Roadha Mihaaru
މީހަކަށް ހެދީ އެމެރިކާ، ހަނދާނެއް ނުނެތޭނެ: އާނޯލްޑް

މީހަކަށް ހަދައިދިނީ އެމެރިކާ، ހަނދާން ނައްތައެއްނުލާނަން: އާނޯލްޑް

06 ޖުލައި 2020

މީހަކަށް ހަދައި ދިނީ އެމެރިކާ ކަމަށާއި އެކަން ދުވަހަކު ވެސް ހަނދާން ނައްތައިނުލާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވެޒްނެގާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހަކަށް ހަދައި ދިނީ އެމެރިކާ ކަމަށާއި އެކަން ދުވަހަކު ވެސް ހަނދާން ނައްތައިނުލާނެ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވެޒްނެގާ ބުނެފި އެވެ.

މި މަހުގެ 4 ގައި ފާހަގަކުރާ އެމެރިކާގެ މިނިވަން ދުވަހާ ގުޅުވައިގެން އޭނާ ކުރި ވީޑިއޯ ޓްވީޓެއްގައި ވަނީ އެމެރިކާ އިން ލިބުނު ފުރުސަތުތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އޮސްޓްރިއާގެ އާދައިގެ އަވަށެއް ކަމަށްވާ ތަލް އަށް އުފަންވި އާނޯލްޑް އެމެރިކާ އަށް ހިޖުރަކުރީ ބޮލީބިލްޑިން އިން ދުނިޔޭގައި ކާމިޔާބު މީހަކަށް ވާށެވެ. އަދި އެ ދާއިރާ އިން ކުރި މަސައްކަތްތަކުގެ ސަބަބުން ފިޓްނެސް އައިކަންއެއްގެ ގޮތުގައި މަގުބޫލުވެގެން ދިޔަ އާނޯލްޑް ފަހުންވެގެން ދިޔައީ ހޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން އެކްޓަރުންގެ ތެރޭގަ އެވެ.

އެކްޓިން ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށް، ކާމިޔާބު އެތައް ފިލްމެއް ގެނެސްދިނުމަށް ފަހު އާނޯލްޑް ވަނީ އެމެރިކާގެ ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 2003-2011 އަށް ކެލިފޯނިއާގެ ގަވަރުނަރުކަން ކޮށްފަ އެވެ. އާނޯލްޑަކީ އެ ސްޓޭޓްގައި އެ މަގާމު އަދާކުރި 38 ވަނަ ގަވަރުނަރެވެ.

އެ ތަޖުރިބާއާ ބެހޭ ގޮތުން އާނޯލްޑް، 72، ބުނީ ގަވަރުނަރުގެ މަގާމަކީ ވެސް ހިތުން ފިލައިގެން ދާނެ ކަމެއް ނޫން ކަމަށާއި އެމެރިކާގެ ރަށްވެއްސަކަށް ވުމަކީ ވެސް ހަނދާނުން ފޮހެލެވޭނެ ކަމެއް ނޫން ކަމަށެވެ.

ގަވަރުނަރުގެ މަގާމުގައި ހުރެގެން ސީދާ ރައްޔިތުންނަށް ހިދުމަތްކުރަން ލިބުމަކީ އެމެރިކާގެ ސިޔާސީ ދާއިރާ އިން ލިބުނު ފަހުރެއް، ޝަރަފެއް ކަމަށް ބުންޏެވެ.

އާނޯލްޑް އެމެރިކާ ސިފަކޮށްފައި ވަނީ "ފުރުސަތުތައް ތަނަވަސްކޮށްދޭ ފަސްގަނޑެއް" ގެ ގޮތުގަ އެވެ.

"އަހަރެން ބުނާނީ އަހަރެން ދުށް ހުވަފެންތަކާއި އުންމީދުތަކަށް ވުރެ މާ ގިނަ ފުރުސުތުތައް އެމެރިކާ އަހަންނަށް ހޯދައި ދީފިއޭ. އެކަމަށްޓަކައި އެމެރިކާ އަށް ލަފުޒުތަކަކުން ޝުކުރުއަދައެއް ނުކުރެވޭނެ." ހަތް ކުދިންގެ ބައްޕަ ބުންޏެވެ.

ކަޅު ނަސްލުގެ މީހުންނަށް އެމެރިކާ އިން މިހާރު ކުރިމަތިވަމުންދާ މައްސަލަތަކަށް އިޝާރާތްކޮށް، އާނޯލްޑް ބުނިގޮތުގައި އެމެރިކާ އަށް ނޭވާލެވޭނީ ހުރިހާ ކުލައެއްގެ މީހުންނާ ވެސް އެކީގަ އެވެ. އެހެންވެ ވަކި ބައެއްގެ ކަރަށް ފައިން އަރައި، އަނިޔާވެރިވެ، ތަފާތުކުރުންތައް ގެންގުޅުމަކީ އެއްވެސް ގޮތަކުން އެމެރިކާ ލިބޭނެ ކުރިއެރުމެއް ނޫން ކަމަށް ބުންޏެވެ.

އާނޯލްޑް ބުނީ އޭނާ ވެސް އެމެރިކާ އަށް ހިޖުރަކުރި އިރު، އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި ކުރިއަށް ދެވުނީ އެތައް ބައެއްގެ އެހީ އާއި މަދަދާ އެކީގައި ކަމަށެވެ. އެހެންވެ ގައުމެއް ބިނާވުމުގައި އެއްބައިވަންތަކަމާއި ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަކީ ވަރަށް މުހިއްމު ސިފަތައް ކަމަށް ބުންޏެވެ.

"އެއް ބަޔަކު އަނެއް ބަޔަކާ ނުލައެއް ނޫޅެވޭނެ. އަހަރެމެން ދަސްކުރަންވީ އެއްޗަކީ އެއީ. ކުރިއަރުވަން ވީ ކަމަކީ ވެސް އެއީ." އާނޯލްޑް ބުންޏެވެ.