Roadha Mihaaru
ޑްރަގާއެކު ހައްޔަރު ކުރި މީހުންގެ ފޮޓޯ އާންމުކޮށްފި

ހަ ކިލޯގެ ޑްރަގާއެކު ހައްޔަރު ކުރި ދެ މީހުންގެ މައުލޫމާތު އާންމުކޮށްފި

02 ޖުލައި 2020

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހު ހުޅުމާލެ އިން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހު ހުޅުމާލެ އިން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސްއާ އެކު މިދިޔަ މަހުގެ 15 ގައި ހައްޔަރުކޮށްފައި ވަނީ ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދު 33، އާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް 43، އެވެ.

މި މައްސަލައިިގައި އިތުރު މީހަކު ހައްޔަރު ކުރި ނަމަވެސް، އެ މީހާ ވަނީ ދޫކޮށްލައިފަ އެވެ. އެއީ އޭނާއާ ގުޅޭ ތަންތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްވެސް އެއްޗެއް ނުފެނުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، ޝަރީފް އާއި ރަޝީދު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އިތުރު 15 ދުވަސް ދީފަ އެވެ. މިއީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ދެ ވަނަ ފަހަރެވެ.

ޝަރީފް އަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން، އައްޑު އަށް ފަސް ކިލޯގެ މަސްތުވާތަކެތި ގެންދިޔަ ހަ މީހަކު ވެސް ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ.