Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބޯހިޔާވަހިކަމުގެ "ކޮޅެއް މެދެއް ނޭނގޭ" ދެ މަޝްރޫއު

ބޯހިޔާވަހިކަމުގެ "ކޮޅެއް މެދެއް ނޭނގޭ" ދެ މަޝްރޫއު

04 މާޗް 2021

ސެޕްޓެމްބަރު 2-3، 2013 އަކީ ފުލުހުންނާއި ސިފައިންގެ އެތައް ސަތޭކަ ބަޔަކަށް ވަރަށް އުފާވެރި ދެ ދުވަހެވެ. ރާއްޖޭގެ ސަލާމަތީ ދެ ބާރުގެ 600 މީހުންނަށް އަމާޒުކޮށް ހުޅުމާލޭގައި ފްލެޓްތަކެއް އެޅުމުގެ އަމަލީ މަސައްކަތާ ހަމައަށް ދިޔަކަމުގެ ފުރަތަމަ ހެކި ފެނުނީ އެ ދެ ދުވަހު އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ސެޕްޓެމްބަރު 2-3، 2013 އަކީ ފުލުހުންނާއި ސިފައިންގެ އެތައް ސަތޭކަ ބަޔަކަށް ވަރަށް އުފާވެރި ދެ ދުވަހެވެ. ރާއްޖޭގެ ސަލާމަތީ ދެ ބާރުގެ 600 މީހުންނަށް އަމާޒުކޮށް ހުޅުމާލޭގައި ފްލެޓްތަކެއް އެޅުމުގެ އަމަލީ މަސައްކަތާ ހަމައަށް ދިޔަކަމުގެ ފުރަތަމަ ހެކި ފެނުނީ އެ ދެ ދުވަހު އެވެ.

ސެޕްޓެމްބަރު 2 ގައި، ސިފައިންނަށް ހާއްސަކޮށްގެން 300 ފްލެޓްގެ ބިންގާ، އޭރުގެ ރައީސް މުހައްމަދު ވަހީދު އިސްވެ ހުންނަވައި އެޅުއްވި އެވެ. އަރިހުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުންނެވި އެވެ.

ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ރޭ، އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އިސްކޮށް ހުންނަވައި ފުލުހުން ބޭއްވީ، ސިފައިންގެ ފްލެޓްތަކާ އިންވެގެން ފުލުހުންނަށް ހަދައިދޭ 300 ފްލެޓް ލިބޭ މީހުންނަށް ލިއުން ދިނުމުގެ ރަސްމިއްޔާތެވެ. އެކަމަކު "ބްލޫ ހައުސިން ސްކީމް"ގެ ނަމުގައި ފުލުހުން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2014 ގަ އެވެ.

އެ އަހަރުގެ ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި އޮއްވާ، ސަލާމަތީ ދެ ބާރުގެ ގިނަ އަދަދެއްގެ ބަޔަކަށް، 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރީ ނޫމަޑި ނަމަކަށް ކިޔާ "ގޮތް ނޭނގޭ" ކުންފުންޏަކާ އެވެ. ކުރީގެ ސަރުކާރުތަކުން ހިންގި މުއާމަލާތްތަކަކާ ގުޅިގެން ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށައެޅި މައްސަލައަކުން "ސަލާމަތްވާން"، މިހާރުގެ ސަރުކާރުން ނޫމަޑި މަޝްހޫރުކޮށްދިނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ)ގެ ބަދަލެއް ދީގެންނެވެ.

އެ ނޫމަޑިއާ ހަވާލުކުރި ކޮންމެ މަޝްރޫއުއަކުން ވެސް ދައްކައިދެނީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ތަނެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ 600 ފްލެޓްގެ މަސައްކަތް ވެސް ފަށައި، ވަކި ހިސާބަކުން އެހެން ބަޔަކާ ހަވާލުކޮށް، ބޯދަމައިގަތީ އެވެ. އޭސީސީގެ ރިކޯޑްތަކުން ފެންނަ ގޮތުގައި، އޭގެ ތެރެއިން ސިފައިންގެ ފްލެޓްތައް އަޅަން އެޑްވާންސަށް ދެއްކި 125 މިލިއަން ރުފިޔާގެ ތެރެއިން، އެހާތަނަށް ހޭދަކުރި 33 މިލިއަން ރުފިޔާ ކަނޑާފައި ބާކީވާ 92 މިލިއަން ރުފިޔާ ނޫމަޑިން ސިފައިންނަށް ދައްކަން ޖެހޭކަން އޮތީ ސާބިތުވާށެވެ.

ފުލުހުންގެ ރަސްމީ ހަފުލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި، ކޮމިޝަނަރު ވިދާޅުވީ އަށް މަސް ދުވަހުގެ ތެރޭގައި ފްލެޓްތައް ނިމޭނެ ކަމަށް --ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ ރަސްމީ ހަފުލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި، ކޮމިޝަނަރު ވިދާޅުވީ އަށް މަސް ދުވަހުގެ ތެރޭގައި ފްލެޓްތައް ނިމޭނެ ކަމަށް --ފޮޓޯ: ރައީސް އޮފީސް

ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި، ބަރިއަކަށް އަޅާފައި ހުރި 14 ބުރީގެ ހަ އިމާރާތަށް ބަލައިލުމުން އެ ފެންނަނީ ނޫމަޑި އާއި އޭގެ ފަހުން އެ މަޝްރޫއުއާ ހަވާލުވި ތައިލެންޑްގެ އައިލެންޑް އެކްސްޕާޓްގެ ފެންވަރެވެ. އަދި ފައިސާ ހޯދޭނެ ގޮތްތަކެއްގެ ޔަގީންކަން ނެތި، ސިފައިންނާއި ފުލުހުން އަމިއްލައަށް ފަށައި، އެންމެ ފަހުން ސަރުކާރުން މާލީ ޒިންމާއާ ހަވާލުވާން ޖެހުމުން ދިމާވާ މައްސަލަތަކެވެ. އެ ކުންފުނިތަކާ އެކު ސިފައިންނާއި ފުލުހުން އެއްބަސްވުންތައް ހެދީ ދެ މަޝްރޫއުގެ ހަރަދުގެ ވަކި ވަރެއް ދައްކާފައި އަނެއް ބައި، ވަކި މުއްދަތަކަށް ބަހާލައިގެން ދޭ ގޮތަށެވެ. ނަމަވެސް ނޫމަޑި އާއި އައިލެންޑް އެކްސްޕާޓަކީ ވެސް، އަމިއްލަ ފައިސާގައި އެވަރުގެ މަޝްރޫއުތަކެއް ހިންގޭ ފަދަ މާލީ ގާބިލްކަން ހުރި ބައެއް ނޫންކަން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ހަވާލުކުރި ގެދޮރު އެޅުމުގެ މަޝްރޫއުތަކުން ވެސް އޮތީ ފެންނާށެވެ.

އަށް ވަނަ އަހަރަށް އެޅުނު އިރު ވެސް ފްލެޓްތަކުގެ މަސައްކަތް ނުނިމޭތީ އަދި ނިމޭނެ ދުވަހެއް ވެސް ނޭނގޭތީ، ސިފައިންނާއި ފުލުހުން އަދިވެސް ތިބީ ހުވަފެނެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރުގައި ވެސް ފެންނަނީ ދޭތެރެދޭތެރެއިން ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު، ސިފައިންނާއި ފުލުހުންގެ ވެރިންނާ އެކު އެ ފްލެޓްތަކަށް ޒިޔާރަތްކުރައްވައި، ދެއްވާ ހަގީގަތަކަށް ނުވި އުއްމީދުތަކެވެ. މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ފުލުހުންގެ ފްލެޓް އިމާރާތަށް ޒިޔާރަތްކުރެއްވި އެވެ.

ސަލާމަތީ ދެ ބާރުން ވެސް މި މަޝްރޫއު ހިންގަނީ އެ ދެ މުއައްސާގެ އެތެރޭގައި ހަދާފައި އޮންނަ މުވައްޒަފުންގެ ކޯޕަރޭޓުންނެވެ. ސިފައިންގެ ފްލެޓްތައް ސިފްކޯ އަދި ފުލުހުންގެ ފްލެޓްތައް ޕޮލްކޯ އިންނެވެ. އެކަމަކު އެއީ އެހާ ބޮޑެތި މަޝްރޫއުތަކެއް ބޮލުއަޅައިގެން އުޅެވޭވަރުގެ ގާބިލްކަމެއް ނެތް ދެ ކޯޕަރޭޓަށް ވުމުން، މާލީ ބިޔަ ޒިންމާ ނަގަން ޖެހިފައި މި އޮންނަނީ ސަރުކާރަށެވެ.

މި ދެ މަޝްރޫއުގެ އަސްލު ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ. އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވުމުން ހުޅުމާލޭގައި ކުރި ހަޅުތާލާ ގުޅިގެން ބައެއް ނިންމުންތައް ސިފްކޯ އާއި ޕޮލްކޯ އިން ވެސް ނިންމައިފި އެވެ. އޭގެ ތެރޭގައި އައިލެންޑް އެކްސްޕާޓާ އެކު އޮތް އެއްބަސްވުންތައް އުވާލައި، އަލުން އެހެން ކުންފުނިތަކަށް ދޭން ނިންމުން ހިމެނެ އެވެ. ސިފައިންގެ ފްލެޓްތަކުގައި، އަލުން މަސައްކަތް ފެށީ އެފަދަ ނިންމުންތަކަކާ އެކު އެވެ. ނަމަވެސް އާންމުންނަށް "ސިއްރުން" ހިންގާ ސިފްކޯ އާއި ޕޮލްކޯ އިން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

"މިހާރު"ން ފުލުހުންގެ މީޑިއާގެ އިސް އޮފިޝަލަކާ ސުވާލުކުރީމެވެ. އެކަމަކު މަޝްރޫއުއާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެއްވި އެވެ. ފުލުހުންގެ ފްލެޓްތައް ލިބުނު މީހުންނަށް ހާއްސަ ވައިބަ ގްރޫޕެއްގައި ޖެނުއަރީ މަހު ޕޮލްކޯގެ އިސް ވެރިޔަކު ލިއުއްވި މެސެޖުން އެނގެނީ އައިލެންޑް އެކްސްޕާޓާ އެކު ވެފައި އޮތް އެއްބަސްވުން ރަސްމީކޮށް އުވާލައި، ސައިޓްގެ ހާއްސަ އޮޑިޓެއް ހަދަން ދެ ހަފުތާ ދިން ކަމެވެ. އައިލެންޑް އެކްސްޕާޓާއި ޕޮލްކޯއަށް އެކަމާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ އޮޑިޓް ހަދަން މިނިވަން ބަޔަކު އައްޔަންކުރަން ޖެހެ އެވެ.

"އެއް ހަފުތާ ތެރޭގައި އެކަން ވެސް ނުވެއްޖެ ނަމަ، އޮޑިޓް ކުރާނީ ޕޮލްކޯ އިންނެވެ. ފަހު ގޮތަކީ އެއީ އެވެ،" އެ މެސެޖްގައި ލިއެފައިވެ އެވެ.

އޭގެ ދެ މަސް ވާން ކައިރިވަނީ އެވެ. އެކަމާ ބެހޭ ގޮތުން މީޑިއާއަށް ފުލުހުން އެއްވެސް މައުލޫމާތެއް ދޭކަށް ބޭނުމެއް ނުވެ އެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައި ކޮން ވިޔަފާރިގަނޑެއް؟

ރާއްޖެ އަކީ މިސްރާއި ބަރުމާ އަދި ޕާކިސްތާން ކަހަލަ، އަސްކަރީ ވެރިކަމެއް ނުވަތަ އަސްކަރީ ބާރުގައި ވެރިކަން ހިންގާ ގައުމެއް ނޫނެވެ. އެފަދަ ގައުމުތަކުގައި އަސްކަރީން ބޮޑެތި ވިޔަފާރިތައްކޮށް، ފެކްޓަރީތައް ވެސް ހިންގާ ހަދަ އެވެ. އެކަމަކު ރާއްޖެއަކީ ސިފައިންގެ ވެރިކަން ހިންގާ އަދި ވެރިކަން ހިންގުމުގެ ބާރުތަކުގެ ތެރޭގައި ސިފައިންގެ ޒިންމާއެއް ވެސް ނެތް ގައުމެކެވެ. އެހެންކަމުން ސިފައިންނާއި ފުލުހުންގެ ތެރޭގައި ކޯޕަރޭޓް ހަދައި، ނުއުފުލޭ ވަރުގެ މާލީ ބޮޑެތި މަޝްރޫއުތައް ހިންގަން ހަވާލުކުރުމަކީ، ދެ މުއައްސަސާގެ އެތެރޭގައި ހިޔާނާތަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

ސިފައިންނާއި ފުލުހުންނަށް ބައެއް ކަންކަމުގައި އެހީތެރިވުމުގެ ޒިންމާ އުފުލާ ގޮތަށް، ކޯޕަރޭޓްތައް ހިންގުމުގައި މައްސަލައެއް ނެތެވެ. އެކަމަކު ފްލެޓް މަޝްރޫއުއަށް ބަލާއިރު، އެއިން ކޮންމެ ކޯޕަރޭޓަކުން އެ ހަވާލުވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހިމެނޭ ޒިންމާއަކާ އެވެ. އެފަދަ ބޮޑު ކަމެއް އެވަރުގެ ކޯޕަރޭޓްތަކާ ހަވާލުކުރުމަކީ، އިމާރާތްކުރުމުގެ ދާއިރާާގެ ބައެއް ތަޖުރިބާކާރުން ވެސް ބުނާ ގޮތުގައި، މައްސަލައެކެވެ. އެއީ ފުލުހުންނާއި ސިފައިން ކުރަން ޖެހޭނެ ކަމެއް ވެސް ނޫނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އާއި އޭރު ފުލުހުންގެ ބައެއް އިސް ވެރިން، ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ބައްލަވާލައްވަނީ: މި ގޮތަށް ފުލުހުންގެ އެކި ވެރިން ދޭތެރެ ދޭތެރެއިން އެތަނަށް ވަޑައިގަތަސް، އަދިވެސް ތަން ނިމޭ ގޮތެއް ނުވޭ --ފައިލް ފޮޓޯ

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އާއި އޭރު ފުލުހުންގެ ބައެއް އިސް ވެރިން، ހުޅުމާލޭގައި އަޅާ ފުލުހުންގެ ފްލެޓްތައް ބައްލަވާލައްވަނީ: މި ގޮތަށް ފުލުހުންގެ އެކި ވެރިން ދޭތެރެ ދޭތެރެއިން އެތަނަށް ވަޑައިގަތަސް، އަދިވެސް ތަން ނިމޭ ގޮތެއް ނުވޭ --ފައިލް ފޮޓޯ

އެކަމަކު 2013ގެ ރިޔާސީ އިންހާބު ބޯމަތިވި އިރު ސިފައިންނާއި ފުލުހުންގެ ވޯޓު ކަށަވަރުކުރަަން ސިޔާސީ އުކުޅެއް އޮތީ ބޭނުންވެފަ އެވެ. އެހެންކަމުން ފަހުން ވެދާނެ ގޮތަކަށް ވިސްނާލުމެއް ނެތި ދެ މަޝްރޫއު، އަޑި ނޭނގޭ ކުންފުންޏަކާ ހަވާލުކޮށްގެން ފެށީ އެވެ.

މިހާރު އެ ހަ އިމާރާތް އޭގެ ޒާތުގައި ބިނާކުރުމުގެ އިތުރުން އަލަށް ވެރިކަމާ ހަވާލުވާ ބޭފުޅުންގެ ބައެއް ވައުދުތައް ވެސް ބިނާކުރައްވަނީ އެ އިމާރާތްތަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ކުރިން އޮގަސްޓް 11، 2018 ގައި ވައުދުވެވަޑައިގަތީ، އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެތަންތަނަށް ސިފައިންނާއި ފުލުހުންނަށް "އެއް އަހަރުގެ ތެރޭގައި ވަދެވޭވަރު ކުރާނެ" ކަމަށެވެ.

"އެބަހުރި ދެ އަހަރު އެޑްވާންސް، [ފުލުހުންނާއި ސިފައިންގެ] މުސާރަ އިން ކަނޑާފައި. އެއިން އެއްވެސް ފުލުހަކަށް، ސިފައިންގެ މީހުންގެ އާއިލާއަކަށް [އެތަންތަނަށް އަދިވެސް] ވަދެވޭކަށެއް ނެތް،" އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ. އާ ވެރިކަމާ އެކު ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު (އޭރު އެކްޓިން ކޮމިޝަނަރު) މުހައްމަދު ހަމީދު ވެސް ފްލެޓްތަކަށް ޒިޔާރަތްކުރެއްވި އެވެ. ޖެނުއަރީ 2019 ގައި ކޮމިޝަނަރު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެތަންތަނަށް ފުލުހުންގެ އާއިލާތަކަށް ވަދެވޭނެ ކަމަށެވެ.

އޭގެ ފަހުން ދެ އަހަރު ވީ އެވެ.

މި ދެ އަހަރުގެ ތެރޭގައި ޕޮލްކޯގެ ކަންކަމާ ހަވާލުވެ ހުރި މުވައްޒަފަކު ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއްގެ ފައިސާގައި "ޖެހުނުކަމު"ގެ އަޑުތަކެއް އެރި އެވެ. ނަމަވެސް ފުލުހުންގެ އެތެރޭގެ ކަމަކަށް ވާތީ އެއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ.

ދެ ކޯޕަރޭޓުން ހަވާލުވާ ގޮތަށް އޮތަސް މަޝްރޫއުއަށް ހޭދަކުރަނީ ދައުލަތުގެ ފައިސާ އިންނެވެ. އެހެންކަމުން މި ދެ މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ހާމަކުރަން އެބަ ޖެހެ އެވެ. އެއީ ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކަމަކަށް ވިޔަސް، މާލީ ޒިންމާ މި ނަގަނީ ދިވެހި ރައްޔިތުންނެވެ. ޕޮލްކޯ އާއި ސިފްކޯ ކުރިއަށް ނެރެގެން ސަލާމަތީ ދެ ބާރަށް ނުކުރެވޭ ވަރުގެ ކަންކަމުގެ ތެރެއަށް ވަދެ، ހިންގަން އުޅެގެން މިއަށް ވުރެ ބޮޑު "ލަނޑެއް" ރާއްޖޭގެ ތާރީހުގައި ވެސް ލިބިފައެއް ނެތެވެ.

އަށް އަހަރެވެ. ކުޑަ މުއްދަތެއް ނޫނެވެ. ދެ ސަރުކާރު އަތުވެއްޖެ އެވެ. ތަފާތު އެތައް ބޭފުޅުންނެއް، ޑިފެންސާއި ހޯމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންފި އެވެ. ޗީފް އޮފް ޑިފެންސް ފޯސް އާއި ޕޮލިސް ކޮމިޝަނަރުކަމުގެ ޒިންމާ ވެސް، މި މުއްދަތުގައި، އެތައް ބޭފުޅަކު ނަންގަވައިފި އެވެ. އެކަމަކު ހަ އިމާރާތް އަދިވެސް އެހުރީ މަސައްކަތް ހިނގާ ސައިޓްތަކެއްގެ ގޮތުގަ އެވެ. ކޮޅެއް މެދެއް ނޭނގޭ ދެ މަޝްރޫއު އެވެ.