Roadha Mihaaru

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، އާ ކޮމެޓީއެއް ނަގަން ނިންމައިފި

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް އާ ކޮމެޓީއެއް އެކުލަވާލަން ކުރީގެ ރައީސް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލުން މިއަދު ނިންމައިފި އެވެ.

ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، އާ ކޮމެޓީއެއް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

20 އޮކްޓޯބަރ 2016

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް އާ ކޮމެޓީއެއް އެކުލަވާލަން ކުރީގެ ރައީސް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލުން މިއަދު ނިންމައިފި އެވެ.

މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ސުލޫކީ އާ ކޮމެޓީއެއް އެކުލަވާލުމުގެ އިހްތިޔާރު ކައުންސިލް މެމްބަރުންގެ އިއްތިފާގުން މައުމޫނަށް ދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން ހުސްވެފައިވާ ދެ މަގާމަށް ސަމްސިއްޔާ އުމަރާއި ލ. ކަލައިދޫ، އަލީ ޔޫސުފް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުލޫކީ އާ ކޮމެޓީއެއް އެކުލަވާލަން ނިންމިއިރު، ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ބާރު އޮންނަ ސުލޫކީ ކޮމެޓީ މިނިވަން ނޫން ކަމަށް މައުމޫން ފެކްޝަނުން ވަނީ ބުނެފަ އެވެ.

ސުލޫކީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

- އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ވަހީދު - ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޔޫސުފް އަބްދުލް ޣަފޫރު - ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު ރަފީގު ހަސަން. - ފަލްސާ އިބްރާހިމް ރަޝީދު

މި ހަތަރު ބޭފުޅުންގެ އިތުރުން މި ކޮމެޓީގައި އިންނެވީ މިހާރު އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ ކޮމެޓީން އިސްތިއުފާ ދެއްވައިފަ އެވެ.

ސުލޫކީ ކޮމެޓީގެ ޒިންމާ އަކީ ޕާޓީގެ މެމްބަރުންނާ ގުޅޭ ގޮތުން ހުށަހަޅާ ސުލޫކީ އަދި އަހުލާގީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. މިއީ ޕާޓީގެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާ އެވެ. މި މަރުހަލާގެ ނިންމުން ގަބޫލުނުކުރާ ނަމަ އިސްތިއުނާފް ކޮމެޓީ އަށް ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ. ސުލޫކީ ކޮމެޓީގައި ހަތް މެމްބަރުން ތިބެން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. އެއީ، ޕާޓީގެ ގައުމީ ޖަލްސާ އިން އައްޔަންކުރާ ފަސް މެމްބަރުންނާއި މައްސަލަ ރައްދުވާ މެމްބަރުންގެ ފަރާތުން ފޮނުވާ ޕާޓީގެ ދެ މެމްބަރުންނެވެ. މި ހަތް މެމްބަރުންނަށް ވެސް ވޯޓު ލެވޭނެ އެވެ. ކޮމެޓީ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ ތިންބައިކުޅަ ދެބައެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ގޮތާ މެދު މައުމޫން ފެކްޝަނުން ނުރުހުން ފާޅުކޮށްފައި ވަނިކޮށް، ބާރަށު ދާއިރާގެ މެމްބަރު ސުޖާއު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ވަހީދުގެ މައްސަލަ އެ ކޮމެޓީން އަންނަނީ ބަލަމުންނެވެ. އެ ދެ މެމްބަރުން ކޮމެޓީ އަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިނުގެންފި ނަމަ މިއަދު ފިޔަވަޅު އަޅާނެ ކަމަށް ސުލޫކީ ކޮމެޓީން ވަނީ އަންގައިފަ އެވެ.

ޕީޕީއެމް ދެ ފަޅިކޮށްލާފައިވާއިރު މި ދެ މެމްބަރުން ތިއްބަވަނީ މައުމޫން ފަޅީގަ އެވެ.

މި ދެ މެމްބަރުންގެ އިތުރުން ވެސް މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންތަކެއް އެބަތިއްބެވި އެވެ. އަދި މީގެ ކުރިން ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންތަކެއްގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަތައް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މި މައްސަލަތައް ނުބެލި ލަސްވަނީ ސުލޫކީ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމަކުން، ސުލޫކީ ކޮމެޓީ ސަސްޕެންޑްކުރަން ނިންމާފައިވާއިރު އެމަނިކުފާނު ޕާޓީގައި އަދާކުރައްވާ ހުރިހާ ޒިންމާތަކެއް ސިވިލް ކޯޓުގެ އަމުރަކުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަން ގަބޫލުނުކުރައްވައި، މައުމޫން ވަނީ ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލައިގެ ތެރެއަށް ތަދުއްހުލުވެވަޑައިގެންފަ އެވެ.