Roadha Mihaaru
މުހިއްމު މޮޅެއް ހޯދައި ޗެލްސީން ފައިދާ ނަގައިފި

މުހިއްމު މޮޅެއް ހޯދައި ޗެލްސީން ފައިދާ ނަގައިފި

15 ޖުލައި 2020

ލަންޑަން (ޖުލައި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ރެލިގޭޓްވެފައި އޮތް ނޯވިޗް ސިޓީ އަތުން 1-0 އިން ހޯދި މުހިއްމު މޮޅާ އެކު ޗެލްސީން ހަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ރެލިގޭޓްވެފައި އޮތް ނޯވިޗް ސިޓީ އަތުން 1-0 އިން ހޯދި މުހިއްމު މޮޅާ އެކު ޗެލްސީން ހަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުން ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވުމުން އެ ޓީމަށް އޮތީ ރޭގެ މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމުވެފަ އެވެ. އަދި މި ބުރުގައި ޗެލްސީގެ މެޗު ކުރިން އޮތުމުން ފުރުސަތުގެ ފައިދާނަގަން ވެސް އެ ޓީމުން ބޭނުންވާނެ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ހާލަތުގެ ގޮތުން މި ތިން ޕޮއިންޓް މުހިއްމުވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން ގަދަ ހަތަރެއްގެ ރޭހުގައި މި ވަގުތު އެއްވެސް ޕޮއިންޓެއް ގެއްލެން ނޭދޭ ކަމަށް ލަމްޕާޑް ބުންޏެވެ.

"މި ވަގުތު ކުޅުމެއް ދެއްކުމަށް ވުރެން ނަތީޖާ ނެރުން މުހިއްމުވެފައި މި އޮތީ. އެ ވިސްނުމުގައި ނުކުތީ އެކަން ހާސިލްވެއްޖެ. ދެން ހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރުވާންވީ މިހާ ހިސާބުން،" ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ނޯވިޗްގެ ފަރާތުން ނިސްބަތުން ބަލާއިރު ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އަދި ޗެލްސީގެ ހަމަލާތައް ހުއްޓުވުމުގައި ނޯވިޗްގެ ގޯލުގައި ހުރި ނެދަލެންޑްސްގެ ގޯލްކީޕަރު ޓިމް ކްރުލް ވެސް ތަފާތު ދައްކަމުންދިޔަ އެވެ. މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. އެމެރިކާގެ ވިންގް ކްރިސްޓިއަން ޕުލިސިޗް ނަގައިދިން ހުރަހަކުން ޖިރޫޑް މި ގޯލު ޖެހީ ބޮލުންނެވެ.

ކުރިން މޮންޓެޕިއޭ އާއި އާސެނަލަށް ކުޅުނު ޖިރޫޑަކީ މިދިޔަ ޖެނުއަރީ މަހު ޗެލްސީ ދޫކޮށްލަން ނިންމި ކުޅުންތެރިއެކެވެ. އެކަމަކު ފަހުން އޭނާ ނިންމުން ބަދަލުކޮށް މަޑުކުރީ އެވެ. އަދި ކޮވިޑް-19ގެ ސަބަބުން މި ވަގުތު އެހެން ޓީމަކަށް ބަދަލުވެ އެހެން ގައުމަކަށް ދާން ބޭނުންނުވާތީ އާއި ކޯޗު ލަމްޕާޑްގެ އެދުމުގެ މަތިން ޖިރޫޑް ވަނީ އިތުރު އެއް އަހަރަށް ޗެލްސީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

"ޖިރޫޑަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. ފުރުސަތު ނުލިބުނަސް ޝަކުވާއެއް ނުކޮށް ޓްރެއިނިންގައި އަބަދުވެސް 100 ޕަސެންޓް ދޭ ކުޅުންތެރިއެއް. އެ ތަފާތު މި ފެންނަނީ. ޕްރޮފެޝަނަލުންގެ މުހިއްމުކަން ޓީމަށް ވަރަށް ބޮޑުވާނެ. ޖިރޫޑް ވެސް ތަފާތު މި ދެއްކީ އެ ރޫހުގައި،" ލަމްޕާޑް ބުންޏެވެ.

ލީގުގައި ދެން ޗެލްސީ ކުޅެން އޮތް ދެ މެޗަކީ ރަށުންބޭރުގައި ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރާ މެޗެވެ.