Roadha Mihaaru
މައުމޫންގެ މެސެޖް: އިންސާފުން މައްސަލަ ނިންމައިދީ!

ހުކުމުގެ ކުރިން މައުމޫންގެ ބަސް: އިންސާފުން މައްސަލަ ނިންމަވައިދެއްވާ!

22 އޮކްޓޯބަރ 2016

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ނިންމައިދޭން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް، ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ނިންމައިދޭން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.

ޕީޕީއެމް ދެ ބައިވެފައި ވަނިކޮށް އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ޕާޓީގެ އަމިއްލަ މެމްބަރަކު ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލިއިރު ފަހު ބަސް ބުނަން ދިން ފުރުސަތުގައި މައުމޫންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.

މައުމޫންގެ ޚާއްސަ މެސެޖެއް ކަމަށް ވިދާޅުވެ، ޝަރީއަތުގައި ޔުމްނާ ވިދާޅުވީ އެންމެންނަކީ ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށާއި އެހެންވެ އެ މައްސަލަ ނިންމާއިރު ހަމަހަމަ ކަމާއި އިންސާފުވެރި ކަމާ އެކު ނިންމައިދޭން މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފް ކުރަން މައުމޫން އަމިއްލައަށް ހުށަހެޅުއްވި މައްސަލަ ވެސް ކުރިއަށް ގެންގޮސްދޭން އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ ހުއްޓުމަކަށް ގެންނެވީ މައުމޫން ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅިއިރު ޕާޓީގެ މަސައްކަތްތައް ދިޔައީ ކުރަމުން ކަމަށާއި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ޕީޕީއެމުން ކުރަމުން ދިޔަ ކަމަށެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު މުއިއްޒު ކޯޓުން ނުކުންނަވަނީ: --މިހާރު ފޮޓޯ/ނިޝާން އަލީ

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު މުއިއްޒު ކޯޓުން ނުކުންނަވަނީ: --މިހާރު ފޮޓޯ/ނިޝާން އަލީ

ހުރިހާ ފަރާތެއްގެ ވާހަކަތައް އަޑުއެހުމަށް ފަހު، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

އިސް ފަނޑިޔާރު ދީދީގެ އިތުރުން ބެންޗުންގެ ދެން ތިއްބަވަނީ ފަނޑިިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މައުމޫނަށް ނޭނގި މައްސަލަ އިސްތިއުނާފްކުރި ވާހަކަ ނުދެއްކުނު

މައުމޫނަށް އެނގިވަޑައިގަތުމެއް ނެތި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރި އައްބާސް ވާފިރަކީ ދަށު ކޯޓުގައި ޕީޕީއެމާ ދެކޮޅަށް ދައުވާކުރި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންގެ ތެރެއިން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ގާތް މީހެއް ކަމަށާއި އެހެންވެ އައްބާސްގެ ނިޔަތަކީ އިސްތިއުނާފްގެ ހައްގު މައުމޫނަށް ގެއްލުވާލުން ކަމަށް މައުމޫންގެ ވަކީލުން މިއަދު ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ހެކި އެބަހުރި ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސްނުއްސުއޫދު އެ ވާހަކަ ދައްކަވަން ފެއްޓެވުމުން އިސް ފަނޑިޔާރު ދީދީ ވަނީ ސުއޫދު ހުއްޓުވައި، އެ ނުކުތާއާ ބެހޭ ގޮތުން ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އައްބާސްގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ވިދާޅުވެ، އެ ވާހަކަ ދައްކަވަން ސުއޫދު ތަކުރާރުކޮށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އިސް ފަނޑިޔާރު ވަނީ ސުއޫދުގެ އެ ވާހަކަ ހުއްޓުވައިފަ އެވެ. އަދި ކޯޓު ހުރުމަތް ކެނޑޭތޯ ބެލުމަކީ ކޯޓުން ކުރާނެ ކަމެއް ކަމަށާއި އެ ނުކުތާގައި އިތުރަށް ވާހަކަ ނުދައްކަވަން އިސް ފަނޑިޔާރު އެންގެވި އެވެ.

އެ ހުކުމާ ބެހޭ ގޮތުން މައުމޫންގެ ވަކީލުންގެ ޓީމުން މިއަދު ވެސް ފާހަގަކުރި މައިގަނޑު މައްސަލައަކީ އަސާސީ ގަވާއިދުގައި ނެތް ބާރެއް ރައީސް ޔާމީނަށް ހަވާލުކޮށްފައި އޮތް އޮތުމެވެ. ރައީސް ޔާމީނާ ޕާޓީ ހަވާލު ނުކުރިޔަސް ކުރެވޭނެ އެތައް ކަމެއް އެބަހުރި ކަމަށާއި އެކަމަކު އެއިން އެއްވެސް ގޮތަކަށް ކޯޓުން ނުބަލާ ކަމަށް މައުމޫންގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ގަވާއިދުގައި ނެތް ކަމެއް ކުރުމުގެ ބާރު ކޯޓަކަށް ނޯންނާނެ ކަމަށް މައުމޫންގެ ފަރާތްޕުޅުން ތަކުރާރުކޮށް އަންނަނީ ކޯޓުގައި ފާހަގަކުރަމުންނެވެ. އަދި ރައީސް ޔާމީނަކީ ޕާޓީ ހުއްޓުމަކަށް އައުމުގެ ސަބަބު މެދުވެރި ކުރުވި ފަރާތް ކަމަށް ވާއިރު އެމަނިކުފާނާ ޕާޓީ ހަވާލުކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އަދި މައުމޫންގެ ބާރުތައް ކޯޓުން އަތުލީ ކަމަށް މައުމޫންގެ ވަކީލުން ވިދާޅުވި އެވެ.

ދަށު ކޯޓަސް މައްސަލަ ހުށަހެޅި ދެ މެމްބަރުން ކަމަށްވާ ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ވަކީލް އަދި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ދަށު ކޯޓުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޫކޮށްލީ ޕީޕީއެމުން އަމިއްލައަށް ކަމަށެވެ. އެ ކޯޓުގައި ފާހަގަނުކުރާ އާ ކަންތައްތަކެއް މިހާރު މައުމޫންގެ ފަރާތްޕުޅުން ހައި ކޯޓުގައި ފާހަގަނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމާއި ޝާހިދުގެ ވަކީލުންގެ ޓީމު އަބްދުﷲ މުއިއްޒު (ކ) އަދި ރިޒާ ކޯޓުން ނުކުންނަނީ: ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ ޝިޔާމާއި ޝާހިދު ކޯޓުގައި އެދުމުން --ފޮޓޯ/މިހާރު

ޝިޔާމާއި ޝާހިދުގެ ވަކީލުންގެ ޓީމު އަބްދުﷲ މުއިއްޒު (ކ) އަދި ރިޒާ ކޯޓުން ނުކުންނަނީ: ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ ޝިޔާމާއި ޝާހިދު ކޯޓުގައި އެދުމުން --ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ތަމްސީލްކުރައްވާ ރިޒާ ވިދާޅުވި ގޮތުގައި ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރީ ޝާހިދާއި ޝިޔާމްގެ ފަރާތުން ދަށު ކޯޓުގައި އެދުމުން، ޕާޓީގެ މިހާރުގެ ހާލަތަށް ބަލައި އިތުރު ގޮތެއް އެކަމުގައި ނެތުމުންނެވެ.

ހައި ކޯޓުގައި ޕީޕީއެމް ތަމްސީލުކުރުމުގެ ފުރުސަތު ލިބުނީ ރައީސް ޔާމީންގެ ފެކްޝަނަށް ކަމަށް ވާތީ ޕީޕީއެމްގެ ފަރާތުން ހައި ކޯޓުގައި ވާހަކަ ދައްކަނީ ދަށު ކޯޓުގެ ހުކުމުގެ ދިފާއުގަ އެވެ. ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ ގަވާއިދުގައި ބުނާ ގޮތަށް ކައުންސިލް ބައްދަލުވުންތައް ވެސް މައުމޫން ނުބާއްވާ ކަމަށާއި ޕާޓީ ހުއްޓުމަކަށް ގެންނެވީ މައުމޫން ކަމަށެވެ.

އެއަށް ރައްދު ދެއްވައި، މައުމޫންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ބައްދަލުވުންތައް ނުބާއްވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތުމުން ކަމަށެވެ. އަދި ބައްދަލުވުމަކަށް އެދެފި ނަމަ ބައްދަލުވުން ބާއްވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

އެ ހުކުމާ އެކު ރަސްމީކޮށް ޕީޕީއެމްގައި ދެ ފެކްޝަނެއް އުފެދި، ދެ ކައުންސިލެއް މިހާރު ދަނީ ހިންގަމުންނެވެ. ކޮންމެ ފެކްޝަނަކުން ވެސް، އަނެއް ފެކްޝަން ނިންމުންތައް ބަލައިނުގަނެ، އެއް ބައެއްގެ ނިންމުންތައް އަނެއް ބަޔަކު ދަނީ "ބާތިލްކޮށް"، އަދި އާ ނިންމުންތަކެއް ނިންމަމުންނެވެ.