Roadha Mihaaru
ކަފާލާތަށް ރިއާ ދުލެއް ނުކުރި، ބަންދަށް 14 ދުވަސް

ކަފާލާތަށް ރިއާ ދުލެއް ނުކުރި، ބަންދަށް 14 ދުވަސް

09 ސެޕްޓެމްބަރ 2020

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ، އެ ބޭނުންކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ބަންދަށް 14 ދުވަސް ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ، އެ ބޭނުންކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ބަންދަށް 14 ދުވަސް ޖަހައިފި އެވެ.

މީޑިއާތަކުން ބުނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން 27 އަހަރުގެ ބަތަލާ ހައްޔަރުކުރުމަށް ފަހު، މި ވަގުތު އޭނާ ހުރީ ބައިކުއްލާ ޖަލުގައި ކަމަށެވެ. އެވެ. ރިއާ ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން މިނިވަންކޮށް ދޭން އެދި މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ގާނޫނީ ޓީމުގެ ފަރާތުން ހުށަހެޅި ނަމަވެސް އެކަން ކޯޓުން ވަނީ ބަލައިނުގެންފަ އެވެ. އެހެންވެ މިހާރު ނިންމާފައި ވަނީ ސެޝަން ކޯޓަށް އެކަން ހުށަހެޅުމަށެވެ.

ސުޝާންތުގެ މަރާއި މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމަށް ބަލައި ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުން އަންނަ އިރު، ރިއާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީއާ އެކު އިތުރު ދެ މީހަކު ވެސް މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންސީބީ އަށް ދިން ބަޔާންތަކުގައި ރިއާ ވަނީ ސުޝާންތަށް މަސްތުވާތަކެތި ހޯދައިދޭން މަސައްކަތްތައް ކުރި ކަމަށާއި އޭނާގެ ކޮއްކޮ މެދުވެރިކޮށް އެފަދަ މުއާމަލާތްތައް ހިންގާ ބައެއްގެ މަސްތުވާތަަކެތި ސަޕްލައިކުރުވާފައި ކަމަށެވެ. އަދި 2018 އިން ފެށިގެން ސުޝާންތަކީ މެރުއާނާ އަށް އެޑިކްޓްވެފައިވާ މީހެއް ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްކޮށްފައިވާ ކަމަށް ރިއާ ބުނެފައިވެ އެވެ. ނަމަވެސް ސުޝާންތު މަޖުބޫރުކޮށްގެން އަމިއްލަ އަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިއާގެ ބަޔާންތަކުގައި ބުނެފައިވެ އެވެ.

ރިއާ ހައްޔަރުކޮށް، ކަފާލާތު ވެސް ގަބޫލުނުކުރި މައްސަލާގައި އޭނާގެ ގާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ސަތިޝް މަނެޝިންޑޭ ވިދާޅުވީ އިންޑިއާގެ ތިން އިދާރާއެއް އިސްކޮށް އޮވެގެން މައުސޫމު ޒުވާން އަންހެނެއްގެ ހަޔާތް ބަރުބާދުކޮށްލަން މަސައްކަތްކުރާ ކަމަށެވެ. ސުޝާންތުގެ މަރާ ގުޅޭ ތަހުގީގުގައި ހިމެނެނީ އެންސީބީ އާއި ސެންޓްރަލް ބޯޑް އޮފް އިންވެސްޓިގޭޝަން (ސީބިއައި) ގެ އިތުރުން ސުވާންތު މުމްބާއީ ފުލުހުންނެވެ.

ވަކީލު ވިދާޅުވި ގޮތުގައި ސުޝާންތުގެ މަރާއި ރިއާއަކާ އެއްވެސް ގުޅުމެއް ނެތެވެ. އަދި ރިއާގެ ކުށަކަލީ ޑްރަގް އެޑިކްޓަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެވުން ކަމަށެވެ. ވަކީލު ވަނީ ސުޝާންތަކީ ގިނަ ދުވަސްތަކެއް ވަންދެން މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރަށް، ނަފުސާނީ މައްސަލަތަކެއްގެ ތެރެގައި ވެސް އުޅުނު މީހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިއާގެ ކުށަކީ އެކަންކަމުން އޭނާ ސަލާމަތްކުރަން އެހީވުން ކަމަށް ވިދާޅުވި އެވެ. އެކަމަކު އާހިރު ނަތީޖާ އަކީ އަމިއްލަ އަށް ފުރާނަ ދުއްވައިލި މީހަކާ ހެދި، ރިއާގެ ދިރިއުޅުން ބޮޑު ހާޖާނުގަނޑަކަށްވެ، އޭނާ ނުކުރާ ކުށްތަކެއްގެ މަޅީގައި ބެދުން ކަމަށް ވަކީލު ސަތިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިއާ އަށް އިންސާފު ހޯދައިން ކުރާ މަސައްކަތް ހުއްޓައެއްނުލާނެ އެވެ. އަދި އިންސާފު ޝަރީއަތެއް ލިބިއްޖެ ނަމަ ރިއާގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ އެވެ.

ސުޝާންތު ދަންޖެހިގެން މަރުވި ކަމަށް މުމްބާއީގެ ފުލުހުން ހާމަކުރީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.