Roadha Mihaaru
ޗެލްސީ 7 ގޯލު ޖެހިއިރު ވަޓްފޯޑުން އެވަޓަން ބަލިކޮށްފި

ޗެލްސީ 7 ގޯލުން މޮޅުވިއިރު ވަޓްފޯޑުން އެވަޓަން ބަލިކޮށްފި

24 އޮކްޓޯބަރ 2021

ލަންޑަން (އޮކްޓޯބަރު 24) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 7-0 އިން ނޯވިޗް ސިޓީ ބަލިކުރިއިރު، ވަޓްފޯޑުން އެވަޓަން ވެސް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޯބަރު 24) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 7-0 އިން ނޯވިޗް ސިޓީ ބަލިކުރިއިރު، ވަޓްފޯޑުން އެވަޓަން ވެސް ބަލިކޮށްފި އެވެ.

ޗެލްސީން ލީގު ތާވަލްގެ ފުލުގައި އޮތް ވަޓްފޯޑާ ދެކޮޅަށް ނުކުތީ، އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ސްވިޑްންގެ މަލްމޯއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ ނުލަ އެވެ. މި ދެކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރާގައި ހިމެނީ، އަނިޔާވެގެން އެރުވި ދެ ކުޅުންތެރިން ކަމަށްވާ ކައި ހަވަޓްޒް އާއި ކަލުމް ހަޑްސަން އޮޑޯއި އެވެ. ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން އަދި މާކޮސް އޮލޮންސޯ ވެސް މިމެޗުގައި ތިބީ ބެންޗުގަ އެވެ.

ޗެލްސީން މެޗުގެ ފުރަތަމަ ހާފުގައި ގޯލުތައް ޖެހީ މޭސަން މައުންޓާއި ހަޑްސަން އޮޑޯއިގެ އިތުރުން ފުލްބެކް ރީސް ޖޭމްސް އެވެ. ދެވަނަ ހާފުގައި ޗެލްސީން ޖެހި ހަތަރު ގޯލުގެ ތެރެއިން އެއް ގޯލަކީ ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ތިން ގޯލު ޖެހީ ބެން ޗިލްވެލް އާއި މައުންޓެވެ. މައުންޓް މި ހާފުގައި ދެ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއިރު އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ޗިލްވެލް ވަނީ އެންމެ ފަހުން އޭނާ ކުޅުނު ހަތަރު މެޗުގައި ވެސް ޗެލްސީއަށް ލަނޑު ޖަހައިދީފަ އެވެ. އަދި އުމުރުން 22 އަހަރުގެ މިޑްފީލްޑަރު މައުންޓްގެ ހެޓްރިކަކީ އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކެވެ.

ރަށުން ބޭރުގައި އެވަޓަންއާ ވާދަކޮށް ވަޓްފޯޑް ރޭގެ މެޗުން އެވަޓަން ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އެވަޓަންގެ ޓޮމް ޑޭވިސް މެޗުގެ ތިން ވަނަ މިނެޓުގައި ލީޑު ނަގާފައި ވަނިކޮށް އޭގެ 10 މިނެޓް ފަހުން ވަޓްފޯޑަށް އެއްވަރު ކޮށްދިނީ ޖޯޝުއާ ކިންގެވެ. އެއަށް ފަހު ދެވަނަ ހާފު ފެށިގެން 18 ވަނަ މިނިޓުގައި އެވަޓަން އަށް އަލުން ލީޑު ނަގައިދިނީ ރިޗާލިސަން އެވެ.

ވަޓްފޯޑުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށް އަދި ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ ފަހު 12 މިނެޓު ތެރޭގަ އެވެ. ޔުރާއީ ޚުޗްކާ 78 ވަނަ މިނިޓުގައި އެއްވަރު ކޮށްދިން އިރު އޭގެ ދެ މިނިޓް ފަހުން ލީޑު ނެގީ ކިންގުގެ ލަނޑަކުންނެވެ. މެޗުގެ 87 ވަނަ މިނިޓުގައި ކިންގް ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މިދިޔަ ސީޒަންގައި އެވަޓަން އާއި ބޯންމައުތަށް ވެސް ކުޅުނު ކިންގް 2019-2020 ވަނަ ސީޒަނަށް ފަހު ލީގުގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ.

ވަޓްފޯޑުގެ ފަހު ލަނޑު 90 ވަނަ މިނެޓިގައި ކާމިޔާބު ކޮށްދިނީ އެމަނުއެލް ޑެނިސް އެވެ.

މިއީ ކުރިން ޗެލްސީ އާއި ލެސްޓާ ސިޓީއަށް ވެސް ކޯޗު ކޮށްދިން ކްލައުޑިއޯ ރަނިއެރީ ވަޓްފޯޑުގެ ކޯޗު ކަމާ ހަވާލުވި ފަހުން އެޓީމު ހޯދި ފުރަތަމަ މޮޅެވެ. ރަނިއެރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ 5-0 އިން ލިވަޕޫލް އަތުން ބަލިވެފަ އެވެ.

މެންޗެސްޓާ ސިޓީ ވެސް ވަނީ ރޭ ބްރައިޓަންއާ ވާދަކޮށް 4-1 އިން މެޗް ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ހާފުގައި ސިޓީން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި ނަމަވެސް ދެވަނަ ހާފުގައި ބްރައިޓަން އިން ވަނީ ކުޅުން ވަރުގަދަކޮށް، ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ބޭޏްޑް އަޅައިގެން ކުޅުނު އިލްކޭ ގުންޑޯގަން އާއި ފިލް ފޯޑެންގެ އިތުރުން ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ރިޔާދު މާރޭޒް އެވެ. ފޯޑެން މިމެޗުގައި ދެ ލަނޑު ޖެހިއިރު ބްރައިޓަންގެ ހަމައެކަނި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ނިއު ކާސަލް ޔުނައިޓެޑް ވަނީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށް، އެ ޓީމުގެ އާ ވެރިންނާ އެކު ފުރަތަމަ ޕޮއިންޓެ ހޯދައިފަ އެވެ. ދެވަނަ ހާފުގައި ކްރިސްޓިއަން ބެންޓެކޭ ޕެލަސް އަށް ލީޑު ނަގައިދިން އިރު ނިއުކާސަކް އަށް އެއްވަރު ކޮށްދިނީ ކެލަމް ވިލްސަން އެވެ.

ލީޑްސް ވެސް ވަނީ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ވުލްވްސްގެ ހީ-ޗަން ހްވާންގް ޖެހި ލަނޑާ އެކު މެޗު ނިމެނިކޮށް ލިބުނު ޕެނަލްޓީ ލީޑްސް އަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.

ސައުތެމްޓަން އާއި ބާންލީ ބައްދަލުކުރި މެޗް ވެސް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ސައުތެމްޓަންގެ ގޯލުތައް ޖަހައިދިނީ ވަލެންޓީނޯ ލިވްރަމެންޓޯ އާއި އާމަންޑޯ ބްރޯޖާ އެވެ. ބާންލީގެ ދެ ލަނޑު ވެސް ޖަހައިދިނީ މެކްސްވެލް ކޯނެޓެވެ.

ހުކުރު ދުވަހުގެ ރޭ އާސެނަލް ވަނީ އެސްޓަން ވިލާއާ ވާދަކޮށް 3-1 އިން މެޗް ކާމިޔާބު ކޮށްފަ އެވެ. އާސެނަލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ތޯމަސް ޕާޓޭ އާއި ޕިއޭ އެމެރިކް އޮބާމަޔަން އަދި އެމީލް ސްމިތް ރޯ އެވެ.

މި ނަތީޖާތަކާ އެކު ޗެލްސީ އެއްވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން ހޯދި 22 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 20 ޕޮއިންޓް ލިބިފައި ވާއިރު އެއް މެޗް މަދުން ކުޅެގެން ލިވަޕޫލް ތިންވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. ނަމަވެސް މިރޭ އޯލްޑް ޓްރަފޯޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން ލިވަޕޫލަށް ޗެލްސީއާ ޕޮއިންޓަކާ ގާތަށް ޖެހިލުމުގެ ފުރުސަތު އެބަ އޮތެވެ.