Roadha Mihaaru
މުސާރަ ދޭން އައިލެންޑް އެކްސްޕާޓްގެ ތަކެތި ވިއްކާލަނީ

މުވައްޒަފުންނަށް މުސާރަ ދޭން އައިލެންޑް އެކްސްޕާޓުން މުދާތައް ވިއްކާލަނީ

07 ޖުލައި 2020

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވި އޮތުމަކީ ގޯހެއް ކަމަށް ގަބޫލުކުރާ ކަަމަށާއި އެ މުސާރަތައް ދޭން ސައިޓުގައި ހުރި މުދާތައް ވިއްކާލަން ނިންމާފައިވާ ކަމަށް، އައިލެންޑް އެކްސްޕާޓުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވި އޮތުމަކީ ގޯހެއް ކަމަށް ގަބޫލުކުރާ ކަަމަށާއި އެ މުސާރަތައް ދޭން ސައިޓުގައި ހުރި މުދާތައް ވިއްކާލަން ނިންމާފައިވާ ކަމަށް، އައިލެންޑް އެކްސްޕާޓުން މިއަދު ބުނެފި އެވެ.

ތައިލެންޑްގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ހެދި މިދިޔަ އޭޕްރީލް 15 ން ފެށިގެން ތިން މަސް ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް މަސައްކަތް ހުއްޓުމަކަށް އައި އިރު ވެސް ބައެއް މުވައްޒަފުންނަށް އޮތީ މުސާރަ ނުދެވި ކަމަށެވެ. ލޮކްޑައުން ކުރި ފަހުން އެއްވެސް މުވައްޒަފަކަށް މުސާރަ ނުދެވޭ ކަމަށާއި އެއީ ގޯހެއް ކަން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ހެދިފައި އޮތް ގޯހެއްކަން އަަޅުގަނޑު ގަބޫލުކުރަން. އެކަން [މުސާރަ] ހަމަޖައްސަން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވެ، ސައިޓްގައި ހުރި އިކްއިޕްމެންޓްތައް ވިއްކާލަން މިހާރު ވާނީ ހުޅުވާލާފައި،" އަނޮން ވިދާޅުވި އެވެ.

ލޮކްޑައުން ތެރޭގައި މުސާރަ ދިނުން ހުއްޓުނު ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ މަސައްކަތް މުޅިން ހުއްޓި، އަދި ހަރަދުތައް ބޮޑުވެ، ދެން ވާނެ ގޮތެއް ވެސް ނޭނގޭ ހާލަތެއް ކަމަށެވެ.

"އެއްކޮޅުން މަސައްކަތް އޮޮތީ މުޅިންހެން ހުއްޓިފައި. އަނެއްކޮޅުން ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ފިޔަވަޅުތަކާ އެކު ހަރަދުތައް ވަރަށް ބޮޑުވި. ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭ. އެހެންވެ އަޅުގަނޑު ހުރިހާ ސަމާލުކަމެއް ދިނީ ސަވައިވަލް އަށް. މުވައްޒަފުންނަށް ކާންބޯން ދިނުން ފަދަ ކަންތަައްތަކަށް. އެކަންތައްތައް ރަނގަޅަށް ހަމަޖެއްސިން،" އޭނާ ވިދާޅުވި އެވެ.

އަނޮން ވިދާޅުވީ ސައިޓްތަކުގައި ހުރި ސާމާނާއި ވެހިކަލް ފަދަ މުދާތައް ވިއްކަން މަސައްކަތް ކުރަމުން އައި ނަމަވެސް އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތުގައި އެއީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރުން މިހާރަށް ފެންނަން އޮތް އެންމެ ރަނގަޅު ހައްލަކީ އެ އެވެ.

"އެމީހުންގެ ޓިކެޓް ވެސް ނަގާފައި އޮއްވައި އެ ފްލައިޓް ކެންސަލްވީ. ބޯޑަރުތައް ބަންދުކޮށްފައި އޮއްވައި ވެސް އެމީހުން ޑިމާންޑް ކުރަމުން ދަނީ ގައުމަށް އެނބުރި ދާން. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،"

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި 2012 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަސައްކަތްކުރާ މީހުން އިއްޔެ ކުރި މުޒާހަރާގައި ބައެއް އިމާރާތްތަކަށް ގެއްލުން ވެސް ދިނެވެ. މުސާރައިގެ މައްސަލައިގައި ކުރިން ވެސް އެމީހުން މުޒާހަރާކުރި އެވެ.

މުޒާހަރާ ކުރި މީހުންގެ ތެރޭގައި ވަޒީފާއިން ވަކިކޮށް ގައުމަށް އަނބުރާ ފޮނުވައިނުލެވި ތިބި ބަޔަކު ވެސް ހިމެނޭ ކަމަށް އަނޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ހެދި ބޯޑަރުތައް ބަންދުކޮށް، އެއާލައިންތަކުގެ ދަތުރުތައް ހުއްޓައިލި އިރު އެ މުވައްޒަފުން ފޮނުވަން ސްރީ ލަންކަން އެއާލައިންސުން އޮތީ ޓިކެޓް ވެސް ނަގައިފަ އެވެ.

"އެމީހުންގެ ޓިކެޓް ވެސް ނަގާފައި އޮއްވައި އެ ފްލައިޓް ކެންސަލްވީ. ބޯޑަރުތައް ބަންދުކޮށްފައި އޮއްވައި ވެސް އެމީހުން ޑިމާންޑް ކުރަމުން ދަނީ ގައުމަށް އެނބުރި ދާން. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،" އަނޮން ވިދާޅުވި އެވެ.

ނުދެވި ތިބި މުވައްޒަފުން ފޮނުވާލަން މިހާރު އޮތް ޕްލޭނަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަކަށް ދަތުރެއް ކުރަން އެދިފައިވާ ކަަމަށެވެ. ނަމަވެސް އެ ދަތުރަށް އަދި ހުއްދަ ނުލިބޭތީ އެމީހުން ފޮނުވައިލެވޭނެ ދުވަހެއް ނޭނގެ އެވެ.

މުދާތައް ވިއްކާލައި އަދި މުވައްޒަފުން ދޫކޮށްލުމުން މަޝްރޫއަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމުން އަނޮން ވިދާޅުވީ، ދިގު ދެމިގެންގޮސްފައިވާ މަސައްކަތް ސަބް ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ މަޝްވަރާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

އައިލެންޑް އެކްސްޕާޓްގެ 50 އަކަށް މުވައްޒަފުން ހުޅުމާލޭގެ މަގުތަކަށް ނުކުމެ އިއްޔެ ކުރި މުޒާހަރާގައި އެ މީހުން ގޮސް ވަނީ ފުލުހުންގެ ފްލެޓްތައް ހުންނަ ސަރަހައްދަށެވެ. އެތަނުގައި ހުރި ބައެއް އެއްޗެހިތައް ވައްޓާލައި، މުދަލަށް ގެއްލުން ދިން ކަމަށް ވެ އެވެ. އެ މީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި މަންޒަރު ވެސް އާންމު ވެފައިވާ ބައެއް ވީޑިއޯތަކުން ފެނެ އެވެ.

ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓްސްގެ އޮފީސް ކުރިމައްޗަށް އެއްވި ބިދޭސީންނާ ފުލުހުން ވާހަކަ ދެއްކުމަށް ފަހު، އެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރި ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން، އެ އިމާރާތުގެ ކުރިމަތީގައި އެއްވެފައި ތިބި ބިދޭސީން އެ ސަރަހައްދުން ދުރަށް ގެންދަން ފުލުހުން ބާރުގެ ބޭނުން ވެސް ކުރި އެވެ.

އަނޮން ވިދާޅުވީ މުޒާހަރާކުރި މުވައްޒަފުން އިއްޔެ އަމަލުކުރި ގޮތާ މެދު ހިތާމަކުރައްވާ ކަމަށެވެ.