Roadha Mihaaru
ސިސަލީ ޓައިޒަން 96 އަހަރުގައި ވެސް ޒުވާން!

ސިސަލީ ޓައިޒަން 96 އަހަރުގައި ވެސް ޒުވާން!

24 ޑިސެމްބަރ 2020

އުމުރަކީ ނަމްބަރެކޭ ބުނަނީ ސިސަލީ ޓައިޒަން ފަދަ މީހުން ދައްކާ ހިތްވަރުންނެވެ. ހޮލީވުޑްގެ މި ބަތަލާގެ 96 ވަނަ އުފަން ދުވަސް ފާހަގަކުރީ މި މަހުގެ 19 ގަ އެވެ. ގަރުނެއްވާން ކައިރި އިރު ވެސް ސިސަލީގެ މަސައްކަތަކާއި މަސައްކަތުގެ ޖޯޝާއި ފޯރިއަކަށް ވެސް ބަދަލެއް ނާދެ އެވެ. އޭނާ އަދިވެސް ވަރަށް ޒުވާނެވެ. ސިސަލީ އަކީ ހޮލީވުޑްގައި މަސައްކަތްކުރާ ވަރަށް ގިނަ ކަޅު ނަސްލުގެ ފަންނާނުން ނަމޫނާއަކަށް ބަލާ ތަރިއެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރަކީ ނަމްބަރެކޭ ބުނަނީ ސިސަލީ ޓައިޒަން ފަދަ މީހުން ދައްކާ ހިތްވަރުންނެވެ. ހޮލީވުޑްގެ މި ބަތަލާގެ 96 ވަނަ އުފަން ދުވަސް ފާހަގަކުރީ މި މަހުގެ 19 ގަ އެވެ. ގަރުނެއްވާން ކައިރި އިރު ވެސް ސިސަލީގެ މަސައްކަތަކާއި މަސައްކަތުގެ ޖޯޝާއި ފޯރިއަކަށް ވެސް ބަދަލެއް ނާދެ އެވެ. އޭނާ އަދިވެސް ވަރަށް ޒުވާނެވެ. ސިސަލީ އަކީ ހޮލީވުޑްގައި މަސައްކަތްކުރާ ވަރަށް ގިނަ ކަޅު ނަސްލުގެ ފަންނާނުން ނަމޫނާއަކަށް ބަލާ ތަރިއެކެވެ.

އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ކަޅު ނަސްލުގެ ތަރިންގެ ތެރެއިން ސިސަލީ އަކީ ކާމިޔާބު ދިގު ކެރިއަރެއްގެ ތެރޭގައި ހުރި އެތައް ބަޔަކަށް ހިތްވަރެކެވެ. ހާއްސަކޮށް، ނަސްލީ ތަފާތުކުރުންތައް ބޮޑު ހޮލީވުޑްގައި ކަޅު ނަސްލުގެ ފަންނާނުންނަށް ކުރިއަށް ދިއުމަކީ މާ ފަސޭހަ ކަމެއް ވެސް ނޫނެވެ.

އެ ބަހުސަކީ އަދިވެސް ހޮލީވުޑްގައި އެންމެ ހޫނުކޮށް ވާހަކަ ދެކެވޭ އެއް މައްސަލަ އެވެ. މަޑުމަޑުން މަންޒަރު މިހާރު ބަދަލުވަމުން އަންނަ އިރު ސިސަލީގެ ފަރާތުން ހިތްވަރު ލިބިގަންނާނެ އެތައް ފަންނާނުންނެއް ތިބޭނެ އެވެ.

ނިއު ޔޯކަށް އުފަން އެ ބަތަލާ ވަނީ މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގައި މަސައްކަތްކޮށްފަ އެވެ. ސިސަލީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ސައުންޑާ (1972) އާއި ދި އޮޓޯބައޮގްރަފީ އޮފް މިސް ޖޭން ޕިޓްމަން (1974)، އޯލްޑެސްޓް ލިވިން ކޮންފެޑެރޭޓް ވިޑޯ ޓެލްސް އޯލް (1994)، ޑައިރީ އޮފް އަ މޭޑް ބްލެކް ވުމަން (2005) އަދި ދަ ހެލްޕް (2011) ހިމެނެ އެވެ.

ސިސަލީ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ތުރިލާ "އަ ފޯލް ފްރޮމް ގްރޭސް" އިންނެވެ.

އޭނާ ކުޅުނު ޓީވީ ސިލްސިލާތަކަށް ބަލާ އިރު އެންމެ ބޮޑު މަގުބޫލު ހޯދި އެކައްޗަކީ 2015-2020 އަށް ގެނެސްދިން އޭބީސީގެ ލީގަލް ތުރިލާ "ހައު ޓު ގެޓް އަވޭ ވިތު މާޑާ؟" އެވެ. ސެސިލީގެ މަޝްހޫރު އިތުރު ސިލްސިލާތަކުގެ ތެރެއިން މި ފަހުން އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ އޭނާ ތިން އެޕިސޯޑެއްގައި 2016 ގައި ހިއްސާވި "ހައުސް އޮފް ކާޑްސް" އެވެ. މީގެ އިތުރުން ވެސް މަޝްހޫރު އެތައް ސިލްސިލާއެއް ހުނަރުވެރި ބަތަލާ ކުޅުނެވެ. އޭގެ ތެރޭގައި "ލޯ އެންޑް އޯޑާ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް" އާއި "ސްވީޓް ޖަސްޓިން" ހިމެނެ އެވެ.

ސިސަލީ އަކީ ތިއޭޓަޕްލޭތަކުގައި ވެސް އަރާހުރި ފަންނާނެކެވެ. އެގޮތުން އެތަކެއް ތިއޭޓަޕްލޭތަކެއް ވެސް ކުޅުނެވެ.

ކެރިއަރުގައި އެކްޓިން ދައްކާލައިގެން އޮސްކާ އެވޯޑެއް ހާސިލުކުރުމުގެ ޝަރަފު ލިބިފައި ނެތަސް އެ އެވޯޑާއި ގޯލްޑެން ގްލޯބް އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ސިސަލީ އަށް ނޮމިނޭޝަން ލިބިފައިވެ އެވެ. އެއީ ދި އޮޓޯބައޮގްރަފީ އޮފް މިސް ޖޭން ޕިޓްމަން" އިންނެވެ.

އެ ފިލްމު ކުޅެގެން އޭނާ އަށް އެމީ އާއި ބަފްޓާ އެވޯޑް ލިބިފައިވެ އެވެ.

އެކްޓިން ހުނަރުން ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ ނުލިބުނަސް ސިސަލީ ފިލްމީ ދާއިރާ އަށް ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަންކޮށް 2018 ގައި އެކެޑަމީ އޮނަރަރީ އެވޯޑް ދީފައިވެ އެވެ.

ފިލްމީ ކެރިއަރުގައި ކާމިޔާބު މީހަކަށް ވިޔަސް އަމިއްލަ ދިރިއުޅުމަށް ބަލާ އިރު ސިސަލީގެ ދެ ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ. ދަރިއަކު ވެސް ނެތެވެ. އެކަމަކު އޭނާ އަކީ ޕްރޮފެޝަނަލް ކެރިއަރުގައި އެތައް ބަޔަކަށް އިންސްޕިރޭޝަނެކެވެ.