Roadha Mihaaru
ސުޝާންތުގެ މަރާ ގުޅޭ ޑްރަގް ކޭސްއެއްގައި ރިއާ ހައްޔަރު

ސުޝާންތުގެ މަރާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ލޯބިވެރިޔާ ހައްޔަރުކޮށްފި

08 ސެޕްޓެމްބަރ 2020

ޖޫން މަހު ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ އޭނާގެ ލޯބިވެރިޔާ، ބަތަލާ ރިއާ ޗަކްރަބަތީ ސުޝާންތަށް މަސްތުވާތަކެތި ދިން ކަމަށް ތުހުމަތުކުރެވޭތީ މިއަދު ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޫން މަހު ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ އޭނާގެ ލޯބިވެރިޔާ، ބަތަލާ ރިއާ ޗަކްރަބަތީ ސުޝާންތަށް މަސްތުވާތަކެތި ދިން ކަމަށް ތުހުމަތުކުރެވޭތީ މިއަދު ހައްޔަރުކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ރިއާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހައްޔަރު ކުރީ ސުޝާންތުގެ މަރާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުން ހުރި ކަމަށް ބެލެވޭތީ އެ މައްސަލާގައި، ފާއިތުވި ދެ ދުވަހު ގިނަ އިރުތަކެއް ވަންދެން އެންސީބީން ރިއާއާ ސުވާލުކުރުމަށް ފަހު އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކާއި ރިއާއާ ކޮށްފައިވާ މުއާމަލާތްތަކެއްގެ ވަޓްސްއެޕް މެސެޖްތަކެއްގެ ސްކްރީންޝޮޓްތަކެއް ވެސް ދާދި ފަހުން ލީކްވެފައިވެ އެވެ. އެންސީބީން ކުރިއަށް ގެންދާ ތަހުގީގުގައި މީގެ ދެ ދުވަހެއް ކުރިން ރިއާ ވަނީ މަސްތުވާތަކެތީގެ މުއާމަލާތްތަކެއް ހިންގި ކަމަށް ވެސް އެއްބަސްވެފަ އެވެ. އެކަމަކު އެކަންކޮށްފައި ވަނީ ސުޝާންތަށް މަސްތުވާތަކެތި ދޭން ކަމަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް މީގެ ހަފުތާއެއްހާ ދުވަސްކުރިން އެންޑިޓީވީ އަށް ދިން އިންޓަވިއުއެއްގައި ރިއާ ވަނީ ސުޝާންތަކީ މެރުއާނާ ބޭނުންކުރަމުން ދިޔަ މީހެއް ކަމަށާއި އެކަން ހުއްޓުވަން ވެސް މަސައްކަތްކުރި ކަމަށް ބުނެފަ އެވެ.

ޒުވާން އެކްޓަރު މަރުވި މައްސަލާގައި ރިއާ އަށް ސުޝާންތުގެ އާއިލާ އިން ކުރާ ތުހުމަތުތަކުގެ ތެރޭގައި ވެސް އޭނާ އަށް ރިއާ މަސްތުވާތަކެތި ދީފައިވާ ކަމަށް ބުނެފައިވެ އެވެ. ސުޝާންތުގެ މަރާއި މަސްތުވާތަކެއްޗާ ގުޅުވައިގެން ކުރާ ތަހުގީގުގެ ތެރެއިން ރިއާ ހައްޔަރުކުރީ ޖޫން މަހުގެ ތެރޭގައި ސުޝާންތުގެ ދައްތަ ޕްރިޔަންކާ ސިންގް ސުޝާންތަށް ފޮނުވި ބޭސް ސިޓީއެއް ވެސް ލީކްވެފައި ވަނިކޮށެވެ. އޭގައިވާ ގޮތުން ފޯޖްކޮށްފައިވާ އެ ބޭސް ސިޓީގައި ވަނީ ސުޝާންތުގެ ނަފުސާނީ މައްސަލަތަކެއް ހުންނާތީ އެކަމަށް ބޭނުންކުރަން ލަފާ ދީފައިވާ ބޭސްތަކަކެވެ.

މި މައްސަލާގައި ރިއާ ވަނީ ހޯމަ ދުވަހު ޕްރިޔަންކާ އަށް ދައުވާކުރަން ވެސް ހުށަހަޅައިފަ އެވެ. އޭގައި ބުނެފައި ވަނީ ސުޝާންތު ޖޫން މަހުގެ 14 ގައި މަރުވީ ބޭސް ސިޓީ ލިބުނުތާ ފަސް ދުވަސް ފަހުން ކަމަށާއި އެ މަރާއި އެ ބޭސް ސިޓީއާ ގުޅުން އޮތް ކަމަށް ބެލެވޭ ކަމަށެވެ. އަދި ސުޝާންތު މަރުގެ މައްސަލާގައި އޭނާގެ އާއިލާގެ އަތެއްވާކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ސުޝާންތުގެ މަރުގެ ތަހުގީގު ވަރަށް ސީރިއަސްކޮށް މިހާރު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިއަށް ގެންދާއިރު، މަރާއި މަސްތުވާތަކެއްޗާ އޮތް ގުޅުމަށް ރިއާޔަޔްކޮށް ރިއާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީ އާއި އިތުރު ދެ މީހަކު ވެސް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވެ އެވެ.

އެއީ ސެމުއަލް މިރަންޑާ ކިޔާ މީހަކާއި ސުޝާންތު ދިރިއުޅުނު އެޕާޓްމަންޓްގައި ސުޝާންތުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރި ދިޕޭޝް ސާވަންތެވެ.