Roadha Mihaaru
ސުޝާންތުގެ މަރާ ގުޅިގެން ބަންސާލީއާ ސުވާލުކުރަނީ

ސުޝާންތުގެ މަރާ ގުޅިގެން ޑައިރެކްޓަރު ބަންސާލީއާ ސުވާލުކުރަނީ

04 ޖުލައި 2020

ޑިޕްރެޝަނުގެ ތެރޭގައި އުޅެ މިދިޔަ މަހު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ ސުވާލުކުރަން ފުލުހުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޕްރެޝަނުގެ ތެރޭގައި އުޅެ މިދިޔަ މަހު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ ސުވާލުކުރަން ފުލުހުން ނިންމައިފި އެވެ.

ސުޝާންތު، 34، ގެ މަރާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރާ މުމްބާއީގެ ފުލުހުންގެ ޓީމުން އަންނަނީ އެކި ގޮތްގޮތުން އޭނާއާ ގުޅުން އޮތް މީހުންނާ ސުވާލު ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ސުޝާންތާ އެކު ތިން ފިލްމެއްގެ ޑީލެއް ހެދި ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އިސް އޮފިޝަލާ ވެސް ސުވާލުކޮށް، ސުޝާންތާ އެކު ހެދި އެއްބަސްވުންތަކުގެ ކޮޕީ ވެސް ފުލުހުންނާ ހިއްސާކޮށްފަ އެވެ.

ސުޝާންތާ އެކު އެ ސްޓޫޑިއޯ އިން ތިން ފިލްމެއްގެ ޑީލް ހެދި ނަމަވެސް، ގެނެސްދިނީ ދެ ފިލްމެކެވެ. އެއީ 2013 ގެ "ޝުދު ދޭސީ ރޮމޭންސް" އާއި 2015 ގެ "ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" އެވެ. ސުޝާންތާ އެކު ވައިއާރްއެފުން ހަދަން އުޅުނު ތިން ވަނަ ފިލްމަކީ އެ ސްޓޫޑިއޯގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ 2016 ގައި ރަންވީރު ސިންގްއާ އެކު ގެނެސްދިން "ބޭފިކްރޭ" އެވެ.

އެ ފިލްމު އޭނާ އަށް ދޭން ނިންމާފައި ވަނިކޮށް އެހެން އެކްޓަރަކު ލައްވައި ފިލްމު ކުޅުވައި އަދި ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ވެސް ނުލިބުމުން ސުޝާންތު ފަހުން ވަނީ ފިލްމަށް ފާޑު ވެސް ކިޔައިފަ އެވެ. އެގޮތުން "ބޭފިކްރޭ" އަކީ މީހަކު ކުޅޭ ވަރުގެ ފިލްމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޝޭކަރް ކަޕޫރް ޑައިރެކްޓްކުރާ ގޮތަށް ސުޝާންތާ އެކު "ޕާނީ" ކިޔާ ފިލްމެއް ހަދަން ވެސް ވައިއާރްއެފުން ކުރިން މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެކަމަކު ފަހުން އެ ސްޓޫޑިއޯ އިން ވަނީ އެ ފިލްމުގައި ހިއްސާނުވާން ނިންމައިފަ އެވެ. އެއާ އެކު "ޕާނީ" ގެ މަސައްކަތް ޝޭކަރް ވަނީ ހުއްޓާލައިފަ އެވެ. ސުޝާންތުގެ މަރުގެ މައްސަލާގައި ފުލުހުން ސުވާލުކުރި މީހުންގެ ތެރޭގައި ޝޭކަރް ވެސް ހިމެނެ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން ބަންސާލީއާ ވެސް ސުވާލުކުރާނީ ވައިއާރްއެފް ގޮތަށް އޭނާއާ އެކު ފިލްމުތަކެއްއެެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބުނާތީ އެވެ. އެގޮތުން ބަންސާލީ ޕްރޮޑަކްޝަންސްގެ ހަތަރު ފިލްމެއް ސުޝާންތަށް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެއް ފިލްމަކީ ރަންވީރާއި ދީޕިކާ ޕަދްކޯނާ އެކު 2013 ގައި ބަންސާލީ ގެނެސްދިން "ރާމް-ލީލާ" ކަމަށް މީޑިއާތަކުން ބުނެ އެވެ.

މީގެ އިތުރުން ބަންސާލީ ޕްރޮޑިއުސްކޮށް، ސްޓާ ޕްލަސް އިން 2013-2015 އަށް ގެނެސްދިން ސިލްސިލާ "ސަރަސްވަތީޗަންދުރާ" އަކީ ވެސް ސުޝާންތަށް ހުށަހެޅި އެއްޗެއް ކަމަށްވެ އެވެ. އެކަމަކު އޭނާ އަށް އެ ސިލްސިލާ ނުކުޅެވުނީ ތާރީހުތަކުގެ ތާށިކަމާ ހުރެ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

"ސަރަސްވަތީޗަންދުރާ" ގެ ލީޑް ރޯލް ކުޅުނީ ގޯތަމް ރޯޑާއި ޖެނިފާ ވިންގެޓެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ފެށޭ ހަފުތާގެ ތެރޭގައި ފުލުހުން، ބަންސާލީ ހާޒިރުކޮށް އޭނާގެ ބަޔާނެއް ނަގާނެ އެވެ. އެގޮތުން ސުޝާންތާ އެކު ހެދި ބުނާ އެއްބަސްވުންތަކާއި އެކަމާ އެއްގޮތަށް ކަންކަން ނުދިޔައީ ކީއްވެތޯ ސާފުކުރާނެ އެވެ.

ސުޝާންތު ދަންޖެހިގެން މަރުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އޭނާ މުމްބާއީގައި ދިރިއުޅުނު އެޕާޓްމަންޓްގެ ކޮޓަރިތެރޭގަ އެވެެ. އެ މަރުގެ ޒިންމާ ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންގެ ބޮލުގައި އަޅުވާފައިވާ އިރު، އޭގެ ތެރޭގައި ބަންސާލީ ވެސް ހިމނެ އެވެ.