Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ފްލެޓުތައް ނިންމުން ލަސްވީ ސިޔާސީވުމުން: ކޮންޓްރެކްޓަރު

ސިފައިން/ފުލުހުންގެ ފްލެޓު ނިންމުން ލަސްވީ ސިޔާސީ ވުމުން: އައިލެންޑު އެކްސްޕާޓު

07 ޖުލައި 2020

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން މީގެ އަށް އަހަރު ކުރިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ފްލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ އެއީ "ވަރަށް ސިޔާސީ" މަޝްރޫއަކަށް ވުމުން ކަމަށް ތައިލެންޑުގެ ކޮންޓްރެކްޓަރު އައިލެންޑު އެކްސްޕާޓުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން މީގެ އަށް އަހަރު ކުރިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ފްލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ އެއީ "ވަރަށް ސިޔާސީ" މަޝްރޫއަކަށް ވުމުން ކަމަށް ތައިލެންޑުގެ ކޮންޓްރެކްޓަރު އައިލެންޑު އެކްސްޕާޓުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި އިމާރާތް ކުރަން ފެށި އެ ފްލެޓުތަކުގެ މަސައްކަތް ނުނިމި އެތައް ދުވަހެއް ވުމަކީ ފްލެޓު ލިބުނު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވާއިރު، އެ މީހުން ވަނީ ޑައުންޕޭމަންޓުގެ ގޮތުގައި ވެސް އެ ތަނަށް ކުރިން ފައިސާ ދައްކައިފަ އެވެ.

މި ފްލެޓުތައް އިމާރާތް ކުރަން ފުރަތަމަ ހަވާލުކުރީ ނޫމަޑިއާ އެވެ. ނޫމަޑީގެ އެއް ހިއްސާދާރުގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް އައިލެންޑު އެކްސްޕާޓުން ފުރަތަމަ މަސައްކަތް ނެގީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު، ފްލެޓު އިމާރާތް ކުރުމަށް ސިފައިންގެ ކުންފުނި ސިފްކޯ އާއި ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު 2016 ގައި މަސައްކަތް އަލުން ހަވާލުކުރީ ސީދާ އައިލެންޑް އެކްސްޕާޓާ އެވެ. އެހެންވެ، ފްލެޓުތަކުގެ މަސައްކަތް އެ އަހަރުން ފެށިގެން ކުރަމުން އަންނަނީ އެ ކުންފުނިންނެވެ.

އައިލެންޑު އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ، 2016 ގެ ފަހުން ވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ދިގުލައިގެން ދިއުމުގައި އޮތީ ހަމަ އެކަނި އެ ކުންފުނީގެ މައްސަލަަ ވެސް ނޫން ކަމަށެވެ. އެހެންވެ، އޭނާގެ ފަރާތުން ކުރިމަތިވި ކަންކަން ދިފާއު ކުރެއްވި އެވެ.

އަނޮން ދެކެވަޑައިގަންނަވާ ގޮތުގައި ފްލެޓުތަކުގެ މަސައްކަތްް ލަސްވާން ދިމާވި އެއް ސަބަބަކީ އެއީ "ވަރަށް ސިޔާސީ" މަޝްރޫއަކަށް ވުމެވެ.

"އެހެންވީމާ ވާ ގޮތަކީ ސިޔާސީ ގޮތުން ރާއްޖެ އަށް އަންނަ ކޮންމެ ބަދަލަކާ އެކު އެތައް ދުވަހަކަށް މަަސައްކަތް ހުއްޓައިލަން އަންގާ. ބައެއް ފަހަރު ތިން މަސް ދުވަހަށް އަނެއްބައި ފަހަރު އެ އަށް ވުރެ ވެސް މާ ދިގު މުއްދަތަކަށް،" އަނޮން ވިދާޅުވި އެވެ.

މި ފްލެޓުތަކުގެ މަސައްކަތް ފެށި ފަހުން ރާއްޖޭގެ ވެރިކަމަށް ތިން ފަހަރެއްގެ މަތިން ބަދަލު އައިސްފައިވާއިރު، އެއިން ކޮންމެ ފަހަރަކު ވެސް މަސައްކަތަށް އަސަރުކުރި ކަމަށް އޭނާ ވިދާޅުވެ އެވެ. އެގޮތުން، ސިޔާސީ ކޮންމެ ބަދަލަކާ އެކު ސިފްކޯ އާއި ޕޮލްކޯގެ ބޯޑު ބަދަލުވެ އެވެ. އޭގެ ނަތީޖާ އަކީ ފްލެޓު މަޝްރޫއަށް ވެސް ބަދަލު އައުމާއި ބޯޑު ބަދަލުވާ ވަގުތު މަސައްކަތް މެދުކެނޑުން ކަމަށް އަނޮން ވިދާޅުވި އެވެ.

އަނޮން އަކީ ވެސް ކުރިން ނޫމަޑީގެ އެއް ހިއްސާދާރެވެ. ނަމަވެސް ފްލެޓުތަކުގެ މަސައްކަތް ސީދާ އައިލެންޑު އެކްސްޕާޓާ ފަހުން ހަވާލުކުރުމުން ނޫމަޑީގެ ހިއްސާ ދޫކުރައްވައި އޭނާ އައިލެންޑު އެކްސްޕާޓާ ގުޅިވަޑައިގަތީ އެވެ.

އޭނާ މިހާރު ނިންމަވާފައި ވަނީ ފްލެޓުތަކުގެ މަސައްކަތް މިހާރަށް ވުރެ ހަލުވި ކުރުމަށްޓަކައި ސަބްކޮންޓްރެކްޓަރަކާ ހަވާލު ކުރުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އައިލެންޑު އެކްސްޕާޓަށް މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ފްލެޓުތަކުގެ މަސައްކަތް މުޅިން ހުއްޓުމުން އެ ނޫން ހައްލެއް ނެތުން ކަމަށެވެ.

"އެހެންވީމާ ވާ ގޮތަކީ ސިޔާސީ ގޮތުން ރާއްޖެ އަށް އަންނަ ކޮންމެ ބަދަލަކާ އެކު އެތައް ދުވަހަކަށް މަަސައްކަތް ހުއްޓައިލަން އަންގާ. ބައެއް ފަހަރު ތިން މަސް ދުވަހަށް އަނެއްބައި ފަހަރު އެ އަށް ވުރެ ވެސް މާ ދިގު މުއްދަތަކަށް،"--- އަނޮން

އަނޮން ވިދާޅުވި ގޮތުގައި، ފްލެޓުތަކުގެ މަސައްކަތާ ހަވާލުވާން ދިވެހި ކުންފުންޏެއް މިހާރު ވެސް ތައްޔާރަށް އެބައޮތެވެ. އެ ކުންފުންޏާ އެކު، ކުރަންޖެހޭ ހުރިހާ މަޝްވަރާއެއް ނިމިފައިވީ ނަމަވެސް ފްލެޓުތަކުގެ ޑިވެލޮޕަރު (ސިފްކޯ އާއި ޕޮލްކޯ) ގެ ހުއްދަ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ޕޮލްކޯ އަދި ސިފްކޯގެ އެޕްރޫވަލް ނުހޯދާއި ހަވާލުކުރާކަށް. އެ މީހުންނަށް އިތުބާރު ކުރެވޭ ކުންފުންޏަކަށް ސަބްކޮންޓްރެކްޓަރު ވާން ޖެހޭ،" އަނޮން ވިދާޅުވި އެވެ.

މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުން ސަަބްކޮންޓްރެކްޓަރަކަށް ދީފި ނަމަ ފްލެޓުތައް ނިންމަން ކިހާ ދުވަހެއް ހޭދަވާނެ ކަމަށް ލަފާ ކުރެއްވޭތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މި އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށެވެ.

ސިފައިންނާއި ފްލެޓުތަކަށް އެއް އަހަރުގެ ތެރޭގައި ވަދެވޭވަރު ކުރާނެ ކަމަށް 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެ އެވެ. އެކަމަކު، ނޮވެމްބަރު 17، 2018 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން، އެ މުއްދަތު ފަހަނައަޅައި ދިޔައިރު އެކަން އަދި މި ސަރުކާރަކަށް ވެސް ކާމިޔާބެއް ނުކުރެވެ އެވެ.

ސިފައިންނާއި ފްލެޓުތަކުގެ މަސައްކަތް ނުނިމި އެތައް ދުވަހެއް ވެފައިވާއިރު، އެކަމުގައި ގެންގުޅޭ ބިދޭސީންނަށް މުސާރަ ނުދެވުމުގެ މައްސަލަ މިހާރު ވެސް ވަނީ ކުރިމަތިވެފަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މީހުން ވަނީ ދެ ފަހަރެއްގެ މަތިން އިހުތިޖާޖު ކޮށްފަ އެވެ.

އެހެންވެ، އައިލެންޑު އެކްސްޕާޓުން މިހާރު ނިންމާފައި ވަނީ މުސާރަ ދިނުމަށްޓަކައި ކުންފުނީގެ ބައެއް މުދާތައް ވިއްކާލުމަށެވެ.