Roadha Mihaaru
އެމިނެމްގެ އާ ލަވައިގައި މާސްކް ނާޅާ މީހުންގެ ވާހަކަ

އެމިނެމްގެ އާ ލަވައިގައި މާސްކް ނާޅާ މީހުންނާއި ފުލުހުންގެ އަނިޔާގެ ވާހަކަ

13 ޖުލައި 2020

އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުން މަދެއް ނުވެ އެވެ. ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލަނބާ މީހުންގެ އަދަދު ވެސް ނިސްބަތުން މަދެވެ. މާސްކް އަޅަން ތަކުރާރުކޮށް އިލްތިމާސްކުރަމުން ދިޔަ ނަމަވެސް، މާސްކް ނާޅަން ރައްޔިތުންނަށް ނަމޫނާ ދައްކަވައި، ގަދަ ފައިވިއްދަވާ އެއް ބޭފުޅަކީ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުން މަދެއް ނުވެ އެވެ. ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބޯލަނބާ މީހުންގެ އަދަދު ވެސް ނިސްބަތުން މަދެވެ. މާސްކް އަޅަން ތަކުރާރުކޮށް އިލްތިމާސްކުރަމުން ދިޔަ ނަމަވެސް، މާސްކް ނާޅަން ރައްޔިތުންނަށް ނަމޫނާ ދައްކަވައި، ގަދަ ފައިވިއްދަވާ އެއް ބޭފުޅަކީ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ކޮވިޑުން އަމިއްލަ އަށް ރައްކާތެރިކަން ހޯދުމާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ވެސް ބަލި ފެތުރިޔަ ނުދިނުމަށް އެންމެ މުހިއްމު ވަސީލަތަކީ މާސްކެވެ.

ދެން އޮތީ ޓްރަމްޕް ދައުރުގައި ފުލުހުންގެ އަނިޔާގެ ވާހަކަ އެވެ. ކަޅު ނަސްލު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ކެމްޕޭންތަކުގެ ވާހަކަ އެވެ. މި ފަހުން ވެސް ކަޅު ނަސްލުގެ އެތައް ބައެއްގެ ފުރާނަ ފުލުހުންގެ އަނިޔާގައި ވަނީ ގެއްލިފަ އެވެ.

މިއީ އެމެރިކާގައި ހުރި ބޮޑެތި މައްސަލަތަކެވެ. އެ ގައުމުގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ރެޕާ އެމިނެމްގެ އާ ލަވައިގައި އަލިއަޅުވާލާފައި ވަނީ މި މައްސަލަތަކަށެވެ. "ދި އެޑްވެންޗާޒް އޮފް މޫން މޭން އެންޑް ސްލިމް ޝޭޑީ" ގެ ނަމުގައި ހުކުރު ދުވަހު ނެރުނު ލަވައިގައި ވަނީ މާސްކް ނޭޅުމާއި ފުލުހުންގެ އަނިޔާތަކާ ދެކޮޅު އެތައް ޝުއޫރެއް ބަންޑުންކޮށްލައިފަ އެވެ.

މިހާތަނަށް 15 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އެމިނެމް، 47، ގެ އާ ލަވަ ގެނެސްދީފައި ވަނީ ރެޕާ ކިޑް ކަޑީ، 36، ގުޅިގެންނެވެ. އެމިނެމްގެ އެންމެ ފަހުގެ އަލްބަމަކީ ޖެނުއަރީގައި ރިލީޒްކުރި އޭނާގެ 11 ވަނަ އަލްބަމް "މިއުޒިކް ޓު ބީ މާޑާޑް ބާއި" އެވެ.

އެމެރިކާގައި މި ވަގުތި ހުތި އެންމެ ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ދެ ފަންނާނުން ބަންޑުންކޮށްލި ޝުއޫރުތައް އަޑުއަހައިލާށެވެ. ކޮންމެވެސް ވަރެއްގެ އިބުރަތަކަށް ވެދާނެ އެވެ.