Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

27 އޯގަސްޓް 2020

އަރުޖުން ކަޕޫރާއި ރަކޫލް ޕްރީތު ޝޫޓިން ފަށާފައި އޮތް ކްރޮސް ބޯޑާ ލަވް ސްޓޯރީ އަށް ޖޯން އަބްރަހަމާއި އަދިތީ ރާއޯ ހައިދަރީ ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަރުޖުން ކަޕޫރާއި ރަކޫލް ޕްރީތު ޝޫޓިން ފަށާފައި އޮތް ކްރޮސް ބޯޑާ ލަވް ސްޓޯރީ އަށް ޖޯން އަބްރަހަމާއި އަދިތީ ރާއޯ ހައިދަރީ ވެސް ސޮއިކޮށްފި އެވެ.

ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝްވީ ނައިރް ޑައިރެކްޓްކުރާ ފިލްމެކެވެ. ޕްރޮޑިއުސަރުންނަކީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި އެއްމޭ އެންޓަޓައިންމަންޓްގެ ނިކިލް އަދުވާނީ އެވެ.

އިންޑިއާ ލޮކްޑައުންއަކަށް ދިޔުމުން ޝޫޓިން ހުއްޓުމަކަށް އައި ފިލްމުގެ މަސައްކަތް އަންގާރަ ދުވަހު އަލުން ފަށާފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

މި ފިލްމު ވާނީ ޖޯން އާއި އަރުޖުން އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. ޑައިރެކްޓަރު މޯހިތު ސޫރީ 2014 ގައި ގެނެސްދިން ފިލްމު "އޭކް ވިލަން" ގެ ސީކްއެލް "ދޯ ވިލަން" އިން ވެސް އެ ދެ ތަރިން ފެނިގެންދާނެ އެވެ.

ނިކިލް ބުނި ގޮތުގައި ކާޝްވީގެ ފިލްމުގައި ތިން ދައުރެއް ދައްކުވައިދޭނެ އެވެ. އެގޮތުން ޖޯން އާއި އަދިތީ ފެނިގެންދާނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިންނާއި މިނިވަންކަން ލިބުނު އަހަރުގެ ދައުރެވެ. އަދި އެ ދެ ތަރިންގެ ކެރެކްޓާ އަކީ އަރުޖުންގެ ކާފަ/މާމަގެ ރޯލްތައް ކަމަށް ބުންޏެވެ.

"ސަޅަކް 2" އިން އާ ލަވައެއް

ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ ފިލްމު "ސަޅަކް 2" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މަހޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ދޫކޮށްލި ލަވަ އަކީ "ދިލް ކީ ޕުރާނީ ސަޅަކް" އެވެ. ސަންޖޭ ދަތާއި ޕޫޖާ ބަޓްގެ މަންޒަރުތަކެއް ފެނިގެންދާ ލަވައިގެ މިއުޒިކް ހެދީ ސަމަރް މުކަރްޖީ އާއި އުރްވީ އެވެ. ކޭކޭ ކިޔާފައިވާ ލަވައިގެ ޅެން ހެދީ ވިޖޭ ވަޖަވަތެވެ.

"ސަޅަކް" އަކީ މަހޭޝް 1991 ގައި ސަންޖޭ އާއި ޕޫޖާއާ އެކު ގެނެސްދިން "ސަޅަކް" ގެ ދެވަނަ ބައެވެ. މި ފަހަރު ފިލްމުގެ އެންމެ މުހިއްމު ތަރިންނަކީ އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރެވެ.

މޯނީގެ ފިލްމެއް ޒީ5 އަށް

ޓީވީ ސިލްސިލާތައް ކުޅުމަށް ފަހު، މިހާރު ފިލްމު ކުޅެމުން އަންނަ ބަތަލާ މޯނީ ރޯއި ކުޅެފައިވާ ވެބް ފިލްމު "ލަންޑަން ކޮންފިޑެންޝަލް" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، އެ ފިލްމު ޒީ5 އިން ޕްރިމިއާކުރަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ކަންވަތު ސޭތީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލަކީ ޕޫރަބް ކޯލީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ކުލްރާޖް ރާންދަވާ އާއި ސާގަރް އަރިއާ އާއި ކިރެން ޖޯގީ އަދި ޕަރްވޭޝް ރާނާ ހިމެނެ އެވެ.

ސްޕައި ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ލަންޑަން ކޮންފިޑެންޝަލް" އަކީ ސިލްސިލާކޮށް އިންޑިއާގެ އެޖެންޓުންތަކެއް ލަންޑަނުގައި މަރައިލަމުންދާ ހާދިސާތަކެއްގެ ހަގީގަތް ހޯދަން ރޯ އެޖެންޓުންތަކެއް ކުރާ މަސައްކަތްތައް ދައްކުވައިދޭނެ ފިލްމެކެވެ.

ޒީ5 އިން ފިލްމު ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 ގަ އެވެ.

އުރްވަޝީ އަށް ތެލެގޫ ފިލްމެއް

ކުރިން ކަންނާޑާ ފިލްމެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ އުރްވަޝީ ރޯޓޭލާ އޭނާގެ އަލަތު ތެލެގޫ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

މިދިޔަ މަހު ޒީ5 އިން ޕްރިމިއާކުރި ފިލްމު "ވާޖިން ބާނޫޕްރިޔާ" ގެ ބަތަލާގެ ތެލެގޫ ފިލްމަކީ "ބްލެކް ރޯޒް" އެވެ. މި ފިލްމާ ބެހޭ ގޮތުން އުރްވަޝީ ބުނީ ސަމްޕަތު ނަންދީ ޑައިރެކްޓްކުރާ ފިލްމުން އޭނާ ފެނިގެންދާނީ ޝޭކްސްޕިއާގެ "ދަ މާޗަންޓް އޮފް ވެނިސް" ގެ ކެރެކްޓާ ޝައިލޮކް ކަހަލަ ރޯލަކުން ކަމަށެވެ. އަދި ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޝޫޓިންގައި އުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ބުންޏެވެ.

އުރުވަޝީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޕާގަލްޕަންތީ" އާއި "ހޭޓް ސްޓޯރީ 4" އަދި "ސަނަމް ރޭ" ހިމެނެ އެވެ.