Roadha Mihaaru
"ސަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފި

"ސަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފި

13 އޯގަސްޓް 2020

މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު "ސަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު "ސަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މީގެ ކުރިން ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން މަހޭޝް ބަޓް 21 އަހަރު ޑައިރެކްޝަނަށް އެނބުރި އައި ފިލްމެވެ. "ސަޅަކް 2" އަކީ ސަންޖޭ ދަތާއި ޕޫޖާ ބަޓާ އެކު މަހޭޝް 1991 ގައި ގެނެސްދިން "ސަޅަކް" ގެ ދެވަނަ އެވެ. މި ފަހަރު ފިލްމުގެ ކާސްޓްގައި ސަންޖޭ އާއި ޕޫޖާ އެކު، އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރް ވެސް މުހިއްމު ރޯލްތަކުން ފެންނާނެ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ގުލްޝަން ގްރޯވާ އާއި މަރުކަންދު ދޭޝްޕާންޑޭ ހިމެނެ އެވެ.

"ސަޅަކް 2" ހާއްސަވާ މުހިއްމު ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން މިއީ މަހޭޝް ވަރަށް ގިނަ އަހަރުތަކެއް ފަހުން ޑައިރެކްޓްކުރި ފިލްމަށްވެފައި އޭނާގެ އަންހެން ދަރިން ކަމަށްވާ ޕޫޖާ އާއި އާލިއާ އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށްވުން ހިމެނެ އެވެ. އަނެއްކޮޅުން ޕޫޖާ ވެސް ފިލްމަކުން ފެނިގެން މި ދަނީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ.

"ސަޅަކް 2" އަކީ އާއިލީ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އަށް އާލިއ ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ. އެއާ އެކު ބައްޕަ ޑައިރެކްޓްކުރި ފިލްމަކުން އާއިލާގެ ފިލްމެއް ކުޅެން ލިބުމަކީ ވެސް އާލިއާ އަށް ވަރަށް ހާއްސަ ކަމެކެވެ.

މި ފިލްމާ ބެހޭ ގޮތުން މަހޭޝް ބުނީ "ސަޅަކް 2" އަކީ އޭނާ ވަރަށް ފަރުވާ ބަހައްޓައިގެން ހެދި ފިލްމެއް ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި ފިލްމުގެ ހުރިހާ ކާސްޓުން ވެސް އެ މީހުންގެ މެކްސިމަމް އެއަށް ދީފައިވާ ކަމަށެވެ. މަހޭޝް ބުނިގޮތުގައި ފިލްމު ކާމިޔާބުވެއްޖެ ނަމަ އޭގެ ހުރިހާ ވެސް ހައްގުވެރިންނަކީ ފިލްމު ތަރިންނެވެ. އަދި ބެލުންތެރިންނަށް ކަމުދާ އެއްޗަކަށް ފިލްމު ނުވެއްޖެ ނަމަ އޭގެ ހުރިހާ ޒިންމާއެއް ނަގާނީ އޭނާ އެކަނި ކަމަށް މަހޭޝް ބުންޏެވެ.

މަހޭޝް އަކީ ވަރަށް ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ސާރަންޝް" އާއި "ނާމް" އާއި "އާޝިގީ" އާއި "ހަމް ހެ ރަހީ ޕިޔާރު ކޭ" އާއި ޒަހަމް" އާއި "ދިލް ހޭ ކި މާންތާ ނެހީ" އަދި "ގުމްރާހް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.