Roadha Mihaaru
ވައްޑެ އާއި ޝުޖާއު ކައުންސިލުން "ވަކިކޮށްފި"

ވައްޑެ އާއި ޝުޖާއު ކައުންސިލުން ވަކިކޮށްފައިވާ ކަމަށް ސުލޫކީ ކޮމެޓީން އަންގައިފި

21 އޮކްޓޯބަރ 2016

ދެ ބައިވެފައިވާ ޕީޕީއެމްގައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ވަހީދުގެ އިބްރާހިމް (ލޯޔަރު ވައްޑެ) އާއި އިބްރާހިމް ޝުޖާއު އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިކުރަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ސުލޫކީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ ބައިވެފައިވާ ޕީޕީއެމްގައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ވަހީދުގެ އިބްރާހިމް (ލޯޔަރު ވައްޑެ) އާއި އިބްރާހިމް ޝުޖާއު އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަކިކުރަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ސުލޫކީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕާޓީގެ ނައިބު ރައީސް ކަމަށް މައުމޫން ފެކްޝަނުން އައްޔަންކުރި ވައްޑެ އާއި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ޕާޓީގެ ކައުންސިލުން ވަކިކުރަން ރައީސް ޔާމީން ފެކްޝަނުން ނިންމީ އެ ދެ ބޭފުޅުންނާ ދެކޮޅަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ސުލޫކީ ކޮމެޓީއަކީ ރައީސް ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ކޮމެޓީއެކެވެ. އެކަމަކު މައުމޫން ފެކްޝަނުން ކުރިން ވަނީ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، ސުލޫކީ މައްސަލަ ބަލަން ވަގުތީ ކޮމެޓީއެއް ނަގައިފަ އެވެ.

ވައްޑެ އާއި ޝުޖާއު ކައުންސިލް މެމްބަރުކަމުން ވަކިކުރީ ޕާޓީގެ ވިޕްލައިނާ ޚިލާފަށް މަޖިލީހުގައި ވޯޓު ދިނުމާއި ޕާޓީ އާއި ސަރުކާރު ބަދުނާމުކޮށް ވާހަކަ ދެއްކުމާއި ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކުރި ހުކުމަށް ގޮން ޖަހައި، ގަވާއިދާ ޚިލާފަށް ނިންމާ ކަންކަމުގައި ބައިވެރިވެ، މަގާމުތަކާ ހަވާލުވި ކަމަށް ބުނެ އެވެ.

ރައީސް ޔާމީން ފެކްޝަނުން ޕާޓީއަށް އައްޔަންކުރި ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ސޮއިކުރައްވައި ވައްޑެ އާއި ޝުޖާއުއަށް ފޮނުވި ސިޓީގައިވަނީ އެ ދެ ބޭފުޅުން ކައުންސިލުން ވަކިކުރަން ކޮމެޓީން ނިންމާފައިވާތީ އެ ބޭފުޅުން ކައުންސިލް މެމްބަރުކަމުން ވަކިވެފައިވާ ކަމަށެވެ.

ޕާޓީގެ ތެރޭގައި ދެ ފެކްޝަނާ އެކު ދެ ކައުންސިލެއް ވެސް އުފެދިފައިވާއިރު އެއް ކައުންސިލަކުން ނިންމާ ނިންމުންތަކާއި ޚިލާފަށް އަނެއް ކައުންސިލުން ދަނީ ނިިންމުންތައް ނިންމަމުންނެވެ. އަދި ދެ ކައުންސިލުން ވެސް ޕާޓީގެ މަގާމުތައް އައްޔަން ކުރަމުންދާއިރު އަސްލު ޕީޕީއެމަކީ ކޮބައިކަން އޮޅޭ ހިސާބަށް ވަނީ ގޮސްފަ އެވެ.

ޕާޓީ ހިންގުން ރައީސް ޔާމީން ހަވާލުކޮށް، ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލަ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު ވެސް އޮންނާނެ އެވެ.