Roadha Mihaaru
ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީއަކު ހައްޔަރުކޮށްފި

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކޮށްފި

03 ޖުލައި 2020

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީން މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީން މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސީލް މޯލްޑިވްސް އިން ރިސޯޓެއް ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް ކޮމްޕެނީގެ ބިދޭސީ 203 މުވައްޒަފަކު އެ ރަށުގެ ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހުރަސްއެޅުމުން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ އިއްޔެ ހެނދުނު 9:30 ކަމަށް ފުލުހުން ބުންޏެވެ. މި ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ އެ ރަށަށް ދިޔައީ ބޮޑުފިނޮޅާ އެއް ފަޅެއްގައި އޮންނަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށާއި ފުލުހުން ދިއުމުން އެ މީހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑު އުކައި ހަމަލާދިންކަން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ފުލުހުންގެ ބޯ ފެޅި އެހެން ފުލުހެއްގެ އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން އެތައް ފުލުހުންނަކަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.

ހަމަނުޖެހުން ހިންގި މީހުން ފުލުހުންނާ ކުރިމަތިލުމުން ފުލުހުންގެ އިސް ދެ އޮފިސަރުންނާއި ޕަބްލިކް އޯޑަ ރެސްޕޯންސް ޔުނިޓާއި ފުލުހުންގެ ތަހުގީގު ޓީމެއް ބަންގްލާދޭޝް ހައި ކޮމިޝަނުގެ ދެ އޮފިޝަލަކާ އެކު ރޭ ފަތިހު ވަނީ ބޮޑުފިނޮޅަށް ގޮސްފަ އެވެ.

އެ ރަށުގައި 15 ދިވެއްސަކު ތިބި ކަމަށް ފުރަތަމަ މައުލޫމާތު ލިބުނު ކަމަށާއި އެކަމަކު ފަހުން އެނގުގޮތުގައި ތިބީ 13 މީހުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދިޔައިރު އޭގެ ތެރެއިން އެކަކު މޫދަށް ފުންމާލައިގެން އުޅުނު ކަމަށާއި އޭނާ ސަލަމާތްކޮށް ރަށުގައި ދެން ތިބި 12 ދިވެހިން ވެސް ރޭ ފަތިހު ސަލާމަތްކުރީ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ފަތިހު ދިޔަ ޓީމު އެރަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމެވެސް އޭގެ ކުރިން ހިންގި ހަމަނުޖެހުންތަކުގައި ޝާމިލުވާ ކަމަށް ބެލެވޭ 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ ރަށުގައި ހުރި ތަކެއްޗަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުންނެވެ. އެތަނުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ކަމަށެވެ.

ރަށުގައި ހަމަނުޖެހުން ހިނގަން ފެށީ ބަންގްލާދޭޝް މަސައްކަތު މީހުންނަށް އެތައް މަހެއްގެ މުސާރަ ނުދީ އޮތް މައްސަލައާ ގުޅިގެންނެވެ. އެ ބިދޭސީންނަކީ ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ބައެކެވެ. އަލީ ރިޒާ ވިދާޅުވެފައި ވަނީ މުސާރަ ނުދެވި އޮތީ، ރަށުގެ ވެރިފަރާތް ކަމަށްވާ ސީލް މޯލްޑިވްސް އިން ފައިސާ ލިބުން ލަސްވެގެން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސީލް އަކުން އަދި މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ.

ހަަމަނުޖެހުން ހިންގި ބިދޭސީން ވަނީ ރަށުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކަށް ވެސް ގެއްލުން ދީފަ އެވެ.