Roadha Mihaaru
މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަންނަ އަހަރު

މަޖިލީހުގެ އާ ދައުރުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަންނަ އަހަރު އޮގަސްޓް 31 ގެ ކުރިން

03 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 20 ވަނަ ދައުރުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަސް ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 20 ވަނަ ދައުރުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަސް ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން އެގޮތަށް ބުނީ މިދިޔަ މެއި މަހު ފެށި މަޖިލީހުގެ އާ ދައުރުގެ މެމްބަރުންގެ މާލީ ބަޔާން އަދިވެސް އާންމުނުކުރާ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކްސްގައި ކަންބޮޑުވުން ފާޅުކޮށްފައި ވާތީ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަން ވާނީ އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން ކަމަށެވެ.

އެހެންވެ، މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ އަންނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށް އެއް އަހަރު ފުރުމަށް ފަހު، އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

"ވީމާ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލައި ޓުވީޓުކޮށްފައި ވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށެވެ،" އެ މެސެޖުގައިވެ އެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، 19 ވަނަ ރައްޔިތުންގެ މަޖިލިސް ނުވަތަ މަޖިލީހުގެ މިދިޔަ ދައުރުގެ މެންބަރުންގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ބަޔާން އެ އިދާރާގެ ވެބްސައިޓުން ފެންނާނެ އެވެ. އަދި އެ ބޭފުޅުންގެ ފަސްވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވާނީ މި އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިންނެވެ.