމުރުން 28 އަހަރުގެ އާލިއާ ބޮލީވުށް ނުކުތީ ކަރަން ޖޯހަރްގެ 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ. އޭގެ ފަހުން އާލިއާ އަކީ ކަރަންގެ ފެވަރިޓެކެވެ. އަދި ބައްޕަ ކަހަލަ މެންޓޯއެކެވެ. ކަރަން މިހާރު ހަދަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާ އަކީ ވެސް އާލިއާ އެވެ.

ދަރިފުޅުގެ ކާމީޔާބީއާ ބެހޭ މަހޭޝް ބުނީ އާލިއާ އަކީ އާއިލާ ފަހުރުވެރިވާ ފަދަ ކުއްޖެއް ކަމަށެވެ. އަދި އެހާ ޅަ އުމުރުގައި އެހާ ކާމިޔާބު މީހަކަށް ދަރިފުޅު ވުމުގެ ސިއްރަކީ ހިތްވަރާއި ކެރުމާ އެކު މަސައްކަތް ކުރުން ކަމަށް ބުންޏެވެ.

"އަބަދު ވެސް މަސައްކަތަށް ވަރަށް ފޯކަސް ކުއްޖެއް އެއީ. އަހަރެންގެ އަތުން ފަސްސަތޭކަ ރުޕީސް ހޯދަން ކުޑައިރު ފައި މަސާޖު ކޮށްދިން ދަރިފުޅަކީ ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި އަހަރެން މަސައްކަތް ކޮށްގެން ހޯދި ފައިސާ އަށް ވުރެ ގިނަ ފައިސާ އަމިއްލަ މަސައްކަތުން ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކުއްޖެއް." ބަތަލާ ޕޫޖާ ބަޓްގެ ވެސް ބައްޕަ ބުންޏެވެ.

އޭނާ ބުނި ގޮތުގަައި އާލިއާ އަކީ ހަމައެކަނި އާއިލާ އަށް އިތުރުވި ބޮލެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އަކީ އަމިއްލަ މަސައްކަތާއި ހުނަރުން ކުރިއަރައި އާއިލާ ފަހުރުވެރިވާ ފަދަ ގާބިލު ކުއްޖެއް ކަމަށް މަހޭޝް ބުންޏެވެ.

"އަހަރެން ވަރަށް ބޭނުންވޭ މިހާރުގެ ޖެނެރޭޝަން ޅަ އުމުރުގައި އަމިއްލަ މަސައްކަތުން ކުރިއަރައިގެންދާ ތަން ދެކެން. ހަމަ ޔަގީނުން ވެސް އާލިއާ އަކީ އަހަރެމެންގެ އާއިލާ އަށް ނަމޫނާއެއް،" ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ. "އެކަމަކު މި ކަހަލަ ޒަމާނެއްގައި ކުރިއަރައި ކާމިޔާބު މީހަކަށްވުމަކީ އެހާ ފަސޭހަ ކަމެއް ވެސް ނޫން. ތިމާ އަށް ލޯ އަޅާނެ އެތައް ބަޔަކު ތިބޭނެކަން ހަނދާނުގައި ބަހައްޓައިގެން ހިތްވަރާ އެކު މަސައްކަތްކުރާ ނަމަ ކުރިއަށް ދެވޭނެ."

އެކްޓަރު ރަންބީރް ކަޕޫރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިއާ އަކީ މިހާރު އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުން އެ މީހުންގެ ފިލްމުތަކަށް ގެންނަން އެންމެ ބޭނުންވާ އެއް ބަތަލާ އެވެ.

އޭނާގެ އަތުގައި މި ވަގުތު ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" ގެ އިތުރުން އަމިއްލަ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންގެ "ޑާލިންސް" ހިމެނެ އެވެ.